ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ ސްޕެއިންގެ މެޑްރިޑަށް ނިސްބަތްވާ ގަދަ ދެ ކުލަބުގެ ވާދަވެރިކަމުގައި އެންމެ ބޮޑަށް މައްސަލަ ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.
އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ވާދަކޮށް 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން މޮޅުވީ ރެއާލް މެޑްރިޑެވެ. މައްސަލަ ޖެހުނީ އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީގަ އެވެ. އެގޮތުން އޭނާގެ ޕެނަލްޓީ އެންމެ ފުރަތަމަ ކާމިޔާބުވި ކަމަށް ނިންމި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ވަނީ އެ ޕެނަލްޓީ ގޯސްކޮށް ކަމަށް ނިންމާފައެވެ.
ވީއޭއާރް ބެލި ރެފްރީންނަށް ފާހަގަވީ އަލްވަރޭޒް ބޯޅައިގައި ދެ ފަހަރު ޖެހި ކަމަށެވެ. އެއީ ކަނާތު ފައިން އޭނާ ފޮބުވާލި ބޯޅައާއެކު އޭނާ ކަހާލި ވަގުތު ވާތު ފައިގައި ކޭއްތިލާފައިވާތީއެވެ. ނަމަވެސް އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސެމިއޯނޭގެ ވިސްނުން ތަފާތެވެ. އޭނާ ޕްރެސް ކޮންފަރެންސަށް އައިސް ކުރީ ސުވާލެކެވެ.
"މިތާ އެބައިންތަ އަލްވަރޭޒް ބޯޅައިގައި ދެ ފަހަރު ޖެހިތަން ދުށް އެކަކު ވެސް. ހުރިއްޔާ އަތް މައްޗަށް ނަގާލަބަލަ. އެކަކު ވެސް އަތްމައްޗަށް ނުނަގާ. އޭގެ މާނަ އަކީ ނެތޭ. އަހަރެން ވަރަށް ހައިރާން ވެއްޖެ. ވީއޭއާރުން ޕެނަލްޓީ ރިވިއު ކުރަން ފެށުމުން،" ސިމިއޯނޭ ބުންޏެވެ.
އޭނާގެ ކުރިން ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ބުނީ މެޗު އޮގަނައިޒް ކުރި ފަރާތަށް ޕެނަލްޓީގައި ކަންކަން ހިނގިގޮތް ވަރަށް ސާފު ކަމަށާއި ކޮންމެ ކަމެއްގައި ރެއާލް މެޑްރިޑް ގޯސްކުރުމަކީ ރަނގަޅު ކަމެއްނޫން ކަމަށެވެ.
"މިހާރު މިކަމުގައި ވިކްޓިމް އަކަށްމިވަނީ އަހަރެން. އަބަދު މިކަހަލަ ކަންތައްތަކުގައި ކުރިމަތިލާންޖެހި އަހަރެން ވަރުބަލިވެއްޖެ. އެއީ ގޯސްކޮށް ހިނގާފައިވާ ކަމެއްނަމަ ޔޫއޭފާއިން ބަލާނެ،" ކޯޓުއާ ބުންޏެވެ.
މުބާރާތު ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑް ވާދަކުރާނީ އިނގިރޭސިވިލާތުގެ އާސެނަލްއާ އެވެ.