ސޫރިޔާގެ އިރުއުތުރުގެ ބޮޑު ސަރަޙައްދަކަށް ބާރު ހިންގަމުންދާ ކުރުދީ ދަރިކޮޅުގެ ހަނގުރާމަވެރިން ސުލްޙަވުމަށް އެއްބަސްވެ، ސޫރިޔާގެ އިންތިޤާލީ ސަރުކާރާ އެކު އެއްބަސްވުމެއް އެކުލަވައިލައިފިއެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލައި ސޫރިޔާގެ އިންތިޤާލީ ރައީސް އަޙްމަދު އަލް-ޝަރާޢުގެ އަސްކަރިއްޔާއާ ގުޅުމަށް ނިންމާފައި ވަނީ އެ ޤައުމުގައި ހަރަކާތްތެރިވާ ކުރުދީ ދަރިކޮޅުގެ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފު)ންނެވެ. އެއީ، އެމެރިކާއިން ހަތިޔާރު ފޯރުކޮށްދީގެން ބަލަހައްޓާ ޖަމާޢަތެކެވެ.
ބަޣާވާތަކުން ސޫރިޔާގެ ޤާނޫނީ ސަރުކާރު ވައްޓައިލައި، ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކޮށްފައި ވަނީ 2023 ޑިސެންބަރު 8ވަނަ ދުވަހުއެވެ. އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ ޝަރާޢު ނިސްބަތްވާ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ންނެވެ. އެޗްޓީއެސްގެ ފައުޖުން ވެރިރަށް ދިމިޝްޤަށް އަރައިގަތުމުން އަސަދު ވަނީ އޭނާގެ ޢާއިލާއާ އެކު ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވާފައެވެ. އަދި، މޮސްކޯގެ ޙިމާޔަތަށް އެދިވަޑައިގަންނަވާފައެވެ.
އެސްޑީއެފުން ބާރު ހިންގަމުންދާ ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކަކީ ތެލުގެ ގޮތުން މުއްސަނދި ސަރަޙައްދެކެވެ. އެ ޖަމާޢަތުން ސޫރިޔާގެ އަސްކަރިއްޔާއާ ގުޅުމަށް ނިންމައި، އެ ކަމާ ގުޅޭ އެއްބަސްވުމެއްގެ ސޮއި ކޮށްފައިވާ ކަން ހާމަކޮށްފައި ވަނީ ސޫރިޔާގެ ސަރުކާރުންނެވެ. އެސްޑީއެފްގެ ކޮމާންޑަރު މަޟްލޫމް ޢަބްދީއާއި ޝަރާޢާ ދެމެދު ދިމިޝްޤުގައި ބޭއްވި ބައްދަލުވުމެއްގެ ފޮޓޯތަކެއް ވެސް ސަރުކާރުން ވަނީ ޢާންމު ކޮށްފައެވެ.
ސޫރިޔާގެ ސަރުކާރުން ބުނީ، ޝަރާޢާއި ޢަބްދީ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެސްޑީއެފްގެ ބާރުގެ ދަށުގައި އޮތް މަދަނީ އަދި އަސްކަރީ ގޮފިތައް ސޫރިޔާގެ އަސްކަރިއްޔާއާ ގުޅައިލެވޭނެ ކަމުގައެވެ. އަދި، އެއީ ދައުލަތުގެ ބަޔެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމުގައެވެ. މީގެ އިތުރުން، އެސްޑީއެފްގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދީ ހުރަހާއި، ވައިގެ ބަނދަރެއްގެ އިތުރުން ތެލާއި ގޭސް ވަޅުތައް ސޫރިޔާގެ ސަރުކާރުގެ ބާރުގެ ދަށަށް ގެންދެވޭނެއެވެ.
