ޚަބަރު

ފިލިޕީންސް، ސްޕެއިން އަދި ނިއުޒިލޭންޑަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރަން މަޖިލީހުން ރުހުން ދީފި


  • ފިލިޕީންސްގެ ނޮން-ރެޒިޑެންޓް ސަފީރަކަށް ކަނޑައަޅުއްވާފައިވަނީ ޑރ. ޝަބީނާ

  • ސްޕެއިންގެ ނޮން-ރެޒިޑެންޓް ސަފީރަކަށް ކަނޑައަޅުއްވާފައިވަނީ އިރުތިޝާމް

  • ނިއުޒިލެންޑުގެ ނޮން-ރެޒިޑެންޓް ސަފީރަކަށް ކަނޑައަޅުއްވާފައިވަނީ ލުވޭޒު

ފިލިޕީންސް، ސްޕެއިން އަދި ނިއުޒިލޭންޑަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ ފިލިޕީންސްއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމަށް މެލޭޝިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ޢައްޔަން ކުރެއްވުމަށެވެ. ސްޕެއިނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމަށް ޢައްޔަން ކުރައްވަން ފޮނުއްވާފައިވަނީ އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމްގެ ނަންފުޅެވެ.

މީގެ އިތުރުން ނިއުޒިލޭންޑަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ސިންގަޕޫރަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ލުވޭޒުގެ ނަންފުޅެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު ވަނީ ތިން ބޭފުޅުންވެސް ނޮން-ރެޒިޑެންޓް ސަފީރުންނަށް ޢައްޔަންކުރައްވަން ފެންނަކަމަށް ފާސްކޮށްފައެވެ. އަދި މަޖިލީހަށް އެ ރިޕޯޓް ހުށަހެޅުމުން މަޖިލީހުންވެސް ވަނީ އެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.

މިގޮތަށް ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓުންނެވެ.

ބޭރު ޤައުމުތަކަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.