ޚަބަރު

އެމެރިކާއަށް ނިސްބަތްވާ ރަހީނަކު މިނިވަން ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް ޙަމާސުން ބުނެފި


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި އެމެރިކާގެ ރަހީނުން މިނިވަންކުރުމާ ގުޅޭ މަޝްވަރާތައް ވިލަރެސް ކުރާ އިސް ފަރާތެއް ކަމަށްވާ އެޑަމް ބޯލާއާ ދެމެދު ޙަމާސްގެ ބެލުމުގެ ދަށުގައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަން ކުރުމާ ގުޅޭ ގޮތުން ސީދާ މަޝްވަރާތައް ބާއްވައިފިއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށައިފައެވެ. އެއީ އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ. އެ ދުވަހު ޙަމާސުން ވަނީ ޔަހޫދީންނަށް ނިސްބަތްވާ 250އެއްހާ މީހުން ރަހީނު ކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާއާއި ޔަހޫދީ ދައުލަތާއި ދެ ޤައުމަށް ނިސްބަތްވާ އީޑަން އެލެކްސެންޑަރ ވެސް ހިމެނެއެވެ. އެއީ ޔަހޫދީ އަސްކަރީ ފައުޖަށް ޚިދުމަތް ކޮށްފައިވާ މީހެކެވެ.

އެލެކްސެންޑަރ މިނިވަން ކުރުމާ ގުޅޭގޮތުން ޙަމާސާއި އެމެރިކާއާމެދު ސީދާ މަޝްވަރާތައް ޤަތަރުގެ ދައުޙާގައި ކުރިއަށް ދާތާ ހަފްތާއެއްހާ ދުވަސް ވެފައިވާ ކަމަށް ޙަމާސްގެ ސިޔާސީ މުޝީރެއް ކަމަށްވާ ޠާހިރު އަލް-ނޫނޫ ވަނީ ޔަޤީން ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ ދައުޙާގައި ގިނަ ޢަދަދެއްގެ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ އެމެރިކާއަށް ނިސްބަތްވާ އަސީރެއް މިނިވަން ކުރުން ކަމަށެވެ. ނަމަވެސް އޭނާ މިނިވަން ކުރުމުގެ އިތުރުން މިދިޔަ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޙަމާސާއި ޔަހޫދީންނާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ވެސް ދެ ފަރާތުގެ ދެމެދުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެ ފަރާތުން ވެސް މަޝްވަރާތަކުގައި މުއާމަލާތް ކޮށްފައި ވަނީ އިޚްތިރާމާ އެކުގައި ކަމަށާއި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ މަސްލަހަތަށް ވެސް ފައިދާ ހުރި ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނޫނޫ އިތުރަށް ވިދާޅުވީ އެމެރިކާއަށް ނިސްބަތްވާ ރަހީނު ވަކި އުސޫލެއްގެ މަތިން މިނިވަން ކުރުމަށް ޙަމާސުން ތައްޔާރަށް އޮތް ކަމަށް މަޝްވަރާތަކުގައި ބުނެފައި ވާނެ ކަމަށެވެ.

އެމެރިކާއަކީ ނިރުބަރިވެރި ޖަމާޢަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތްތަކާއެކު ސީދާ މަޝްވަރާތައް ކުރާ ޤައުމެއް ނޫނެވެ. އެހެން ކަމުން ޙަމާސްއާއެކު އެމެރިކާއިން ސީދާ މަޝްވަރާތައް ކުރުމަކީ އެ ޤައުމުގެ ޢާންމު ސިޔާސަތުތަކާ ފުށުއަރާ ކަމެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މުޝީރު ސްޓީވް ވިިޓްކޮފް މިދިޔަ ހަފުތާގެ ތެރޭގައި ވިދާޅުވީ އެލެކްސެންޑަރ މިނިވަން ކުރުމަކީ އެމެރިކާއިން ޚާއްޞަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

ނޫނޫ ވަނީ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޤާއިމް ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ޤާއިމް ކުރުމުގައި ވިޓްކޮފް ޢަދާ ކުުރެއްވި ދައުރު ފާަހަގަ ކުރައްވައިފައެވެ. އަދި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ކާމިޔާބު ކުރުމަށް އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޙަމާސާއި ޔަހޫދީ ދައުލަދާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ޔަހޫދީންނަށް ނިސްބަތްވާ 33 ރަހީހުންގެ ބަދަލުގައި ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 2000އެއްހާ ޤައިދީން ވަނީ މިނިވަން ކޮށްފައެވެ. 42 ދުވަހަށް ދެމިގެންދިޔަ ފުރަތަމަ މަރުޙަލާ ނިމުމަކަށް އައިސްފައިވާއިރު އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަކާ ގުޅޭ މަޝްވަރާތައް ފެށުމަށް ދެ ފަރާތުން ވެސް ދަނީ ތައްޔާރު ވަމުންނެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޙަމާސްގެ ވަފުދަކުން ވަނީ މަޝްވަރާތަކުގެ މޭސްތިރިއެއް ކަމަށްވާ މިޞްރަށް ދަތުރު ކޮށް, އެއްބަސްވުމުގެ ދެވަނަ މަރުޙަލާއާ ގުޅޭ މަޝްވަރާތައް ފެށުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. ޔަހޫދީން ވެސް ވަނީ އެ މީހުންގެ ވަފުދެއް ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވުމަށް މާރިޗު މަހުގެ 10ވަނަ ދުވަހު ދައުޙާއަށް ދަތުރު ކުރާނެ ކަމަށް ބުނެފައެވެ.