މި އެއްބަސްވުމަކީ ސޫރިޔާ އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި ޢަބްދީ ސިފަ ކުރިއެވެ. އަދި، އެސްޑީއެފުން ސޫރިޔާގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައި މި ވަނީ ވަރަށް މުހިންމު ވަގުތެއްގައި ކަމަށާއި، މިއީ އިންސާފާއި ހަމަޖެހުން ޤާއިމު ކުރުމުގެ އުންމީދުތައް ސޫރިޔާގެ ރައްޔިތުންނަށް އައު ކޮށްދޭނެ އެއްބަސްވުމެއް ކަމުގައި ވެސް އޭނާ ބުންޏެވެ.
އެސްޑީއެފާއި ސޫރިޔާގެ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް، އެއްބަސްވުމުގެ ދަށުން އެސްޑީއެފްގެ ފައުޖުތައް ސޫރިޔާގެ އަސްކަރިއްޔާއާ ގުޅައިލެވޭނެ ގޮތް ސާފުކޮށް ބަޔާން ކޮށްފައެއް ނުވެއެެވެ. އެއްބަސްވުމުގެ ދަށުން އަސަދަށް ވަފާތެރި ހަނގުރާމަވެރި ޖަމާޢަތްތައް ހުއްޓުވުމުގެ ނަމުގައި ޝަރާޢުގެ ސިފައިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އެސްޑީއެފުން ބައިވެރިވާން ޖެހޭނެއެވެ.
ޝަރާޢުގެ ސަރުކާރާއި އެސްޑީއެފާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައި މި ވަނީ، އަސަދު ނިސްބަތްވެ ވަޑައިގަންނަވާ އަލް-ޢަލަވިއްޔަތު ނުވަތަ އަލް-ޢަލަވީ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ސޫރިޔާގެ ސަލާމަތީ ބާރުތަކުން އަސްކަރީ ހަރަކާތެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. މަޞްދަރުތަކުން ބުނީ، ޝަރާޢުގެ ސިފައިން ދީފައިވާ ޙަމަލާތަކުގައި ޢަލަވީ ދަރިކޮޅަށް ނިސްބަތްވާ 1,000ށްވުރެ ގިނަ މީހުން މަރައިލާފައިވާ ކަމުގައެވެ. ސޫރިޔާގެ މަސްރަޙު ދިރާސާ ކުރާ ސީރިޔަން އޮބްޒަރވޭޓަރީ ފޯ ހިޔުމަން ރައިޓްސް (އެސްއޯއެޗްއާރު)ން ބުނީ މަރައިލާފައިވާ މީހުންގެ ތެރޭގައި ޢާންމުންގެ 745ށްވުރެ ގިނަ މީހުން ހިމެނޭ ކަމުގައެވެ.
މިއީ، ޝަރާޢުގެ ސަރުކާރުން ވެރިކަން ފޭރިގަތް ފަހުން އެ ޤައުމުގައި ހިންގާފައިވާ އެންމެ ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތަކެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވަނީ ޢަލަވީ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޝަރާޢުގެ ސިފައިން ހިންގަމުންދާ ލޭއޮހޮރުވުންތައް ކުށްވެރި ކުރައްވާފައެވެ.
"ލޭއޮހޮރުވުންތަކާ އެކު ޝަރާޢު ވަނީ ބަލިކަށިވެފައި. އޭނާއަށް [ސޫރިޔާގެ] އެތެރެއިންނާއި އެމެރިކާގެ ފުށުން މައްސަލަތަކެއް ދަނީ ކުރިމަތިވަމުން. އެންމެ ރަނގަޅު ގޮތަކީ އާބާދީ މަދު ދަރިކޮޅުތަކާ ދެކޮޅު ނޫން ކަން ސާބިތު ކޮށްދިނުން،" މަސްރަޙު ދިރާސާ ކުރާ އެމެރިކާގެ ތިންކް ޓޭންކް، ސެންޗަރީ އިންޓަރނޭޝަނަލްގެ ފަރާތުން އެރޮން ލަންޑް ވިދާޅުވިއެވެ.