ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުޅުނު މޯލްޑިވްސް ކްރިކެޓް ޓުއަރ 2025 ގެ ފުރަތަމަ މެޗުގައި އިނގިރޭސިވިލާތުގެ ހަރޓްފޯރޑްޝަޔަރ ކްރިކެޓް ޓީމު އަތުން ރާއްޖޭގެ ސީނިއަރ ކްރިކެޓް ޓީމު މޮޅުވެއްޖެއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ކުޅުނު މެޗު ވިއްސާރަވެގެން ހުއްޓާލުމާއެކު، މި މެޗުން ރާއްޖެ މޮޅުވީ ޑަކްވޯތް ލުއިސް ތިއަރީއަށް ބެލުމަށްފަހު 15 ލަނޑުންނެވެ.
މި މެޗުގެ ގުރުދިމާވުމުން ރާއްޖޭގެ ވެޓެރަންސް ޓީމު އެންމެ ފުރަތަމަ ކުޅެން އަރައި 32 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 256 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ރާއްޖެ ޓީމުގެ މުޙައްމަދު އަފްލާހު އާއި އަބްދުﷲ ޝަފީއު، ކޮންމެ ކުޅުންތެރިއަކު ވަނީ 38 ލަނޑު ހަދާފައެވެ.
އަދި ރާއްޖޭގެ އަޙްމަދު ކަލީމް 36 ލަނޑު އެއްކުރިިއިރު، އަލީ އާޒިމް އާއި އަލީ އިބްރާހީމް ވަނީ ކޮންމެ ކުޅުންތެރިއަކު 35 ލަނޑު ހަދާފައެވެ. މީގެ އިތުރުން ރާއްޖެ ޓީމުގެ ޝާހިދު މުޙައްމަދު ވަނީ ނުބައިނުވެ 29 ބޯޅައިން 24 ލަނޑު ހަމަކޮށްފައެވެ.
ޖަވާބުގައި އިންގްލަންޑުގެ ޓީމުން ކުޅެން އެރިއިރު، 13 ވަނަ އޯވަރުގައި ވަނީ ވިއްސާރަވުމުން ކުޅުން ހުއްޓާލާފައެވެ. ކުޅުން ހުއްޓާލިއިރު އެއް ކުޅުންތެރިއަކު ނުބައިވެގެން އެ ޓީމަށް ހެދިފަވަނީ 75 ލަނޑެވެ. އިންގްލަންޑް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ބޯޅައިން 38 ލަނޑު ހެދި ރިޗާޑް މަކޭއެވެ.
ދެ ޓީމުންވެސް ހުދު ކުލައިގެ ކިޓް ބޭނުންކުރި މި މެޗު ކުޅެފައިވަނީ ޕިންކް ބޯޅައިންނެވެ. މިއީ ރާއްޖޭގެ ކްރިކެޓް ތާރީޚުގައި ޕިންކް ބޯޅައިން މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.