ޚަބަރު

އެސްޓީއޯ މެދުވެރިކޮށް ކާށި ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް، އެފުރުޞަތު ހުޅުވާލައިފި


  • ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެނެވޭނެ

  • މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން އަދި ޝިޕްމަންޓް އައުމުން

އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ކާށި ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް، އެފުރުޞަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ ރަމަޟާން މަހަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެސްޓީއޯއިން ވެފައިވާ ޚާއްޞަ ތައްޔާރީތަކުގެ ދަށުން ބާޒާރުގެ އާންމު ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

އެސްޓީއޯއިން ވިދާޅުވީ ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުޞަތު މިހާރު ވަނީ ހޯލްސޭލަރުންނަށް ހުޅުވާލެވިފަކަމަށެވެ. މިކަމުގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުން ކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކުންފުނިން ވިދާޅުވީ ކާށީގެ ސްޓޮކް ހޯއްދެވުމަށް ޝައުޤުވެރިވާ ހޯލްސޭލް ވިޔަފާރިވެރިން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުއްވުމުގެ އިތުރުން 7291124 އަށް ވައިބަރ މެސެޖް ކޮށްގެންވެސް ބުކްކުރެވޭނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެނެވޭނެކަމަށްށާއި، އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައިދެވޭނެކަމަވެސް އެސްޓީއޯއިން ވިދާޅުވިއެވެ. އަދި މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން ޝިޕްމަންޓް އައުމުންކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ، ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

މިހާރު ބާޒާރުގައި ކާށީގެ އަގު ވަނީ އުފުލިފައެވެ. އެގޮތުން ކާއްޓެއްގެ އަގު ހުރީ 40 އާއި 60 ރުފިޔާއާ ދެމެދު ހުރިއިރު، އެ އަގުތަކާއި ގޅިގެން، އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އެހެންކަމުން، އެސްޓީއޯ މެދުވެރިވެ ކާށި ގެނެސް ވިއްކުމުގެ މަސައްކަތް ރަމަޟާން މަސް ފެށުމުގެ ކުރިންވަނީ ފަށާފައެވެ.

ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން ފަށާފައެވެ. އަދި ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް އަންނަނީ ބާޒާރަށް ނެރެމުންނެވެ.