ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބެހުމުގެ ކަންކަން ފަސޭހަކުރުމަށް ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރޯދަ ހަދިޔާ ދޫކުރުމުގެ ކަންކަން ރޭ ވަރަށް އޮމާން އަދި ފަސޭހަ އިންތިޒާމްތަކެއްގެ ތެރެއިން ކުރިއަށްގެންދެވުނު ކަމަށެވެ. މިކަމުގައި ރައްޔިތުންނަށް އިތުރަށް ފަސޭހަކޮށްދިނުމުގެގޮތުން މިރޭ 18:00 ގައި ޓޯކަން ދޫކުރަން އަލުން ފަށާއިރު ބައެއް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިރޭ ޓޯކަން ދޫކުރަން ފަށާއިރު ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެޔަށްވުރެ އިތުރުކުރާނެކަމަށެވެ. އަދި މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީޚަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީޚު އަވަސްކޮށް ރީޝެޑިއުލްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށެވެ. ހަމައެހެންމެ ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަންޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިޔަށްގެންދެވޭނެކަމަށްވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށާއި، ހުރިހާ ގޭބިސީއަކަށް ލިބެންދެން މި މަސައްކަތް ކުރިއަށްދާނެކަމަށެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެޔެއެވެ. އޭރޭ މަސްދަޅު ކޭސް މާލޭގައި ބެހީ ދެ ސެންޓަރުގައެވެ. އެއީ މިފްކޯ ކޮމްޕްލެކްސްއާއި އެމްޓީސީސީ ސޯމިލުންނެވެ. އަދި ވިލިމާލެއާއި ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައިވެސް އެއް ސެންޓަރުން ބަހަމުން ދިއުމުން، އެތައް ބަޔަކު ނިކުމެ އެ ސެންޓަރުތައް ކައިރީގައި ކިއުގައި ޖެހުނެވެ. އަދި ވަރަށް ގިނައިރު ކިއުގައި ތިބެންޖެހުމުން އެތައްބައެއްގެ ކަންބޮޑުވުން އޮތެވެ. ނަމަވެސް ސަރުކާރުން މިހާރު މިވަނީ މަސްދަޅު ބެހުމުގައި ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ޓޯކަން ދޫކޮށްގެން މަސްދަޅު ދޫކުރާ ނިޒާމެއް ޤާއިމްކޮށްފައެވެ.
• މިފްކޯ ކޮމްޕްލެކްސް (މާފަންނު)
• އެމް.ޓީ.ސީ.ސީ ސޯމިލް
• ހެންވޭރު ދަނޑު
• ގަލޮޅު ދަނޑު
• ސޯޝަލް ސެންޓަރު
• ވިލިމާލެ – ވެމްކޯ ސައިޓް
• ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ
• ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް)
• ހުޅުމާލެ – ހިޔާ ޓަވަރު 10
• ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް
މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 08:00 އިން 12:00 އަށެވެ. ސަރުކާރުން ދެއްވާ ޔަޤީންކަމަކީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް، ހުރިހާ ގޭބިސީއަކަށް ލިބެންދެން ބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމެވެ.
މަސްދަޅު ކޭސް ބަލާ ދާއިރު އެފަރާތެއްގެ އައި.ޑީ.ކާޑާއި އެއްމަހުގެ ކަރަންޓު ބިލު ގެންދިއުމަށް ވަނީ އެދިފައެވެ. އަދި އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ، (3 މީޓަރަށް) 3 މަސްދަޅު ކޭހެވެ.