ގައުމީ ޓީމަކީ މަގޭ ޓީމެވެ. އެންމެހާ ދިވެހިންގެ ޓީމެވެ. ކޮންމެ ތާކު ކުޅުނަސް އެއީ އަހަރުމެން އެންމެންގެ ޓީމެވެ. މިކަމާ ދެ ބަސްވާނެ ދިވެއްސަކު ނުހުންނާނެ އެވެ. ގަލޮޅު ދަނޑަށްވުރެ ކުރިން ދިވެހި ސަޕޯޓަރުން ގައުމީ ޓީމު ކުޅޭއިރު ފޯރި ނަގަން ފެށީ ޓީމު ބޭރުގައި ކުޅުނު މެޗުތަކުގަ އެވެ. ގޭގައި ތިބެގެންނެވެ. އަމިއްލަ ސިޓިން ރޫމުކޮޅުތަކުގައި އާއިލާއާއެކު ކޮންމެވެސް ދިވެހި ކެއުމަކަށް އިންސާފު ކުރަމުންނެވެ. އެއީ ފޯރިގަދަ ފުޓްބޯޅަ މެޗެއް ކުޅޭއިރު އަހަރުމެންގެ ސްޓައިލް ހުރި ގޮތެވެ.
މި ސްޓައިލް އަލުން ތަޖުރިބާކޮށްލަން ދިވެހިންނަށް އެންމެ އަވަހަށް ލިބޭނެ ފުރުސަތަކީ އިންޑިޔާއާ އެކު އަންނަ އަނަގާރަ ދުވަހު ރާއްޖެ ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެވެ. އިންޑިޔާގެ ޝިލޮންގައި ކުޅޭ މެޗަކީ ވޯލްޑްކަޕް ކޮލިފައިން އަށް ފަހު ގައުމީ ޓީމު އަހަރުމެންނާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
މި މެޗަށް ރާއްޖޭގެ ޓީމު ފޯރިއާއެކު ފަރިތަކުރަމުންދާއިރު ޓީމަށް ތަރުހީބު ދިނުމުގައި އަބަދުވެސް ކުރިއަށް ނުކުންނަ ބަޔަކީ ދިވެހިންނެވެ. ދިވެހި ސަޕޯޓަރުން އިހުގައި ކުރާ އެންމެ މުހިންމު ކަމަކީ ބޮޑު ދިދަ ނެގުމެވެ. އެއަށްފަހު ގައުމީ ޓީމު ކުޅޭއިރު ކައިރި ހިސާބުތަކުގައި ބޮޑު ސްކްރީނުން މެޗު ދެއްކުން އޮވެ އެވެ. ހާއްސަކޮށް ރަށްރަށުގައި މިއީ ވަރަށް ފޯރިއާއެކު ކުރާ ކަމެކެވެ. އަމުދުން އަތޮޅުތެރޭގެ ކުޅުންތެރިން ގައުމީ ޓީމުގައި ގިނަވަމުންދިޔަ ވަރަކަށް އެ ރަށްރަށުގައި މި އާދަ ދިޔައީ ދުވަހެއް ދުވަހަކަށް އަށަގަނެ ފޯރިގަދަވަމުންނެވެ.
