ޚަބަރު

ބީއެމްއެލްގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް އިންޤިލާބީ ބަދަލެއް؛ ދެން ބޭންކަށް ދާކަށް ނުޖެހޭނެ


  • ބީއެމްއެލްއިން އައު 6 ޚިދުމަތެއް ތަޢާރަފްކުރަން ވަނީ ނިންމާފައި

  • ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކުގެ ބްރާންޗުތަކަށް ނުގޮސް ހުރިހާ ޚިދުމަތެއް ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑިޖިޓަލައިޒޭޝަން ޚިދުމަތްތައް ފުޅާކޮށް، ބޭންކަށް ނުގޮސް ހުރިހާ ބޭންކިންގ ޚިދުމަތެއް ލިބޭނެ ގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަށް ނިންމާފައިއެވެ. މި ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ރޯދަމާހައި ދިމާކޮށެވެ.

ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސް ގިނަ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އެ ބޭންކުން ވަނީ ނިންމާފައެވެ. މިހާރުވެސް އޮންލައިންކޮށް އަދި ބޭންކުގެ އެހެނިހެން ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ގިނަ ޚިދުމަތްތަކެއް ބޭންކުން ދެއެވެ. މިއާއެކު އައު 6 ޚިދުމަތެއް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ބީއެމްއެލްއިން އަލަށް ތަޢާރަފްކުރާ 6 ޚިދުމަތް

  • 1. އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން. މިހާރުވެސް އެކައުންޓެއް ހުޅުވާފައިވާ ކަސްޓަމަރުންނަށް އިތުރު އެކައުންޓްވެސް އޮންލައިންކޮށް ހުޅުވޭނެ.
  • 2. ވިޔަފާރި އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން.
  • 3. ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުން.
  • 4. ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުން.
  • 5. ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފަރ) ތެރެއިން 5 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން.
  • 6. ވިޔަފާރިތަކުން ނަގުދުފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި، ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު 2 ލައްކަ ރުފިޔާއަށް އިތުރު ކުރުން.

މީގެއިތުރުން އާންމުކޮށް ބޭންކަށް ދާންޖެހޭ ގޮތަށް މިހާތަނަށް އިންތިޒާމުވެފައި ހުރި ބައެއް ޚިދުމަތްތައްވެސް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މީގެ ތެރޭގައި ބޭންކުގެ ކަސްޓަމަރުންގެ ކާޑުތައް ބޭންކަށް ނުގޮސް ނެގޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. މިއާއެކު ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ޚިދުމަތް ދާދި އަވަހަށް ފަށާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެފައިވާއިރު، މިގޮތަށް ފޮނުވާ ކާޑުތައް އެކްޓިވޭޓްކޮށް އަދި ޕިން ބަދަލުކުރެވޭނީ އިންޓަރނެޓް ބޭންކިންގ ނުވަތަ ބޭންކުގެ އެޕް މެދުވެރިކޮށްކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

ބޭންކުގެ ޕީ.އޯ.އެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ. އަދި މަދު ފަހަރަކު ދިމާވާ ގޮތަކުން އޭޓީއެމް އިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ 1 ގަޑިއިރުތެރޭގައި އެކައުންޓަށް އަނބުރާ ޖަމާކޮށްދޭގޮތަށް ބަދަލުގެނެސްފައިވާ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

އަދި ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ޚާއްސަ ޚިދުމަތްތައް، ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް ވެސް ބީއެމްއެލްއިން ވަނީ ނިންމާފައެވެ. ކަސްޓަމަރުން ބޭންކާ މުޢާމަލާތް ކުރުމަށް 24 ގަޑިއިރުގެ ޚިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބަރ އިން މެސެޖް ކުރެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރޯދަމަހަށް ބީއެމްއެލްއިން ޚިދުމަތްތަކަށް ބަދަލު ގެންނައިރު، ރޯދަމަހުވެސް ބަނދު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ބީއެމްއެލްގެ ބްރާންޗުތައް ހުޅުވިފައި ހުންނާނެއެވެ. ރޯދަމަހު ބީއެމްއެލްއިން ބްރާންޗުތަކުން ޚިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށެވެ. ރޯދަމަހުގެ ފަހު ދިހައެއްގެ ބޭންކުން ޚިދުމަތް ދޭނީ 27 އަދި 29 ވަނަ ދުވަހުއެވެ.

ބޭންކުގެ ޚިދުމަތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާއިރު، މިހާރުވެސް ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ލޯނުތަކަށް އެޕްލައިކުރުމުގެ ޚިދުމަތްތައް ބީއެމްއެލްއިން ދަނީ އޮންލައިންކޮށް ދެމުންނެވެ. ބީއެމްއެލްއިން ވަނީ މި ބަދަލުތަކާއެކު ގޭގައި ތިއްބަވައިގެން ޚިދުމަތްތައް ހޯދުމަށް އިލްތިމާސްކޮށްފައެވެ.