ޚަބަރު

ރެކޯޑު ޢަދަދެއްގެ ބަޔަކު އެއް ދުވަސް މަތިން ޢުމްރާ ވެއްޖެ، ބައި މިލިޔަން މީހުުން ޢުމްރާވި


އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މުސްލިމުން ޢުމްރާގެ އަޅުކަން ފުރިހަމަ ކޮށްފައި ވަނީ މާރިޗު މަހުގެ 6ވަނަ ދުވަހު ކަމަށް ދެ ޙަރަމުގެ ކަންކަން ބަލަހައްޓާ ރިޔާސަތުން ބުނެފިއެވެ. ސަޢުދީ ޢަރަބިއްޔާއިން އެ ދުވަހު 500،000އަށް ވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް މަސްޖިދުލް ޙަރާމަށް ވަދެފައިވާ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް މަސްޖިދުލް ޙަރާމަށް ޒިޔާރަތް ކުރާ މީހުންގެ ޢަދަދު ރަމަޟާން މަހާ ދިމާ ކޮށް އެތައް ގުނައެއް އިތުރުވެއެވެ. މިސްކިތުގެ ކަންކަން ކުރިއަށް ދަނީ އެންމެ ރަނގަޅަށް ކަން ޔަޤީން ކުރުމަށްޓަކައި އަދި ގިނަ ޢަދަދެއްގެ މީހުން ފިތި ބާރުނުވެ ފަސޭހަކަމާއެކު މިސްކިތުގެ ތެރޭގައި ހިނގާބިންގާވެ އުޅެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ދެ ހަރަމުގެ ރިޔާސަތުން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފާ ޚާއްޞަ ނިޒާމުތަކެއް ބޭނުން ކުރެއެވެ. އެ ގޮތުން މިސްކިތް ބެލެހެއްޓުމަށް ބޭނުންކުރާ ނިޒާމުގައި އެކި ކަހަލަ ރީޑަރުތަކާއި ސެންސަރުތައް ހަރުކޮށްފައި ހުރެއެވެ. މިސްކިތަށް ވަންނަ މައި ދޮރާށިތަކުގެ ދޮށުގައި ހަރުކޮށްފާ ހުންނަ މި ސެންސަރުތަކުން އެ ވަގުތެއްގައި މިސްކިތުގެ ތެރޭގައި އުޅޭ މީހުންގެ ޢަދަދު ހިސާބު ކޮށްލައެވެ. އޭގެ އިތުރުން މިސްކިތުގައި ހަރުކޮށްފައި ހުންނަ ސްމާޓު ކެމެރާތަކުން މީހުންގެ ޙަރަކާތްތައް ދެނެގަނެ، ތޮށްޖެހިފައިވާ ސަރަޙައްދުތައް ވެސް ފާހަގަ ކުރެއެވެ.

ސެންސަރުތަކާއި އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކުރާ ޓެކްނޮލޮޖީ މިސްކިތުގެ ކަންކަން ބެލެހެއްޓުމަށް ބޭނުން ކުރާތީ މިސްކިތުގެ ޙާލަތު އަބަދު ވެސް ވަޒަން ކުރެވެއެވެ. އޭގެ ސަަބަބުން އެކި ސަރަޙައްދުތަކަށް މީހުން ބަހާލުމުގައި، ޚާއްސަކޮށް އެންމެ ގިނަ ޢަދަދެއްގެ މީހުން އަބަދު ވެސް އުޅޭ މަޠާފް ނުވަތަ ގެފުޅު ވަށައިގެން ޠަވާފް ކުރާ ސަރަޙައްދު، އަދި މަސްޢާ، ނުވަތަ ޞަފާ އާއި މަރްވާއާ ދެމެދު އޮންނަ ސަރަޙައްދުގައި މީހުން ބަހާލުމަށް ފަސޭހަވެގެންދެއެވެ. އެންމެ ބާރު ބޮޑު ގަޑިތަކުގައި ވެސް މިސްކިތަށް ޒިޔާރަތްކުރާ މީހުންގެ ރައްކާތެރިކަން އިތުރު ކޮށްދީ މިސްކިތަށް ވަދެނުކުތުމުގެ ކަންކަން ފަސޭހަ ކޮށްދިނުމުގައި މި ޓެކްނޮލޮޖީއިން މުހިންމު ދައުރެއް ޢަދާ ކުރެއެވެ.

ޙަރަމުގައި މިހާރު ބޭނުން ކުރާ އައު ނިޒާމުން ވަނީ ބައި މާރިޗު މަހުގެ 6ވަނަ ދުވަހު މިލިޔަނެއްހާ މީހުން މިސްކިތަށް ޒިޔާރަތް ކޮށްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. މިއީ މިހާތަނަށް ތާރީޚުގައި ވެސް އެންމެ ގިނަ ޢަދަދެއްގެ މީހުން އެއް ދުވަހުގެ ތެރޭގައި މިސްކިތަށް ޒިޔާރަތް ކުރި ޢަދަދެެވެ.

މި ޓެކްނޮލޮޖީގެ އިތުރުން މައްކާގެ ސަލާމަތީ ބާރުތަކުން ވެސް މިސްކިތުގެ ކަންކަން ބެލެހެއްޓުމުގައި މުހިންމު ދައުރެއް ޢަދާ ކުރެއެވެ. މިސްކިތަށް ޒިޔާރާތް ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އާދަޔާ ޚިލާފަށް މީހުން ގިނަވާ ވަގުތުތަކުގައި ތޮއްޖެހުން ކުޑަކުރުމަށާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޢާއިލާއާ ވަކިވާ ކުޑަކުދިންގެ ޢާއިލާ ހޯދުމަށާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ ބާރުތަކުން ކެނޑިނޭޅި މަސައްކަތް ކުރެއެވެ.