ޚަބަރު

ކުވައިތުގައި ސަލާންޖަހާ ބޭރު މީހުން ޤައުމަށް އަނބުރާ ފޮނުވާލަނީ


ކުވައިތުގައި ދިރިއުޅޭ ބޭރު ޤައުމުތަކަށް ނިޞްބަތްވާ މީހުންގެ ތެރެއިން ރަމަޟާން މަހު ސަލާންޖަހާ މީހުން އެނބުރި ނާދެވޭ ގޮތަށް އެ މީހުންގެ ޤައުމަށް އަނބުރާ ފޮނުވާލުމަށް ނިންމައިފިއެވެ. ކުވައިތުން އެ ގޮތަށް ނިންމީ އެ ޤައުމުގައި ދިރިއުޅޭ ބޭރު މީހުން މަގުތަކާއި އާންމު ތަންތަނުގައި ސަލާންޖެހުމުގެ މައްސަލަ ބޮޑުވެގެންނެވެ.

ކުވައިތުގެ ދާޚިލީ ވުޒާރާއިން ބުނީ މިސްކިތްތަކާއި ބާޒާރުތަކުގައި ސަލާންޖެހި ޢަރަބި އަދި އޭޝިޔާގެ ޤައުމުތަކަށް ނިޞްބަތްވާ 11 މީހަކު މިހާތަނަށް އެނބުރި ނާދެވޭ ގޮތަށް ޤައުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަށް އަންހެނުންނާއި ތިން ފިރިހެނުން ހިމެނެއެވެ. އެ މީހުންގެ ތެރޭގައި ބައެއް މީހުންނަކީ ވިސިޓް ވިސާގައި ނުވަތަ ޢާއިލާ މީހަކު އެ ޤައުމުގައި ދިރިއުޅޭތީ ދޫކުރާ ޙުއްދައިގެ ދަށުން ކުވައިތަށް އެތެރެވެފައިވާ މީހުންނެވެ. ދެން ތިބި މީހުންނަކީ އެއްވެސް ލިޔެކިޔުމެއް ނެތި ޤަވާއިދާ ޚިލާފަށް އެ ޤައުމުގައި ދިރިއުޅެމުން ދިޔަ މީހުން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އެ މީހުން ޑިޕޯޓު ކުރުމުގެ ކަންތައްތައ ކުރިއަށް ގެންދާނީ އެ ޤައުމުގެ ޖެނެރަލް ޑިޕާޓްމަންޓް އޮފް ރެސިޑެންސް އެފެއަރސް އިންވެސްޓިގޭޝަނުން ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ދާޚިލީ ވުޒާރާއިން އިތުރަށް ބުނީ ސަލާންޖަހާ މީހުންގެ ތެރެއިން ރެސިޑެންސް ވިސާ އޮންނަ މީހުން އަނބުރާ ޤައުމަށް ފޮނުވާއިރު އެ މީހުންގެ ބެލުމުގެ ދަށުގައި ކުވައިތުގައި ތިިބި މީހުންނާއި އެ މީހުންގެ ސްޕޮންސަރުން ވެސް އަނބުރާ ޤައުމަށް ފޮނުވާލާނެ ކަމަށެވެ. އޭގެ އިތުރުން އެ ފަދަ މީހުން ކުވައިތަށް އެތެރެވުމަށް މެދުވެރިވާ ކުންފުނިތަކާ ދެކޮޅަށް ވެސް ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.