ޚަބަރު

ހެލްތު ސެގްމަންޓް: ބަރުދަން ލުއިކުރަން ބޭނުންނަމަ ރަމަޟާންމަހަކީ އެކަމަށް އެންމެ ރަނގަޅު މައްސަރު


  • ހާރުކެއުމަށާއި ރޯދަ ވީއްލުމަށް ވީހާވެސް ތެޔޮ މަދުން އެކުލެވޭ ކާނާ ބޭނުންކުރުން މުހިއްމު

  • ބަރުދަން ލުއިކުރުގެ މަސައްކަތް ފެށުމުގެ ކުރިން ސިއްޙީ މާހިރެއްގެ ލަފައާއި އިރުޝާދު ހޯދުން މުހިއްމު

ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަޙައްދަށް ބަލާއިރުވެސް ބަރުދަން ބަރު މީހުން ނުވަތަ ފަލަ ބަލި މީހުން ނިސްބަތުން ގިނަ ޤައުމެކެވެ. އެގޮތުން އާބާދީގެ 50 އިންސައްތައެއްހާ މީހުން މިބަލީގެ ޝިކާރައަކަށްވަނީ ވެފައެވެ. ހެލްތު ސެގްމަންޓްގައި މިއަދު ބަލާލާނީ ބަރުދަން ލުއިކުރުމާއި ގުޅޭގޮތުންނެވެ.

ރަމަޟާން މަހަކީ ނޭދެވޭ ކަންކަމާއި ދުރުހެލިވެ ރަނގަޅު އާދަތައް އަށަގެންނެވުމުގެ މަހެވެ. އެހެންކަމުން ތިމާގެ ބަރުދަން ހުންނަންޖެހޭމިންވަރު ބަލާ އެކަމަށް ބަދަލު ގެނައުމުގެ ޢަޒުމު މިމަހުގައި އައުކުރެވިދާނެއެވެ. އެގޮތުން ބޮޑީ މާސް އިންޑެކްސްއިން އެމީހެއްގެ ބަރުދަން ހުރުން އެންމެ ރަނގަޅު މިންވަރު ދެނެގަނެ އެކަމަށްޓަކައި މަސައްކަތް މިމަހު ކުރެވިދާނެއެވެ.

އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ޢަބްދުﷲ މުޢާޒް ވިދާޅުވާ ގޮތުގައި ރަމަޟާން މަސް ނޫނަސް މިއީ ދިވެހީން ސަމާލުވާންވީކަމެކެވެ. އަދި ރަމަޟާން މަހަކީ މިބަދަލު ގެނައުމަށް މަސައްކަތް ފެށުމަށް އެންމެ ރަނގަޅު މަސްކަން އޭނާ ފާހަގަކުރައްވައެވެ. އެގޮތުން ކެއިން ބުއިމާއި ހެލިފެލިވެ އުޅުން މިމަހުގައި ރަނގަޅަށް ބަލައިގެން ކުރިއަށްގެންދެވިއްޖެނަމަ މީގެ ހެޔޮ ބަދަލު ހަށިގަނޑަށް އަންނާނެކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މިފަދަ ބަދަލެއް ގެނައުމުގެ ކުރިން ސިއްޙީ މާހިރެއްގެ ލަފައާއި އިރުޝާދު ހޯދުމަށް މުޢާޒްވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ކުއްލިއަކަށް ހަށިގަނޑަށް ބޮޑު ބަދަލެއްއައިސް ބަރުދަން ކުއްލިއަކަށް ލުއިވާނަމަ އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކޮށްފާނެ އޭނާވަނީ ފާހަގަކުރައްވާފައެވެ.

"ރަމަޟާން މަހަކީ ވަރަށް ރަނގަޅު މަހެއް ހެލފިލިވެ އުޅެން. ބަރުދަން ލުއިކުރުމުގެ ފުރުސަތުވެސް ވަރަށް ބޮޑު. ކެއިންބިއުމުގައިވެސް ރަނގަޅު އާދަތައް ހިމަނާ، ރާއްޖެއިން ލިބެން ހުންނަ ބާވަތްތަކުން ތައްޔާރުކުރާ ތަކެތި ކެއުމުގައި ހިމެނިދާނެ." މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ، ރާއްޖެއިން ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެން މިންހެޔޮ ކެއުމެއް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެޗްޕީއޭއިން ލިބޭނެކަމަށެވެ. މިގޮތުން ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ދުވަހުގެ ޝެޑިއުލް ހަމަޖެއްސުމައި ކެއިން ބުއިމަށް ގެންނާނެ ބަދަލުތައް ކަނޑައެޅުމުގައި އެޗްޕީއޭ އަދި ޑަބްލިއުއެޗްއޯއިން އާއްމުކޮށްފައިވާ މަޢުލޫމާތަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ.

އެގޮތުން ރަމަޟާން މަހު ރޯދަ ވީއްލުމާއި ހާރުކެއުމުގައި ބޭނުންކުރާ ކާނާގައި ވީހާވެސް ތެޔޮ މަދުކުރުމަކީ ކުރެވިދާނެ މުހިއްމުކަމެއްގެ ގޮތުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ޢަބްދުﷲ މުޢާޒް ފާހަގަކުރެއްވިއެވެ.