ޚަބަރު

ފުރަތަމަ 6 ހަފްތާ: ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދުތައް ދަށް


  • އާމްދަނީއަކީ 4.4 ބިލިޔަން ރުފިޔާ

  • ޚަރަދުތައް ހުރީ 3 ބިލިޔަން ރުފިޔާގައި

މިއަހަރުގެ ފުރަތަމަ 6 ހަފްތާގައި ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދުތައް ދަށްވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން ނެރޭ "ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުން ފެބްރުއަރީ 13 ގެ ނިޔަލަށް ދައުލަތައް އާމްދަނީގެ ގޮތުގައި 4.4 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް ލިބިފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގައެވެ. އެއީ 3.8 ބިލިޔަން ރުފިޔާއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީގެ ގޮތުގައެވެ. އެއީ 1.7 ބިލިޔަން ރުފިޔާއެވެ.

ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީގެ ގޮތުގައެވެ. އެއީ 1.4 ބިލިޔަން ރުފިޔާއެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި މި މުއްދަތުގައި 309 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި މުއްދަތުގައި ލިބިފައިވަނީ 541 މިލިޔަން ރުފިޔާއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 28 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

އަހަރުގެ ފުރަތަމަ 6 މަސްދުވަހު ދައުލަތުގެ ޚަރަދުތައް ހުރީ 3 ބިލިޔަނުގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދު ހުރީ 4.1 ބިލިޔަނުގައެވެ. އެހެންކަމުން މިއީ ކުރީ އަހަރާއި އަޅާބަލާއިރު 1 ބިލިޔަންގެ ދަށްވުމެކެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ދައުލަތުގެ ރިކަރަންޓް ޚަރަދަކީ 2.8 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދަކީ 169 މިލިޔަން ރުފިޔާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ޚަރަދުކުރުމުގެ ސަޤާފަތެއް ރާއްޖޭގައި އޮތް ކަމަށާއި، އެކަން ނިމުމަކަށް ގެނައުމަށް ބޭނުންވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ޤައުމުގެ ވަޅުޖެހިފައިވާ އިޤްތިޞާދު ކޮޅަށް ޖެހުމަށެވެ. މިގޮތުން މިދިޔަ އަހަރު ދައުލަތުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާފައިވެއެވެ.