ކުޅިވަރު

ރިޓަޔާކުރާކަށް ނުވިސްނަން: ރޯހިތު


ވައިޓް ބޯލް ކްރިކެޓުން ރިޓަޔާކުރަން އަދި ނުވިސްނާ ކަމަށް އިންޑިއާގެ ކެޕްޓަން ރޯހިތު ޝަރުމާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ދުބާއީ އާއި ޕާކިސްތާނުގައި ކުޅުނު ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތް އިންޑިޔާ އަށް ކާމިޔާބުކޮށްދިނުމަށްފަހު އެވެ. ކުރިން އަޑު އަރާފައި އޮތީ މި މުބާރާތުގެ ފައިނަލުން އިންޑިޔާ ބަލިވެއްޖެނަމަ ރޯހިތް ކުޅުން ހުއްޓާލުން ކައިރި ކަމަށެވެ.

ނަމަވެސް ފައިނަލަށް މެޗަށް ފަހު މިކަމާ މެދު ނޫސްވެރިން ސުވާލު ކުރުމުން 37 އަހަރުގެ ކުޅުންތެރިޔާ ބުނީ ކުރިމަގާމެދު އަދި އެއްވެސް ގޮތެއް ނުނިންމާ ކަމަށެވެ.

"އަހަރެން ރިޓަޔާ ކުރާ ވާހަކަ އެބަދެކެވޭ. އެކަމަކު އެއިން އެއްވެސް ވާހަކައަކީ ތެދެއްނޫން. އަހަރެން އަދި ވަކި ގޮތެއް ނުނިންމަން. ކުރިމަގާމެދު ގޮތެއް ނިންމާނީ ވަރަށް ވިސްނާފައި،" ރޯހިތް ބުންޏެވެ.

ނިއުޒީލޭންޑް އަތުން ހަތަރު ވިކެޓުން އިންޑިޔާ މޮޅުވި މެޗުގައި ރޯހިތް ވަނީ އިނިންގްސް ހުޅުވަން ނުކުމެ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މި މެޗުގައި އޭނާ ވަނީ ފުރަތަމަ ފަހަރަށް ފައިނަލް މެޗެއްގައި ބައި ސައްތަ ފުރިހަމަކޮށްފަ އެވެ.

"ކްރިކެޓްގައި ކާމިޔާބު ހޯދަން ކޮންމެ މީހަކު ވެސް އަބަދުވެސް ގަދަ އަޅައި މަސައްކަތް ކުރާނެ. އަދި އިތުރު ކާމިޔާބީ ވެސް ބޭނުންވާނެ. އަހަރެން ވެސް މިހުރީ ގޮތުގައި. އަހަރެންގެ އުމުރު އަދި ނުކުޅެވޭ ހިސާބަށް ނުދޭ. 40 އަހަރުގައި ވެސް މޮޅަށް ކުޅެވެންޏާ ނުކުޅެންވީ ސަބަބެއްނެތް،" މީގެ ދެ މަސް ފަހުން އުމުރުން 38 އަހަރު ފުރޭ ރޯހިތް ބުންޏެވެ.

ފަހަކަށް އައިސް އިންޑިޔާގައި އެންމެ ގިނަ ފާޑުކިއުން އަމާޒުވަމުން އަންނަ ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ހާއްސަކޮށް ދޭތެރެ ދޭތެރެއިން ފޯމު ކެޓުމަކީ އޭނާ އަށް އެންމެ ބޮޑަށް ފާޑުކިޔާ މައިގަނޑު ސަބަބެވެ.