ކުޅިވަރު

"ރިންގް އޮފް ފަޔަރ" މި ފައިނަލުން މޮޅުވާނީ ކޮން ބައެއް؟


ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި މިއަދަކީ މުބާރާތުގެ އެންމެ ބޮޑު ދުވަހެވެ. މުބާރާތުގައި މިއަދު ބައްދަލުކުރަނީ ދެކުނު އޭޝިއާގެ ގަދަ ދެ ބާރު އަދި އަދާވާތްތެރިކަން ބޮޑު ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނެވެ.

މި ދެ ގައުމަކީ ސިޔާސީ ގޮތުން ދެ ހަތުރުންނެވެ. މިކަން ކުޅިވަރު ދަނޑުންތަކުން ވެސް އެހާމެ ބޮޑަށް ފެނެ އެވެ. ހާއްސަކޮށް ދެ ގައުމުގެ ވެސް އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ކްރިކެޓް މެޗުތަކުގަ އެވެ.

އިންޑިޔާ އާއި ޕާކިސްތާން 50 އޯވަރުގެ ކްރިކެޓްގައި އެންމެ ފަހުން މެޗެއް ކުޅުނީ 2023 ވަނަ އަހަރު އެވެ. އިންޑިޔާގައި ބޭއްވި ވޯލްޑްކަޕުގަ އެވެ. އަހުމަދު އާބާދުގައި ކުޅުނު އެ މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކުރީ އިންޑިޔާ އެވެ. މި މެޗުގައި އެންމެ ފާހަގަ ކުރެވުނު ކަމަކީ މާސިންގާ ދަނޑަށް ޕާކިސްތާނު މީހަކަށް ވަންނަން ފުރުސަތު ނުދިން ކަމެވެ. މުޅި ދަނޑުގައި ތިބީ އިންޑިޔާ ސަޕޯޓަރުންނެވެ. އެމީހުންގެ ދިދައިގެ ކުލަ ނޫން ކުލަވަރެއް ނެތެވެ. ޕާކިސްތާން މި މެޗުން ފަސޭހަކަމާއެކު ބަލިވުމުގެ އެއް ސަބަބަކީ ވެސް އިންޑިޔާގެ ސަޕޯޓަރުންގެ ހަޅޭކުގެ އަޑަށް ކެތްނުކުރެވުމެވެ. އިންޑިޔާގައި އޮތް އެ މުބާރާތް ކަވަރުކުރަން ޕާކިސްތާނުގެ ނޫސްވެރިންނާއި ކުޅިބަލާ ސަޕޯޓަރުން ވެސް ދިއުން އޮތީ މަނާކޮށްފަ އެވެ. ޓެރަރިޒަމްގެ ތުހުމަތުގަ އެވެ.

އެކަމަކު ޕާކިސްތާނުގައި މިހާރު ކުޅެމުންދާ ޗެމްޕިއަންސް ޓްރޮފީ ކަވަރު ކުރަން ބޭނުންވި އިންޑިޔާގެ ހުރިހާ ނޫސްވެރިންނަށް ވަނީ ޝަރުތެއްނެތި ހުއްދަދީފަ އެވެ. އެކަމަކު މުބާރާތް ކުޅޭ ޕާކިސްތާނުގެ އެއްވެސް ދަނޑެއްގައި އިންޑިޔާގެ ދިދަ ނުނަގަން ވަނީ ނިންމާފަ އެވެ. މުބާރާތް ކުޅޭ އަނެއް ހަތް ގައުމުގެ ދިދަ ނަގައި ވިހުރުވާލި އިރު އިންޑިޔާގެ ދިދަ ނެތްކަން މީޑިޔާތަކުން ފާހަގަ ކުރުމުން ޕާކިސްތާން ވަގުތުން ދިފާއު ވެގަތީ މުނާސަބު ސަބަބެއް ދައްކައިފަ އެވެ.

