ފްރާންސްގެ ޕީއެސްޖީ އަކީ މި ސީޒަނުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު އެންމެ ފުރިހަމަ ޓީމު ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.
"ޕީއެސްޖީ އަކީ ލިވަޕޫލް އިން މި ސީޒަނުގައި ކުޅުނު އެންމެ ފުރިހަމަ ޓީމު އަދި އެއީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ފެންވަރު ހުރި ވަރުގަދަ ޓީމެއް" ސްލޮޓް ބުންޏެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މިރޭ ޕީއެސްޖީ އާއި ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްލޮޓް ބުނެފައިވަނީ މިރޭގެ މެޗަށް ނިކުންނައިރު ފޯވަޑް ކޯޑީ ގެކްޕޯ އަށް ލިބިފައިވާ އަނިޔާއަށްފަހު އޭނާ އަލުން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށެވެ. ލިވަޕޫލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުގައި ގެކްޕޯ ކުޅެފައެއް ނުވެއެވެ.
ސްލޮޓް އިތުރަށް ބުނެފައިވަނީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ދަނީ އެ ޓީމުގައި ތިބި ކުޅުންތެރިންގެ ބޭނުން އެންމެ ރަގަޅަށް ހިފަމުން ކަމަށެވެ.
"ޕީއެސްޖީ އަކީ ދުނިޔޭގައި އޮތް އެންމެ މުއްސަނދި އެއް ކްލަބް އަދި އެ ކްލަބުގެ ކޯޗަކަށް ހުރީ ވަރަށްވެސް މޮޅު ކޯޗެއް. އޭނާ ދަނީ އެ ކްލަބުގެ ކޮންމެ ކުޅުންތެރިއެއްގެވެސް މެކްސިމަމް ދަނޑު މަތީގައި ނެރެމުން." ސްލޮޓް ބުންޏެވެ.
މިރޭގެ މެޗަށް މި ދެ ޓީމު ނިކުންނައިރު ފުރަތަމަ ލެގު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ލިވަޕޫލް އިންނެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ޖާގައެއް ހޯދުމަށް މިރޭ ޕީއެސްޖީ އާއި ދެކޮޅަށް ލިވަޕޫލް ނިކުންނައިރު އެ ޓީމުން ވަނީ ޕްރިމިއާ ލީގުގައި މިހަފްތާގައި ސައުތެމްޓަން އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓުގެ ލީޑެއް ހޯދާފަ އެވެ.
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ މިރޭގެ މެޗުން އެ ޓީމުން ކާމިޔާބީ ހޯދަން ބޭނުންވާނަމަ މެޗު ކޮންޓްރޯލްކޮށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ.