ޚަބަރު

ކޯމޯ ބަލިކޮށް އޭސީ މިލާން ހަތްވަނައަށް


އިޓާލިއަން ލީގުގައި ރޭ ކޯމޯ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެ، ތާވަލުގެ ހަތްވަނަ މަގާމު އޭސީ މިލާނުން ހޯދައިފިއެވެ.

މި ނަތީޖާ އާއިއެކު އޭސީ މިލާނަށް ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން 47 ޕޮއިންޓާއެކު ވަނީ ހަތްވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ބަލިވި ކޯމޯ އަށް 29 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ. ގަދަ ހަތަރެއްގެ ތެރޭގައި ހިމެނި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އޭސީ މިލާނަށް މިއީ ވަރަށް މުހިންމު ނަތީޖާ އެކެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 33 ވަނަ މިނިޓުގައި ކޯމޯގެ ލޫކަސް ޑަ-ކޫނިއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިއިރު 1-0 ގެ ނަތީޖާއަކުން ކޯމޯ ކުރީގައި އޮތުމާއިއެކު އޭސީ މިލާނުގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ދެވަނަ ހާފަށް ނިކުތްއިރު ފޮފާނާ އާއި އެލެކްސް ޖިމިނޭޒް ކުޅެން އަރުވާފައިވާއިރު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ޖޮއާއޯ ފީލިކްސް ވެސް ވަނީ ކުޅެން އަރުވާފަ އެވެ. މި ބަދަލުތަކާއެކު އޭސީ މިލާނުގެ ކުޅުންވަނީ އިތުރަށް ވަރުގަދަވެގެން ގޮސްފަ އެވެ.

އޭސީ މިލާނުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 53 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިފައިވަނީ ކްރިސްޓިއަން ޕުލިސިޗް އެވެ.

އަދި މެޗުގެ 75 ވަނަ މިނިޓުގައި ތިޖާނީ ރެއިންޑާރސް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން އޭސީ މިލާނަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މި މެޗުގެ އިތުރު ވަގުތުގައި ކޯމޯގެ ޑޭލޭ އަލީ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އޭނާއަށް ކާޑު ދައްކާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިޔާ 10 ވަރަކަށް މިނިޓުގެ ތެރޭގަ އެވެ.

ދެ އަހަރެއް ހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ފުރަތަމަ ފަހަރަށް ޑޭލޭ އަލީ ކުޅުނު މި މެޗުގައި އޭނާއަށް ކާޑު ދައްކާފައިވަނީ މިލާނުގެ ރުބެން ލޮފްޓަސް ޗީކްއަށް ކުރި ފައުލަކާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހުގަ އެވެ.

ޑޭލޭ އަލީ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލޯނު އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ފެނަބާޗޭއަށް ކުޅުނު އިރުއެވެ. ދަނޑުން ބޭރުގައި ދިމާވި ގިނަ މައްސަލަތަކަކާއިއެކު އޭނާއަށް އަސްލު ކުޅުން ދެއްކޭ ގޮތް ވެފައިނުވާއިރު 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދި އިނގިރޭސިވިލާތުގެ ޓީމުގައި ޑޭލޭ އަލީ ހިމެނެ އެވެ.