ޚަބަރު

ކަދުރުން ރޯދަ ވީއްލަންވީ ކީއްވެ؟


ބަރަކާތްތެރި ރަމަޟާން މަސް ފެށި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ދަނީ ދުވާލުގެ ވަގުތުތަކުގައި ރޯދަ ހިފަމުންނެވެ. މުޅި ދުވަހު ރޯދަ ހިފުމަށް ފަހު އިރުއޮއްސުމުން ގިނަ މީހުންނަށް އާދަވެފައި ހުންނަނީ ކަދުރަކުން ރޯދަ ވިއްލާށެވެ. ނަމަވެސް ކަދުރުން ރޯދަ ވިއްލުން އެދެވިގެން ވަނީ ކީއްވެކަން އިނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ތާރީޚީ އަދި ދީނީގޮތުން މުހިންމު މޭވާއެއް

ރޯދައަށް ހުންނަ މީހާ ކަދުރުން ރޯދަ ވިއްލުމަށް އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު (ސއވ) އިރުޝާދު ދެއްވައިފައިވެއެވެ. އެކަލޭގެފާނުގެ ސުންނަތުން ހާމަވާ ގޮތުގައި ރޯދަ ވިއްލުމަށް އެކަލޭގެފާނު އާންމު ގޮތެއްގައި ބޭނުން ކުރެއްވީ ކަދުރާއި ފެނެވެ. ކީރިތި ޤުރުއާނުގައި ވެސް ކަދުރުގެ ވާހަކަ 22 ފަހަރު އައިސްފައިވެއެވެ. އެހެން ކަމުން ދީނީ ގޮތުން ވެސް، ސުންނަތަށް ބޯލެނބުމުގެ ނިޔަތުގައި ރޯދަ ވިއްލުމަށް ކަދުރު ބޭނުން ކުރުމަކީ ސަވާބާއި ދަރުމަ ލިބޭ ކަމެކެވެ.

ސުންނަތުގައިވާ ގޮތުން ރޯދަ ވިއްލުމަށް ބޭނުން ކުރުން އެންމެ ރަނގަޅީ ރޯ ކަދުރެވެ. ރޯ ކަދުރު ނުލިބިއްޖެ ނަމަ ދެން އެންމެ ރަނގަޅީ ހިކި ކަދުރެވެ. ހިކި ކަދުރު ވެސް ނުލިބިއްޖެނަމަ ދެން އޮތީ ފެން ބުއިމެވެ. (އަލްތިރްމިޛީ، 658)

ރަސޫލާ (ސއވ) ހާރުދަމަށް ވެސް ކަދުރު ބޭނުން ކުރެއްވިކަން ހަދީޘުން ވާރިދުވެފައި ވެއެވެ. ކަދުރަކީ ހާރުދަމަށް ވަރަށް ރަނގަޅު ކާނާއެއްގެ ގޮތުގައި ރަސޫލާ (ސއވ) ވަނީ ސިފަ ކުރައްވައިފައެވެ. (އަބޫ ދާވޫދް 2345).

ޞިއްޙީ ފައިދާތައް

ސުންނަތްވެގެންވާ ކާނާއެއްގެ އިތުރުން ކަދުރަކީ އޭގައި ވަރަށް ގިނަ ޞިއްޙީ ފައިދާތައް ވެސް އެކުލެވިގެންވާ މޭވާއެކެވެ. އެއީ އެތައް ގަޑިއިރަކު ކެއިންބުއިމުން ދުރުހެލިވެ ހުރުމަށް ފަހު ކާލަން އެއްވަނައިގެ މޭވާއެކެވެ.

ކަދުރަކީ އެ ކެއުމުން ހަށިގަނޑަށް ވަގުތުން ހަކަތަ ލިއްބައިދޭ އެއްޗެކެވެ. ކަދުރުގައި ގްލުކޯސް އަދި ފްރުކްޓޯސްގެ ބައި މަތިވުމުން އެ ކާލުމާއެކު ހަށިގަނޑުގައި ވަރު ޖައްސައިލައެވެ.

އޭގެ އިތުރުން ވެސް ކަދުރަކީ އޭގައި ފައިބާއާއި ދަގަނޑުގެ ބަޔާއި ޕޮޓެސިއަމްއާއި ލޮނުގެ ބައި ވެސް ހިމެނޭ ބާވަތެކެވެ. ހަޖަމް ކުރުމަށް ވެސް ފަސޭހަ ކޮށްދޭ މި މޭވާއިން މީހާގެ ދުޅަހެޔޮކަމަށް އެހީވެދެއެވެ.

ކަދުރުގެ ޚާއްޞަ އެހެން ސިފަޔަކަށް ބަލައިލާނަމަ ކަދުރު ކެއުމުން ބަނޑުހަރުވުން ފަދަ އުނދަގޫތަކުން ވެސް މީހާ ދުރުހެލި ކޮށްދެއެވެ. ބަނޑުގައި ހުންނަ ބެކްޓީރިއާ އެންމެ ރަނގަޅު މިނުގައި ދެމެހެއްޓުމަށް ވެސް މި މޭވާ އެހީތެރިވެދެއެވެ.

ކަދުރު ކެއުުމުން ހަށިގަނޑުން ފެން މަދުވިޔަ ނުދީ ހުފަހައްޓައިދެއެވެ. މުޅި ދުވަހު ފެން ނުބޮއި އެއްޗެއް ނުކައި ހުރުމުން ހަށިގަނޑު މަދުވެފައިވާ ފެނުގެ ބައި ކަދުރު ކެއުމުން ވަރަށް އަވަހަށް އިތުރު ކޮށްދެއެވެ.

ކޮންމެއަކަސް ކަދުރުގެ ޚާއްޞަ ސިފަތަކުގެ ސަބަބުންނާއި ދީނީ ގޮތުން ކެއުން ސުންނަތްވެގެންވާ މޭވާއަަކަށް ވާތީ ކަދުރަކީ ރޯދައަށް ހުރުމާ ގުޅިލާމެހިފައިވާ މޭވާއެވެ. ކަދުރު ތައްޓެއް ނެތި ރޯދަ ވިއްލުމަށް ތައްޔާރު ކުރާ ސުފުރާމަތި ފުރިހަމަ ނުވާނެކަން ޔަޤީނެވެ.