ހުއްޓިފައިހުރި ބައެއް ކުޅިވަރު މަޝްރޫއުތައް ނިންމުމަށް ސަރުކާރުގެ ފަރާތުން ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ފެނަކައިގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާހު ސޮއިކުރައްވާފައިވާއިރު، އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
ފެނަކައާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ބ. ކަމަދޫ އާއި ދ. މާއެނބޫދޫގެ ފުޓްބޯޅަ ދަނޑު ގާއިމުކުރުމާއި، ކުރެންދޫގެ ފުޓްބޯޅަ ދަނޑުގެ ލައިޓިން ހަރުކުރުމުގެ އިތުރުން ހަތަރު ރަށެއްގެ ޓާފް އިންސްޓޯލްކުރުމަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުން ހިމެނެއެވެ. މީގެ އިތުރުން ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް 90 ދުވަހުގެ ތެރޭގައި ޤާއިމުކޮށް ނިންމުމަށްވެސް މި އެއްބަސްވުމުގައިވަނީ ކަނޑައަޅާފައެވެ. މިއީ 1.6 މިލިޔަން ރުފިޔާ ހޭދަވާނެ މަޝްރޫއެކެވެ.
އަދި ބ. ކަމަދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކޮށް ނިންމުމަށް އެއްބަސްވުމުގެ ދަށުން 60 ދުވަސްދީފައިވާއިރު، މިއީ 4.7 މިލިޔަން ރުފިޔާ ހޭދަވާނެ މަޝްރޫއެކެވެ. މީގެ އިތުރުން ދ. މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް 120 ދުވަހުން ނިންމުމަށް ހަމަޖެހިފައިވާއިރު، 6 މިލިޔަން ރުފިޔާ ހޭދަވާނެ މި މަޝްރޫޢުގެ ދަށުން ދަނޑުގައި ޓާފް އިންސްޓޯލްކުރުމާއި، ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތްކުރާނެއެވެ.
މީގެ އިތުރުން ބ. ކެންދޫ، ބ. ދަރަވަންދޫ، ބ. ތުޅާދޫ އަދި ރ. މީދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައް ހޯދުމަށްވެސް ފެނަކަ ކޯޕަރޭޝަންއާ ހަވާލުކުރެވިފައިވެއެވެ. މި މަސައްކަތް ފުރިހަމަކުރުމަށް 60 ދުވަސް ދީފައިވާއިރު، މިއީ 1.6 މިލިއަން ރުފިޔާ ހޭދަވާނެ މަޝްރޫޢެކެވެ.
ސަރުކާރުގެ ފަރާތުން އާރްޑީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ކ. ކާށިދޫ އާއި، އދ. ހަންޏާމީދޫ އަދި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑާއި، އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމުމުގެ މަސައްކަތްތަކެވެ.
މި އެއްބަސްވުމުގައިވާ ގޮތުން ކ. ކާށިދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގައި ހިމެނޭ ޑްރޭގް ބްރަޝް ހޯދުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. މި މަސައްކަތަށް 86،400 (އަށްޑިހަ ހަހާސް ހަތަރު ސަތޭކަ) ރުފިޔާ ހޭދަވާނެކަމަށްވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން 5.8 މިލިއަން ރުފިޔާ ހޭދަކޮށްގެން އދ. ހަންޏާމީދޫގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތަށްވެސް އާރްޑީސީގެ ފަރާތުން ކުރުމަށް މި އެއްބަސްވުމުގައިވަނީ ކަނޑައަޅާފައެވެ. 90 ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމަންޖެހޭއިރު، މި މަޝްރޫއުގެ ދަށުން ކުރިއަށްދާނީ ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތެވެ.
މީގެ އިތުރުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އއ. މާޅޮސް ދަނޑަށް ތަރައްގީކުރުމަށްވެސް މި އެއްބަސްވުމުގައިވަނީ ކަނޑައަޅާފައެވެ. މާޅޮހު ފުޓްބޯޅަ ދަނޑުގެ ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، ލައިންޓިން ސިސްޓަމް ހަރުކުރުމާއި، ވަށާފާރު ރާނައި، ފެންސް ޖެހުމުގެ އިތުރުން ރޮސްޓްރަމްގެ މަސައްކަތް ކުރިއަށްދާނެއެވެ. މިއީ ތިންމަހުން ނިންމާ ހަވާލުކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.
180 ދުވަހުން ނިންމާ ހަވާލުކުރާގޮތަށް އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ހޯލު ގާއިމްކުރުމުގެ މަސައްކަތްވެސް އާރްޑީސީއާއި ހަވާލުކުރެވިފައިވާއިރު، މި މަޝްރޫޢަށް ފަސް މިލިއަނެއްހާ ރުފިޔާ ހޭދަވާނެކަމަށްވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ކ. ދިއްފުއްޓާއޮ ހއ. މުރައިދޫ ފުޓްބޯޅަ ދަނޑުގެ ވަށާ ފާރުރޭނުމާއި ފެންސް ޖެހުމާއި، ދަނޑަށް ބޭނުންވާ ބްރަޝް މެޝިން ހޯދުމުގެ އިތުރުން ށ. ބިލެއްފަހި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމުގެ މަސައްކަތްތަކެވެ.
އެމްޓީސީސީ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިއްފުށީގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މީގެ އިތުރުން އެ ރަށުގެ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ. މި މަސައްކަތަށް 1.2 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
މުރައިދޫގެ ދަނޑުގެވެސް ވަށާފާރާއި ދަނޑުގެ ފެންސުޖެހުމުގެ މަސަައްކަތް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޑްރޭގް ބްރަޝް މެޝިން އާއި ބެންޗުތައްވެސް މި ކޮންޓްރެކްޓްގެ ދަށުން ހޯދަންޖެހެއެވެ. 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ހޭދަވާނެއެވެ. ށ. ބިލެއްފަހީގައި އެޅުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ގެ މަސައްކަތަކީ 4.6 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި މަސައްކަތް ނިންމަން ޖެހެނީ ހަ މަސްދުވަހުގެ ތެރޭގައެވެ.
ދިއްފުއްޓާއި މުރައިދޫގެ ދަނޑުގެ މަސައްކަތްތައް ދެ މަސްތެރޭގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާއިރު، ބިލެތްފަހީގެ އެފްއާރުސީ ނިންމުމަށް ހަމަޖެހިފައިވަނީ ހަ މަސްދުވަހުގެ ތެރޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި ކުޅިވަރު މަޝްރޫއުތައް ފުރިހަމަކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ މިދިޔަ އަހަރު ފަށާފައެވެ. މި މަޝްރޫއުތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، މި މަސައްކަތްތައް ވީހާވެސް އަވަހަށް ހަރުދަނާ ގޮތެއްގައި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި މަޝްރޫއުތައް ހަވާލުކޮށް މި އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި މި މަސައްކަތްތައް ނިންމުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.