ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ އަމިއްލަފުޅު ފައިދާއަށް ވިސްނާވަޑައިގެން ނޫންކަމަށާ، އެކަންކުރެއްވީ އެއީ އެވަގުތު ޤައުމަށްޓަކައި ކުރެވެން އޮތް އެންމެ ރަނގަޅު ގޮތްކަމަށް ވާތީކަމުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "އެވެރިން" ޝޯވގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޕީއެސްއެމް ނިއުސްއިން މިރަމަޟާންމަހު ގެނެސްދޭ "އެވެރިން" ޝޯވއަކީ ރާއްޖެއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭބޭފުޅުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށް ގެނެސްދޭ ޝޯވއެކެވެ. މިޝޯވގެ ދެވަނަ އެޕިސޯޑު ޚާއްސަކުރީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެމަފިރިކަނބަލުންނަށެވެ.
ކުރީގެ ރައީސް ޑރ.ވަހީދާއި އަނބިކަނބލުން އިލްހާމް ހުސައިން ވަނީ ވަރަށްގިނަ ގޮތްގޮތުން ރާއްޖެއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައެވެ.
މިޝޯވގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.ވަހީދު ވަނީ އެމަނިކުފާނު ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވުނު ގޮތް ވިދާޅުވެދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގަތީ ދިވެހި ޤައުމަށް ޚިދުމަތްކުރެއްވުމުގެ ބޭނުމުގައިކަމަށެވެ.
އެންމެ ފުރަތަމަ ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންނެވުނީ ޒުވާނުންގެ ގިނަބަޔެއްގެ އެދުމުގެ މަތިން 1988ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރުކަމަށް ކުރިމަތިލެއްވި ހިސާބުންކަމަށް ރައީސް ޑރ.ވަޙީދު ވިދާޅުވިއެވެ. އެދުވަސްވަރަކީ ރާއްޖެއަށް އެދެވޭ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ޚިޔާލުފާޅުކުރެވެމުންދިޔަ ދުވަސްވަރެއްކަމަށާ، އެއީ މިހާރު މިދެކޭ ޑިމޮކްރެޓިކް ނިޒާމު ގެނައުމަށްޓަކައި މަސައްކަތްކުރުމުގެ ވިސްނުން ރާއްޖޭގައި އުފެދިގެންއައި ދުވަސްވަރުކަމަށް ރައީސް ޑރ.ވަޙީދު ވިދާޅުވިއެވެ.
ޑރ. ވަހީދު ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ ފަހުގެ ތާރީޚުގައި ރާއްޖެއަށް ކުރިމަތިވި އެންމެ އާދަޔާ ޚިލާފު ސިޔާސީ ޙާދިސާކަމަށްވާ 7 ފެބުރުއަރީ 2012އަށްފަހުއެވެ. ޑރ.ވަހީދު އެދުވަސްވަރު ސިފަކުރެއްވީ އެއީ ޑިމޮކްރަސީގެ ދަތުރުގެ ވަރަށް ކުރީކޮޅުގެ ގޮތުގައެވެ. އެއީ އަޅުގަނޑުމެން ހައްޤުތަކާއި މަސްއޫލިއްޔަތުތަކާއި، މިކަންކަމުގެ ހުދޫދު ރަނގަޅަށް ކަނޑަނޭޅި އަދި ބައެއް ކަންކަން ކަނޑައެޅިފައި އޮތްނަމަވެސް ގިނަބަޔަކަށް އެކަން ރަނގަޅަށް ތަހައްމަލްނުވެއޮތް ދުވަސްވަރެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
ރައީސް ޑރ. ވަހީދު ވިދާޅުވީ އެވަގުތު ދިވެހިރާއްޖެއަށް ކުރިމަތިވި ހާލަތު ކޮންޓްރޯލް ކުރެވޭނެ ވަރަށް މަދުމީހަކު ނޫނީ ރާއްޖޭގައި ނެތްކަމަށެވެ. އެހެންކަމުން އެދަނޑިވަޅުގައި ޤައުމަށް ޚިދުމަތްކުރަން ނިކުމެ ހުރި މީހަކު އެޙާލަތުގައި ކަންކަން ރައްޔިތުންގެ ބޮލާލައިޖަހާފައި ދުރަށް ދިއުމަށް އެމަނިކުފާނު ޒަމީރު ޤަބޫލްނުކުރި ކަމަށްވެސް ރައީސް ޑރ.ވަޙީދު ވިދާޅުވިއެވެ.
