ޚަބަރު

ސަބަލެންކާ އާއި ގޯފް ތިންވަނަ ބުރަށް


އެމެރިކާގައި މިހާރު ކުރިއަށްދާ އިންޑިއަން ވެލްސް ޓެނިސް މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް މުބާރާތުގައި އެއްވަނައަށް ސީޑުކޮށްފައިވާ އެރީނާ ސަބަލެންކާ އާއި ކޮކޯ ގޯފް ހޯދައިފިއެވެ.

ބެލަރޫސްގެ ސަބަލެންކާ މި މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ ޒުވާން ކުޅުންތެރިޔާ މެކާޓްނީ ކެސްލާރ އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ހައެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ތިންވަނަ ބުރުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ އިޓަލީގެ ލޫސިއާ ބްރޮންޒެޓީ އެވެ.

އެމެރިކާގެ ކޮކޯ ގޯފް މި މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ޖަޕާނުގެ މަޔޫކާ އުޗިޖީމާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރެއްގެ ނަތީޖާއަކުން ގޯފް ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓޫ މަޔޫކާ ވަނީ ހައެއް ތިނެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. އަދި ތިންވަނަ ސެޓު ފޯރިގަދަ ކުޅުމަކަށްފަހު ގައުފް ކާމިޔާބުކޮށްފައިވަނީ ހަތެއް ހައެއްގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ފިރިހެން އިވެންޓުގައި އިއްޔެ ސާބިޔާގެ ނޯވަކް ޖޮކޮވިޗް ކުޅުނު މެޗުން އޭނާ ވަނީ ބަލިވެ މުބާރާތުން ކަޓާފަ އެވެ.

ޖުމްލަ 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް މި މުބާރާތުން ކަޓާފައިވަނީ ނެދަލޭންޑްސްގެ ބޮޓިކް ވެންޑެ ޒެންޑްޝުލްޕް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓު އެއް ސެޓުން ބަލިވެގެންނެވެ. މި މެޗުގެ ސެޓުތައް ނިމިފައިވަނީ ހައެއް ދޭއް, ހައެއް ތިނެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުންނެވެ.

އުމުރުން 37 އަހަރުގެ ޖޮކޮވިޗް މި މުބާރާތުގެ ދެވަނަ ބުރުން ކަޓާފައިވާއިރު އޭނާ ވަނީ ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުން ސްޕެއިންގެ ކާލޮސް އަލްކަރޭޒް އަތުންވެސް ބަލިވެފަ އެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނެފައިވަނީ ފާއިތުވެދިޔަ އަހަރުތަކުގައި އޭނާއަށް ބޭނުންވާ ފެންވަރުގެ ކުޅުމެއް ނުދެއްކޭ ކަމަށެވެ. އަދި ބައެއް މުބާރާތްތަކުގައި ރަގަޅު ކުޅުމެއް ދެއްކުނު ނަމަވެސް މުބާރާތް ކާމިޔާބު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް އޭނާ ވަނީ ބުނެފަ އެވެ.