ޚަބަރު

ޓޮޓްނަމް އާއި ބޯންމަތު އެއްވަރު


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބޯންމަތާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މި މެޗު އެއްވަރުވެފައިވާއިރު ބޯންމަތަށް ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނައިގައެވެ. އަދި ޓޮޓްނަމްއަށް ލިބިފައިވާ 34 ޕޮއިންޓާއެކު އެ ޓީމަށް ލިބިފައިވަނީ 13 ވަނައެވެ.

ޓޮޓްނަމްގެ ދަނޑުގައި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ޓޮޓްނަމްއިން ކުޅުނު ނަމަވެސް ގިނަ ފުރުސަތުތައް އުފައްދާފައިވަނީ ބޯންމަތުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ބޯންމަތުގެ މާކަސް ޓެވާނިއާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ދެވަނަ ހާފަށް ނިކުތްއިރު ޓޮޓްނަމްގެ ކޯޗު ޕޮސްޓެކޮގްލޫ ވަނީ އެ ޓީމަށް ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ބްރެނަން ޖޯންސަން އާއި ބިސޫމާގެ ބަދަލުގައި ސޮން ހިއުން-މިން އާއި ލޫކަސް ބާޖްވޯލް ވަނީ ކުޅެން އަރުވާފަ އެވެ.

ބޯންމަތުން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 65 ވަނަ މިނިޓުގައި އެ ޓީމުގެ އެވަނިލްސަން ވަނީ އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. ނަމަވެސް އޭގެ ދެ މިނިޓު ފަހުން ޓޮޓްނަމްގެ ޕާޕޭ މަޓަރ ސާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.

މި މެޗުގައި ޓޮޓްނަމްއަށް އެއްވަރުކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލިބުނު ޕެނަލްޓީއަކުން ސޮންއެވެ. މި ލަނޑާއެކު އޭނާ ވަނީ ޕްރިމިއަރ ލީގުގައި ބޯންމަތާ ދެކޮޅަށް ކުޅުނު 14 މެޗުގައި އެ ޓީމު ކޮޅަށް އަށް ލަނޑު ޖަހާފައެވެ.