ޚަބަރު

ޓްރޫޑޯއަށް ފަހު ކެނެޑާގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ކާނީ


ކެނެޑާގައި ވެރިކަން ކުރާ ލިބަރަލް ޕާޓީގެ ވެރިޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގައި، އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު މާކް ކާނީ ކުރި ހޯއްދަވައިފިއެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ކުރި ހޯއްދެވުމާ އެކު، ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއަށް ފަހު އެ މަޤާމާ ޙަވާލުވެ ވަޑައިގަންނަވާނީ ކާނީއެވެ. ނުވަ އަހަރަށް ފަހު ލިބަރަލް ޕާޓީގެ ވެރިޔާގެ މަޤާމުން އިސްތިޢުފާ ދެއްވަން ނިންމަވާފައިވާ ކަން ޓްރޫޑޯ އިޢުލާނު ކުރައްވާފައި ވަނީ ޖަނަވަރީ މަހުއެވެ.

ކެނެޑާގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ކާނީ ޙަވާލުވެ ވަޑައިގަންނަވަން ކާނީއަށް ޖެހިވަޑައިގަންނަވާފައި މި ވަނީ ވަރަށް ހައްސާސް ދަނޑިވަޅެއްގައެވެ. ކެނެޑާއިން މި ވަގުތު ދަނީ ދުނިިޔޭގެ އެންމެ ބޮޑު ބާރުގެ ގޮތުގައި ވަކާލާތު ކުރަމުންދާ އެމެރިކާއާ އެކު ވިޔަފާރީގެ ދާއިރާއިިން ހަނގުރާމަ ކުރަމުންނެވެ. ކެނެޑާއާއި އެމެރިކާއާ ދެމެދު މަސްރަޙު ހޫނުވެފައި ވަނީ ޖަނަވަރީ 20ވަނަ ދުވަހު ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަތް ފަހުންނެވެ.

ލިބަރަލް ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ކާނީއާ ވާދަ ކުރައްވާފައި ވަނީ ކެނެޑާގެ މާލީ ވަޒީރު ކަމުގެ މަޤާމު ކުރިން ފުރައްވާފައިވާ ކްރިސްޓިޔާ ފްރީލެންޑެވެ. އޭނާގެ މައްޗަށް 59 އަހަރުގެ ކާނީ ކާމިޔާބީ ހޯއްދަވާފައި ވަނީ އިންތިޚާބުގައި ބައިވެރިވި މީހުންގެ ތެރެއިން %86 މީހުންގެ ތާޢީދާ އެކުގައެވެ. ލިބަރަލް ޕާޓޯގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލާފައި ވަނީ 152,000 މެންބަރުންނެވެ.

"އަޅުގަނޑުމެންގެ އިޤުތިޞާދު ފުނޑުފުނޑު ކޮށްލަން މީހަކު އެބަ މަސައްކަތް ކުރޭ،" އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި އެއްވުމެއްގައި ޓްރަމްޕަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ކާނީ ވިދާޅުވިއެވެ. "އޭނާ [ޓްރަމްޕް] އެ ދަނީ ކެނެޑާގެ މަސައްކަތްތެރިންނާއި، ޢާއިލާތަކާއި ވިޔަފާރިތަކަށް ޙަމަލާ ދެމުން، އެ ކަމުގައި އޭނާއަށް ކުރިއެރުން ލިބުނު ފުރުޞަތު ދީގެން ނުވާނެ."

ޓްރަމްޕް ހުއްޓުވުމަށް ކުރިން ޚިޔާލަށް ގެނެސްފައި ނުވާ ފަދަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ލިބަރަލް ޕާޓީގެ ވެރިޔާގެ މަޤާމުން އިސްތިޢުފާ ދެއްވަން ނިންމަވާފައިވާ ކަން ޓްރޫޑޯ އިޢުލާނު ކުރައްވާފައި ވަނީ، އޭނާއަށް އޮތް ތާޢީދު ފަނޑުވެ، މަޤުބޫލު ކަން ގެއްލެން ފެށުމާ ގުޅިގެންނެވެ. ޢުމުރުން 53 އަހަރުގެ ޓްރޫޑޯ ކެނެޑާގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަންނަވާފައި ވަނީ 2015ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއަށްފަހު ބޭއްވި ދެ އިންތިޚާބުގައި ވެސް އޭނާ ވަނީ ކާމިޔާބީ ހޯއްދަވާފައެވެ.

"އެއްވެސް ޝައްކެއް ނުކުރާތި، މިއީ މުޅި ޤައުމުގެ ކުރިމަގު ބައްދަލު ކޮށްލާނެ ފަދަ ވަގުތެއް. ޑިމޮކުރަސީއަކީ ޔަގީން ކަމާ އެކު ލިބިފައިވާ އެއްޗެއް ނޫން. މިނިވަން ކަމަކީ ޔަގީންކަމާ އެކު ލިބިފައިވާ ކަމެއް ނޫން. ކެނެޑާއަކީ ވެސް ޔަގީންކަމާ އެކު ލިބިފައިވާ ތަނެއް ނޫން،" ޓްރޫޑޯ ވިދާޅުވިއެވެ.

ޓްރޫޑޯއަށް ފަހު ކެނެޑާގެ ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ ކާނީއަކީ ސިޔާސީ މައިދާނުގައި އައު ބޭފުޅެކެވެ. ސިޔާސީ ގޮތުން ތަޖުރިބާ ދަށް ބޭފުޅެކެވެ. ނަމަވެސް، ކާނީ ޤަބޫލު ކުރައްވާ ގޮތުގައި، ކެނެޑާއާ ދެކޮޅަށް ޓްރަމްޕް އިސްވެ ފަށްޓަވާފައިވާ ވިޔަފާރީގެ ހަނގުރާމައިގައި ކާމިޔާބީ ހޯދަން އިނގިވަޑައިގަންނަވާނީ އޭނާއަށް ކަމުގައެވެ. ޓްރަމްޕްގެ ޙަމަލާތަކުން ކެނެޑާގެ އިޤުތިޞާދު ސަލާމަތް ކުރެވޭނީ ވެސް އޭނާގެ ސިޔާސަތުތައް ބޭނުން ކޮށްގެންނެވެ.

ކެނެޑާއަކީ ބޭރުގެ އެކްސްޕޯޓުތަކަށް ބަރޯސާވެފައިވާ ޤައުމަކަށްވީ ހިނދު، ޓްރަމްޕް ވަނީ އެ ކެނެޑާއި އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑު ކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި، ކެނެޑާގެ މިނިވަން ކަމާއި ސިޔާދަތަށް އަރައިގަނެ، އެއީ އެމެރިކާގެ ސްޓޭޓެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ޓްރަމްޕް ހުށަހަޅުއްވާފައިވެއެވެ. މި މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ވަނީ ހީނަރުވެފައެވެ.