ގައުމުން ބޭރުގައި ރާއްޖެ ކުޅޭއިރު ވެސް ދިވެހިންނަކީ ފޯރި ނަގާ ބައެކެވެ. 1991 ވަނަ އަހަރުގެ ކޮލަމްބޯ ސާފް ގޭމްސް ބަލަން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ޓިކެޓް ނަގައިގެން ލަންކާ އަށް ދިޔަ އެވެ. އޭގެ ފަހުން ސްރީލަންކާގައި ކުޅުނު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ދިވެހިންގެ އަޑު މުޅި ކޮލްމްބޯގައި ގުގުމާލި ފަހަރެކެވެ. އިންޑިޔާގެ ގޯއާގައި ކުޅުނު މުބާރާތް ފިޔަވައި އެ ގައުމުގެ ސިޓީތަކުގައި ވެސް ދިވެހިން ވަނީ ފޯރި ހިއްޕާލައިފަ އެވެ. 2011 ވަނަ އަހަރު އިންޑިޔާގެ ޓްރިވެންޑްރަމުގައި ގައުމީ ޓީމު ކުޅުނު ދުވަސްވަރު ކުޅިބަލަން ވަންނަ ޓިކެޓް ނުލިބިގެން އެއް ބަޔަކު ދިވެހި އެމްބަސީ ކައިރިއަށް އެއްވީ ވެސް ގައުމީ ޖޯޝުން ފުރިފައި ތިބެ އެވެ. އަނެއް ބަޔަކު ކަޅު ބާޒާރުން ޓިކެޓް ގަނެގެން ދަނޑަށް ވަނުމުގެ ނަތީޖާއަކަށްވީ މުބާރާތް ބާއްވާ ފަރާތުން ދިވެހިންނަށް ހާއްސަ އަގުތަކެއްގައި އެމްބަސީ މެދުވެރިކޮށް ޓިކެޓް ވިއްކަން ފެށުމެވެ. އިންޑިޔާގައި ގިނައިން ދިވެހިން ގޮސް އުޅޭ ސިޓީ ތަކުގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން މުބާރާތުގެ ސްޕޮންސަރުން ބޭނުންވި މައިގަނޑު ސަބަބަކީ ވެސް ދިވެހި ސަޕޯޓަރުންނެވެ.
ގައުމީ ފުޓްބޯޅަ ޓީމު ކުޅޭއިރު އަބަދުވެސް އެންމެ ފޯރި ނަގާ ބަޔަކީ އެ ގައުމެއްގައި ތިބޭ ދިވެހި ކިޔަވާ ކުދިންނެވެ. ލަންކާ އާއި އިންޑިޔާ އަދި ބަނގްލަދޭޝް އާއި އަފްގާނިސްތާނުގެ އިތުރުން ނޭޕާލްގައި ގައުމީ ޓީމު ކުޅުނު މެޗުތަކަށް ކިޔަވާކުދިންގެ އިސްނެގުމާއެކު ސަޕޯޓަރުން ގޮސްފައިވަނީ ޓީމު ކުޅޭ ކުލައިން ހާއްސަކޮށް ރަތް ޖާޒީގައި ޒީނަތްތެރިވެގެންނެވެ.
މިއިން ކޮންމެ ހަރަކާތަކުން ދޭހަކޮށްދެނީ ދިވެހިންގެ ތެރޭގައި ގައުމީ ޓީމަށް އޮންނަ ލޯތްބެވެ. ކޮންމެ ބަޔަކު ގައުމީ ޖާޒީގައި ލައިގެން ނުކުން ނަމަވެސް މަގޭ ޓީމަށްޓަކައި އަހަރުމެންވަމުން އަންނަ ގުރުބާނީ އެވެ. ގައުމީ ޓީމަށްޓަކައި ކުޅުންތެރިން ފަހުރުވެރިވެ، ގައުމީ ޓީމަށް ކުޅުމަކީ އެހާމެ ބޮޑު ޝަރަފެއްގައި ކަމުދެކެނީ ދިވެހި ސަޕޯޓަރުންގެ އާދަޔާ ހިލާފު ޖޯޝާއި ހިތްވަރުންނެވެ. ދައްކާ ފޯރި އާއި ކުޅަދާނަކަމުންނެވެ. މޮޅުވުން ނޫން އެއްޗެއް ބޭނުންނުވެ ދައްކާ ގަދަފަދަ ހިތްވަރާއި ފަންވަރުގެ ސަބަބުންނެވެ. ހަގީގަތުގައި ވެސް އަހަރުމެންގެ ޓީމުގެ 12 ވަނަ ކުޅުންތެރިޔާ އަކީ ދިވެހި ސަޕޯޓަރުންނެވެ.