ޚަބަރު

އެމެރިކާއިން ޔޫކްރެއިނަށް އަސްކަރީ، ޖާސޫސީ އެހީތެރިކަން ފޯރުކޮށްދޭން އަލުން ފަށަނީ


ޔޫކްރެއިނަށް ހަތިޔާރާއި އަސްކަރީ އެހީ ފޯރުކޮށްދިނުމާއި ޖާސޫސީ މަޢުލޫމާތު ހިއްސާ ކުރުން އަލުން ފެށުމަށް އެމެރިކާއިން ނިންމައިފިއެވެ. އެ ދާއިރާތަކުން ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުން އެމެރިކާއިން މެދުކަނޑައިލާފައި ވަނީ، ދާދިފަހުން ދެ ޤައުމުގެ ރައީސުންގެ މެދުގައި މަސްރަޙު ހޫނުވުމާ ގުޅިގެންނެވެ. ޔޫކްރެއިނަށް އަލުން އެހީތެރިކަން ފޯރުކޮށްދޭން ފެށުމަށް އެމެރިކާއިން ނިންމާފައި މި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި މުހިންމު މަޝްވަރާތަކަކަށް ފަހުއެވެ.

ޖިއްދާގައި ބޭއްވި އަށް ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކުގައި ޔޫކްރެއިނުން ވަނީ އެމެރިކާއިން ރުހޭ ގޮތަށް އަދި ބޭނުންވާ ގޮތަށް އަމަލު ކުރުމަށް އެއްބަސްވެފައެވެ. އެމެރިކާގެ އެންމެ ފުރަތަމަ ހުށަހެޅުމަކީ، ފުރަތަމަ މަރުޙަލާއެއްގެ ގޮތުން ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ދެމުންދާ ޙަމަލާތައް 30 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމެވެ. މިއީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމެވެ. ޓްރަމްޕާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ދެމެދު މަސްރަޙު ހޫނުވެ، އަރައިރުންވެފައި ވަނީ ޓްރަމްޕް ބޭނުންވާ ގޮތަށް އަމަލު ކުރައްވަން ޒެލެންސްކީ ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.

ޖިއްދާގެ މަޝްވަރާތަކުގައި 30 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ޔޫކްރެއިނުން އެއްބަސްވެފައިވާ ކަން ހާމަ ކުރައްވާފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއެވެ. އޭނާ ވިދާޅުވީ، މި ކަމަށް ރަޝިޔާގެ ރުހުން ހޯދުމަށް އެދި ހުށަހަޅާނެ ކަމުގައެވެ. އަދި، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ މެދު ގޮތެއް ނިންމުމުގެ ބާރު ދެން އޮތީ ރަޝިޔާއަށް ކަމުގައެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ރަޝިޔާއިން މި ކަމަށް ވީ އެންމެ އަވަހަކަށް އާނބަސް ބުނުން، އެއިރުން މި ކަމުގެ ދެވަނަ މަރުޙަލާގެ މަސައްކަތްތައް ފަށައިގަނެވޭނެ، އެއީ ދެ ފަރާތުގެ ދެމެދުގައި ސީދާ މަޝްވަރާތައް ބޭއްވުން،" ރޫބިޔޯ ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް 1,112 ދުވަސް

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ މީގެ ތިން އަހަރު ކުރިން 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ހަނގުރާމަ ފެށުމާ އެކު އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން، ޚާއްޞަ ގޮތެއްގައި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ން ވަނީ ޔޫކްރެއިންގެ ފަޅި އިސްކޮށް، ހަތިޔާރާއި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އަދި، ރަޝިޔާ އެކަހެރިކޮށްލައި ގުޅުންތައް ކަނޑައިލާފައެވެ.

މި ހަނގުރާމަ ނިމުމަކަށް ގެނައުމީ ޓްރަމްޕްގެ ރިޔާސީ ވަޢުދެކެވެ. ހަނގުރާމައިގައި ޔޫކްރެއިނަށް އެންމެ ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދެމުން ގޮސްފައި ވަނީ އެމެރިކާއިންނެވެ. ނަމަވެސް، ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާއި އަސްކަރީ އެހީތައް ވެސް ކަނޑައިލައްވާފައެވެ. އަދި، ރަޝިޔާއާ އެކު ސީދާ މަޝްވަރާތައް ފަށްޓަވާފައެވެ. ޔޫކްރެއިނަށް އެހީ ކަނޑައިލުމުގެ ބޭނުމަކީ، މަޝްވަރާތަކުގައި ބައިވެރިވުމަށް ޔޫކްރެއިނަށް މަޖުބޫރު ކުރުވުމެވެ.

ރޫބިޔޯ ވިދާޅުވީ، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ވީ އެންމެ އަވަހަކަށް ފުރިހަމަ އެއްބަސްވުމެއް އެކުލަވައިލުމަކީ ވޮޝިންގޓަނުގެ މައިގަނޑު އަމާޒު ކަމުގައެވެ. "ފާއިތުވެގެންދާ ކޮންމެ ދުވަހަކު ހަނގުރާމަ ކުރިއަށްދޭ، މީހުން މަރުވޭ، މީހުންނަށް އަމާޒުކޮށް ބޮން އަޅާ، ދެ ފަރާތުގެ މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބޭ،" އޭނާ ވިދާޅުވިއެވެ.

ފުރަތަމަ މަރުޙަލާއެއްގެ ގޮތުން 30 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރަޝިޔާއިން ދޭނެ ޖަވާބު ސާފެއް ނޫނެވެ. ނަމަވެސް، ސުލްޙައިގެ މަޝްވަރާތައް ބޭއްވުމަށް ތައްޔާރަށް ހުންނެވި ކަން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ހާމަ ކުރައްވާފައެވެ. އެ ކަމުގައި ޝަރުޠުތަކެއް ހިމެނޭނެ ކަން ވެސް ރަޝިޔާއިން އޮތީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ރަޝިޔާގެ ސަލާމަތާއި ރައްކާތެރި ކަން ދެމެހެއްޓުމެވެ.

ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލާ މުޚާޠަބު ކުރައްވައި ޖަނަވަރީ 20ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، ކުރު މުއްދަތަކަށް ޙަަމަލާ ބަދަލު ކުރުން މެދުކަނޑައިލައި، ލަޝްކަރުތައް އަލުން ރުކުރުވައިލުމުގެ ފުރުޞަތު ދިނުމަށް ބޭނުންނުވާ ކަމުގައެވެ. އެއީ، ދާއިމީ ޙައްލަކަށް ނުވާނެ ކަމުގައެވެ. އަދި، ރަޝިޔާއަށް އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ބިންތައް އަނބުރާ އެ ޤައުމަށް ދޫ ކުރުމަށް ވެސް ޕުޓިން އިންކާރު ކުރައްވައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގައި ހިމެނޭ ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދަކާއި ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ގިނަ ރަށްތަކެއް ހިމެނެއެވެ.