ދުނިޔެ

މޫސަލްގެ ވައިގެ ބަނދަރެއް އައިއެސްގެ އަތްދަށުން މިނިވަންކޮށްފި


އިރާޤުގެ އުތުރުގެ ރަށެއްކަމަށްވާ މޫސަލްގައި ހުންނަ އިރާޤު ސިފައިންގެ އަސްކަރީ ވައިގެ ބަނދަރެއް އައިއެސް ޖަމާޢަތުގެ އަތްދަށުން މިނިވަންކޮށްފިއެވެ.

އިރާޤުގެ އަސްކަރިއްޔާއިން ބުނީ، ވައިގެ ބަނދަރު މިނިވަންކުރީ އައިއެސް ޖަމާޢަތުގެ އަތްދަށުން މޫސަލް މިނިވަން ކުރުމަށް އިރާޤު ސިފައިން މިހާރު ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގެ ދަށުންކަމަށެވެ. މިއީ އެ އޮޕަރޭޝަނަށް ލިބުނު ސްޓްރެޓީޖިކް ކުރިއެރުމެއްކަމަށާއި، މި ވައިގެ މަރުކަޒު މެދުވެރިކޮށް މޫސަލްގައިވާ އައިއެސްގެ އަމާޒުތަކަށް ޙަމަލާދޭން ފަސޭހަވެގެންދާނެކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.

އިރާޤު ސިފައިންގެ ކޮމާންޑަރަކު ވިދާޅުވީ މޫސަލް މިނިވަން ކުރުމުގެ އޮޕަރޭޝަންގެ ހުރިހާކަމެއްވެސް ވަރަށް ފުރިހަމައަށް ރާވާފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ. މޫސަލްގެ ކުރިން އިރާޤު ސިފައިންވަނީ އައިއެސްގެ ކޮންޓްރޯލް އޮތް އިރާޤުގެ ދެ ރަށް ކަމަށްވާ ރަމާދީ އާއި ފައްލޫޖާ މިނިވަންކޮށް އެ ދެ ރަށް އިރާޤު ސަރުކާރުގެ ބާރުގެ ދަށަށް ގެނަސްފައެވެ.