ވ. ފެލިދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ފެލިދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން 35 ޓަނުގެ 2 އާރްއޯ ޕްލާންޓާއި 265 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކުގެ އިތުރުން 500 ޓަނުގެ ވާރޭފެން ރައްކާކުރާ 1 ޓޭންކް ބަހައްޓާފައިވާކަމަށެވެ. އަދި ނަރުދަމާ ނިޒާމަށް 2 ޕަންޕިން ސްޓޭޝަނާއި 4.2 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި 3.7 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް އަޅާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން 30 ކިލޯވޮޓުގެ ސޯލަރ ޕެނަލްވެސް ވަނީ މިމަޝްރޫއުގެ ދަށުން ހަރުކޮށްފައެވެ.
އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ ފެލިދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު އޮޕަރޭޓަރާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ޑިފެކްޓްސް ލަޔަބިލިޓީ ޕީރިއަޑްގެ ދަށުން މިހާރު ޚިދުމަތް ފޯރުކޮށްދެމުންދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
2023 ވަނަ އަހަރު މަސައްކަތް ފެށި ފެލިދޫ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިޔާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކުއެވެ. އަދި މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ ކަލްޕަތަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑްގެ ފަރާތުންނެވެ.
ނިމުނުމަހު ގދ. ފަރެސްމާތޮޑާއާއި ލ.އިސްދޫގެ އިތުރުން ލ.ގަމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.