ޔުއެފާ ޗެމްޕިއަންސް ލީގުގައި މާދަމާ ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބާސެލޯނާގެ އެއްވެސް ކުޅުންތެރިއަކު ނޫސްވެރިންނާ ވާހަކަ ނުދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.
އެ ކުލަބުގެ މި ހުށަހެޅުން މުބާރާތް އިންތިޒާމް ކުރާ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ (ޔޫއޭފާ) އިން ވެސް ވަނީ ގަބޫލުކޮށްފަ އެވެ. މިހެންވެ މި މެޗުގެ ކުރިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭނީ ހަމައެކަނި ކޯޗު ހަންސީ ފްލިކެވެ.
ބާސެލޯނާއިން މި ގޮތަށް އެދުނީ ހޮނިހިރު ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ކުޅެން އޮތް މެޗުގެ ކުޑަވަގުތުކޮޅެއް ކުރިން އެކުލަބުގެ ޑޮކްޓަރު ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން މުޅި ޓީމަށް ހިތާމަވެރިކަން ވެރިވެފައިވާތީ އެވެ. ޑޮކްޓަރު މަރުވީ ޓީމާއެކު ކައިބޮއި ހަދައި، އަރާމު ކުރުމުގެ ގޮތުން ނިދާފައި އޮއްވަ އެވެ. މި މަރާ ގުޅިގެން ބާސެލޯނާ އާއި އޮސަސޫނާ އެދުވަހު ކުޅެން އޮތް މެޗު ވެސް ވަނީ ފަހުގެ ތާރީހަކަށް ބަދަލުކޮށްފަ އެވެ.
ބާސެލޯނާއިން ބުނީ ޑޮކްޓަރު ކާލެސް މިނެރޯ އަކީ ކުޅުންތެރިންނާ ވަރަށް ގާތްކޮށް އުޅުނު ރަހުމަތްތެރި މީހެއް ކަމަށެވެ. އަދި ކުއްލި ގޮތަކަށް އޭނާ ވަކިވެ ދިއުމުން ކުޅުންތެރިން ވެސް ތިބީ ވަރަށް ބޮޑު ޝޮކެއްގައި ކަމަށެވެ. މިހެންވެ ބެންފީކާ މެޗުގެ ޕްރެސް ކޮންފަރެންސަށް ގޮސްފިނަމަ އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދީ ހެދުމަކީ ނަފްސާނީ ގޮތުން އިތުރު އުނދަގޫތަކަކާ ކުޅުންތެރިންނަށް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
ބެންފީކާ މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ދެވޭނީ މި މެޗު ކާމިޔާބު ކުރާ ބަޔަކަށެވެ. މި ދެ ޓީމު މިދިޔަ ހަފުތާގައި ބެންފީކާގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ ކާމިޔާބު ކުރީ ރަފީނިއާ ޖަހައިދިން ހަމައެކަނި ލަނޑުންނެވެ. މިހެންވެ މެޗަށް ނުކުންނައިރު އެޑްވާންޓޭޖް ބޮޑީ ބާސެލޯނާ އަށެވެ.