ޕާކިސްތާނުން ބުނީ މުބާރާތުގެ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. މުބާރާތުގެ ވެރި ފަރާތަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ކަމަށެވެ. އެމީހުންނަށް އައިސީސީން އަންގާފައި އޮތީ ކޮންމެ ދަނޑުގައި ވެސް ކުޅޭ ދެ ޓީމާއި ޕާކިސްތާނާއި އައިސީސީގެ ދިދަ ނަގައިދިނުމަށެވެ. އިންޑިޔާގެ ދިދަ ނުނަގަނަނީ ޕާކިސްތާނުގައި އިންޑިޔާއިން އެއްވެސް މެޗެއް ނުކުޅޭތީ ކަމަށެވެ. އެއް ނަޒަރަކުން ޕާކިސްތާނުގެ މި ދިފާއުގައި ކިތަންމެހާ ވެސް ބާރު އެބަހުއްޓެވެ.

މުބާރާތުގައި އިންޑިޔާގެ ހުރިހާ މެޗެއް ވެސް ކުޅެނީ ދުބާއީގަ އެވެ. ސަބަބަކީ އިންޑިޔާ ސަރުކާރުން އެ މީހުންގެ ގައުމީ ޓީމު ޕާކިސްތާނަށް ފޮނުވަން ދެކޮޅު ހެދުމެވެ. މުބާރާތް ބާއްވާ ގައުމަކީ ޕާކިސްތާން ކަމަށްވިޔަސް ހުދު އެމީހުންނަށް ވެސް ޖެހިފައިވަނީ އިންޑިޔާ މެޗު ކުޅެން ދުބާއީ އަށް ދިއުމަށެވެ.

އެކަމަކު ދުބާއީގައި މިއަދުގެ މެޗު ކުޅޭތީވެ އިންޑިޔާ އަށްވުރެ އުފަލުން ތިބީ ވެސް ޕާކިސްތާނެވެ. މިހާތަނަށް ދުބާއީގައި ކުޅުނު އެއް ދުވަހުގެ 28 މެޗުގެ ތެރެއިން 19 މެޗު ކާމިޔާބު ކުރީ ޕާކިސްތާނެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ ޓުވެންޓީ20 ކެރިކެޓް މުބާރާތުގެ ތަށި ހޯދުން ވެސް ހިމެނެ އެވެ. މި ދެ ގައުމު ދުބާއީގައި ކުޅުނު ގިނަ މެޗުތަކަކީ ޝާރުޖާ ކަޕުގެ ފޯރިގަދަ މެޗުތަކެވެ.

ނަމަވެސް މިއަދުގެ މެޗަށް ނުކުންނައިރު އިންޑިޔާ އަށްވުރެ ޕާކިސްތާން އޮތީ ޕްރެޝަރުގަ އެވެ. ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންނަށް ވަނީ އަނިޔާވެފަ އެވެ. މޮޅުވެގެން ނޫނީ ދެ ވަނަ ބުރަށް ނުދެވޭނެ އެވެ. އިންޑިޔާ އަތުން ބަލިވެގެން ޕާކިސްތާނުގައި ބާއްވާ މުބާރާތަކުން އެ ގައުމު ކެޓުމަކީ ކިހާ ބޮޑު ލަދުވެތިކަމެއްކަން އެމީހުންނަށް ވިސްނެ އެވެ. މި މުބާރާތުގައި އިންޑިޔާ ބަލިކުރުމުގެ މުހިންމުކަން އެންމެ ސާފު ސަރީހަ ބަހުން ކުޅުންތެރިންނަށް ބުނެދިން މީހަކީ ޕާކިސްތާނުގެ ބޮޑު ވަޒީރު ޝާހުބާޒް ޝަރީފެވެ.
އަނެއްކޮޅުން އިންޑިޔާގެ އިތުބާރު ބެޓްސްމަން ޝުބަމަން ގިލް ބުނީ މިއީ މުބާރާތުގެ ފައިނަލަށްވުރެ މުހިންމު މެޗެއް ކަމަށެވެ.
މިފަދަ ސަބަބުތަކާހުރެ އިންޑިޔާ އާއި ޕާކިސްތާނުގެ މެޗުތަކަށް ކްރިކެޓް ސަޕޯޓަރުން ކިޔައި އުޅޭ ވަ ނަމަކީ ރިންގް އޮފް ފަޔާ އެވެ. މިއީ އެހާ ވެސް ވާދަވެރި ހަތުރުވެރި ކުރިމަތިލުމެކެވެ. ކޮންމެ ބަޔަކު ބަލިވިޔަސް އެކަން ވާނީ ބޮޑު ލަދަކަށެވެ.