ޚަބަރު

ރާއްޖޭން ހަދިޔާކުރާ ދެ މިލިޔަން މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓް ޣައްޒާއަށް އެތެރެކޮށްފި


  • ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ

  • 1.2 މިލިޔަން ޑޮލަރު އަންރުވާއާ ވަނީ ޙަވާލުކޮށްފައި

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިރާއްޖޭން ހަދިޔާކުރުމަށް ނިންމާފައިވާ ދެ މިލިޔަން މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓް ޣައްޒާއަށް އެތެރެކޮށްފައިވާކަމަށް ޚާރިޖީވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ލިޔުމުން ޖަވާބު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން ތަންފީޒުކުރެއްވުމަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެންނަނެޖެހޭ ކަމަށެވެ. އެ އިސްލާހު މިވަގުތު އޮތީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ދިރާސާކުރުމުގެ މަރުހަލާގައިކަމަށާއި އެ އިސްލާހު ޤާނޫނަކަށްވުމާއެކު ސަރުކާރުގެ ނިންމުން ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްރާޢީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އެ އަމަލުތައް ހުއްޓާލުމަށް ގޮވާލައި ބައިނަލްއަގުވާމީ މަޞްރަހުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް އިސްލާމީ ޤައުމުތަކާ ގުޅިގެން ރާއްޖޭން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިނިވަން މުސްތަގިއްލު ފަލަސްތީނެއް އުފެދި އެ ޤައުމުގެ ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ މަގުފަހިކޮށްދޭނެ ސިޔާސަތަކީ ދިވެހިރާއްޖޭން ޒަމާނުއްސުރެ ގެންގުޅޭނެ ސިޔާސަތެއްކަމާއި، އެކަމަށް ވީހާވެސް އަވަސް ހައްލެއް ގެނައުމަށް ރާއްޖޭން އަޑު އުފުލަމުންގެންދާނެކަމަށްވެސް ވަޒީރު ފޮނުއްވެވި ޖަަވާބުގައި ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި މި މައްސަލައިގައި އަޑުއުފުލުގެ އިތުރުން އައިސީޖޭގައި ކުރިއަށްދާ މި މައުޟޫއާ ގުޅޭ ހުރިހާ މައްސަލަތަކެއްގައި ރާއްޖޭން ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާ އދ. ގެ އޭޖެންސީ ކަމަށްވާ އަންރުވާއަށް ދޭ އެހީ އަހަރަކު 5000 ޑޮލަރުން 50،000 ޑޮލަރަށް އިތުރުކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން 2024ވަނަ އަހަރު ބޭއްވި ޓެލެތޯނަށް ދިވެހި ރައްޔިތުން ހަދިޔާކުރި 1.2 މިލިޔަން ޑޮލަރު އަންރުވާއާ ހަވާލުކުރުމުގެ އިތުރުން ރާއްޖޭން ފަލަސްތީނަށް ހަދިޔާ ކުރާ ދެ މިލިޔަން މަސްދަޅުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓުވެސް މިހާރު ފޮނުވާފައިވާކަމަށް ވަޒީރު ޚަލީލް ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ޝިޕްމަންޓުގައި 374،400 މަސްދަޅު މިސްރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް 12 ފެބްރުއަރީ 2025ގައި ވަނީ ޣައްޒާއަށް އެތެރެކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރިއަށްއޮތްތަނުގައިވެސް ފަލަސްތީނުގެ ރައްޔިތުންނާ ގުޅުންހުރި މައްސަލަތަކުގައި ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށްވެސް މަޖިލީހަށް ފޮނުއްވެވި ޖަވާބުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.