ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް އޮޑި ސްޕޯޓްސް ކުލަބުން ނިކުތީ ފަނޑުވަމުންދާ ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ޖަހައި، އެ ކުޅިވަރަށް ޚިދުމަތެއް ކޮށްދިނުމަށް ކަމަށް ކުލަބުގެ މެނޭޖަރު ޢަލީ ޝިފާޒް ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ އެ ޓީމުގެ އައު ކޯޗުގެ މަގާމަށް އޮސްޓްރޭލިއާގެ އިއަން އެންޑްރޫ ގިލަން ހަމަޖެއްސުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ޝިފާޒު ބުނެފައިވަނީ ރާއްޖޭގައި ފުޓުބޯޅައިން ކުރިއަރާ ދިއުމަށް މަސައްކަތްކުރާ، ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށެވެ. އެހެން ނަމަވެސް މިކަން ކުރުމަށް ދިމާވާ ގޮންޖެހުމަކީ މިކަމަށް ޕްލެޓްފޯމެއް ނެތުން ކަމަށާއި، އެހެންކަމުން ކުޅުންތެރިންނަށް މުބާރާތްތަކުގައި ވާދަކޮށް ޕްރޮފެޝަނަލީ މިކަން ކުރެވޭނެ ގޮތެއް ހޯދައިދެވޭނެ ގޮތްތަކަކާއި ގުޅޭގޮތުން އޮޑި ސްޕޯޓްސްގެ މެނޭޖުމަންޓުން ވިސްނަމުން ދިޔަ ކަމަށެވެ.
އަދި އޮޑި ސްޕޯޓްސްގެ ކުޅުންތެރިންނަށް މިފަދަ ޕްލެޓްފޯމެއް ގާއިމުކޮށްދިނުމަށް ކުރެވިދާނެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވިސްނުނީ ދިވެހި ފުޓުބޯޅަ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރަން ބޭނުންނަމަ ބިދޭސީ ކޯޗަކާއެކު ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ކުޅުންތެރިން އިތުރަށް ތަރައްގީކުރުން ކަމަށްވެސް ވަނީ ބުނެފައެވެ.
"މެނޭޖްމަންޓުން ގާތްގަނޑަކަށް 7 މަސް 8 މަސްވަރު ވެއްޖެ އެކޯޗާއި އެކު ނެގޯޝިއޭޓްކުރާތާ. ދެން ދިމާވި ކަމަކީ ޝެޑިއުލްތަކަށް ބަދަލުއައުމާއި ލީގު ފެށޭނެ ދުވަހެއް ނޭންގުން" ޓީމަށް ގެނެވުނު ބިދޭސީ ކޯޗާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާޒް ބުންޏެވެ.
ދިވެހި ފުޓުބޯޅަ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންދިއުމަށް ކުރެވުނު މަސައްކަތުން އޮޑި ސްޕޯޓްސް ވަނީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައެވެ. އަދި ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް އޯޑި ސްޕޯޓްސްއިން ވަނީ ދުރާލާ ފަރިތަކުރުންތައްވެސް ފަށާފައެވެ. އޮސްޓްރޭލިއާގެ ކޯޗު ގިލަންގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށްދާއިރު، އެޓީމަށް ކުރިން އިރުޝާދުދެމުން ގެންދިޔަ ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ އަޙްމަދު ފައްރާހު އާއި ފަރުހާދު އިސްމާޢީލުވެސް ޓީމުގެ ކޯޗިން ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާނެއެވެ.
"އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ފަރޭ ވަރަށް ދުވަސްވެއްޖެ އަޅުގަނޑުމެންނާއި އެކު މަސައްކަތްކުރާތާ. މިދިޔަ އަހަރުގެ އަންޑަރ 19 އިން ފެށިގެން ފަރޭ އަޅުގަނޑުމެންނާއި އެކު މަސައްކަތްކުރޭ. ދެ އެސިސްޓެންޓް ކޯޗުން ނަގަން ނިންމި ސަބަބަކީ ބިދޭސީ ކޯޗަކާއި އެކު މަސައްކަތްކުރަން ފަސޭހަވާނެތީ. ފައްރައަކީ އަރަމުން އަންނަ ޖީލަށް ފުޓުބޯޅައިން ވަރަށް ގިނަ ޚިދުމަތްތަކެއްކޮށްދެމުން އަންނަ ފަރާތެއް" ޝިފާޒް ބުންޏެވެ.
އޮޑި ސްޕޯޓްސް ކުލަބުން ޖޯޝާއި ފޯރީގައި ސީޒަނަށް މި ނިކުތީ ދިވެހި ފުޓުބޯޅައަށް ޚިދުމަތްކުރުމަށް ކަމަށް ޝިފާޒް ފާހަގަކުރިއެވެ. އޮޑި ސްޕޯޓްސްއިން ވަނީ އައު ސިޒީނަށް ނަން މަޝްހޫރު ވަރުގަދަ ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. މީގެ އިތުރުން ބިދޭސީ ކުޅުންތެރިންވެސް ޓީމުގައި ހިމެނުން އެކަށީގެންވާ ކަމަށް ޝިފާޒް ވަނީ ބުނެފައެވެ.
އޭނާ ބުނީ ކުލަބުގައި ތިބީ ތަޖުރިބާކާރު ކުޅުންތެރިން ކަމަށާއި، އޭގެ އިތުރުން ހުނަރުވެރި އަރަމުން އަންނަ މޫނުތަކަކާއެކު އޮޑި ސްޕޯޓްސް ކުލަބުން ކުރާ އުންމީދަކީ ސީޒަނުގެ ހުރިހާ މުބާރާތެއް ކޯޗިން ސްޓާފުންގެ އިރުޝާދުގެ ދަށުން ކާމިޔާބު ކުރުންކަމަށެވެ.
މީގެ އިތުރުން ޝިފާޒް ވަނީ ކުރިއަށް އޮތް 10 މަސްދުވަހުގައި އޮޑި ސްޕޯޓްސްއިން އެންމެ އިސްކަމެއްދޭނީ ފުޓުބޯޅަ ކުރިއެރުވުމަށް ކަމަށް ބުނެފައެވެ.