"ވެރިކަމާ ހަވާލުވީކީ އަމިއްލަ ފައިދާއަކަށް ވިސްނައިގެނެސްވެސްނޫން. ސިޔާސީ ހަޔާތުގައި ދެން ކުރިއަށް އޮތްތަނުގައި އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަސަރެއްވެސް ކުރި. ކުރަމުންވެސްދޭ، އެކަންކުރީ އެވަގުތަށް އެންމެ މުހިންމު ދެވެން އޮންމެ މުހިންމު ޚިދުމަތްކަމަށް ދެކިގެން" ޑރ.ވަހީދު ވިދާޅުވިއެވެ.
ރައީސް ޑރ. ވަހީދު ވިދާޅުވީ އެއީ ދިވެހިރާއްޖެއަށް ކުރިމަތިވި ވަރަށް އުނދަގޫ ނުރައްކާތެރި އަދި ޚުޠޫރަތްތެރި ވަގުތެއްކަމަށާ އެކަން ރަނގަޅަށް މެނޭޖުނުކުރެވުނުނަމަ ވަރަށްބޮޑު ގެއްލުންތަކެއް ރާއްޖެއަށް ވީސްކަމަށެވެ. ސިޔާސީ ދާއިރާއަށް ވަންނަނީ ޤައުމަށް ޚިދުމަތް ކޮށްދިނުމަށް ކަމަށާ، ޤައުމީ ލީޑަރުންނަކީ ޤައުމުގެ ޚާދިމުންކަމަށް ރައީސް ޑރ.ވަޙީދު ވިދާޅުވިއެވެ. އެއީ އަމިއްލަ އެދުމެއް އޮވެގެން ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، ޤައުމުގެ މަސްލަހަތަށްޓަކައި ޤައުމުގެ ގިނަބައެއްގެ ލާބަޔާއި މަންފާއަށްޓަކައި ކޮށްދޭން ޖެހޭ ޚިދުމަތެއްކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ޑިމޮކްރަސީ ޓްރެކުން ނައްޓާލައިގެން ދާންއުޅުނު ދަނޑިވަޅެއްގައި ކަމަށާއި ކުރެއްވި މަސައްކަތްޕުޅަކީ ޑިމޮކްރަސީ އަލުން އަނބުރާ ޓްރެކަށް އެޅުވުމުގެ މަސައްކަތްކަމަށެވެ.
އެމަނިކުފާނުގެ ހުރިހައި ކަމެއްގައިވެސް އަނބިކަނބަލުން އިލްހާމްގެ ދައުރު ވަރަށްބޮޑުކަމަށް ފާހަގަކުރައްވައި މި ޝޯވްގައި ރައީސް ޑރ.ވަޙީދު ވިދާޅުވީ ކުރާ ކޮންމެ ކަމެއްގައިވެސް އެއްކޮޅުގައި ހިތްޕަވައިގެން ހިތްވަރުދެއްވަނީ އަނބިކަނބަލުން އިލްހާމްކަމަށެވެ. އަނބިކަނބަލުން ސިފަކުރައްވަމުން ރައީސް ޑރ.ވަޙީދު ވިދާޅުވީ އެއީ ވިސްނުންފުޅު ތޫނު ވަރަށް ހިތްޕުޅު ހެޔޮ އިތުބާރު ހިފޭ ބޭފުޅެއްކަމަށެވެ.