ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު ވުޖޫދުވުމުން، ޖަނަވާރުން އިމްޕޯޓުކުރުމާއި ރީ-އެކްސްޕޯޓު ކުރުމުގައި މިހާރު އަމަލުކުރަމުންދާ އުޞޫލުތައް އިތުރަށް ހަރުދަނާވާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކާ "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު"ގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ.
މި ބިލާގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞަފްވާން އިބްރާހީމް ވިދާޅުވީ، މި ބިލާގުޅޭގޮތުން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވާ ޝުޢޫރުތަކަށް ބަލާއިރު އިންސާނުންނަށްވުރެ ޖަނަވާރުންގެ ޙައްޤުތައް މާ މުހިންމުވީތޯ ސުވާލު އުފައްދަމުންދާކަމަށެވެ. އެހެންނަމަވެސް މިއީ އިންސާނުންގެވެސް ރައްކާތެރިކަމަށް، ޖަނަވާރުން ގެންގުޅުމުގައި ބައިނަލްއަޤްވާމީގޮތުންވެސް ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް ރިޢާޔަތްކުރެވިގެން އެކުލަވާލާ ޤާނޫނެއްކަމަށް ޞަފްވާން ވިދާޅުވިއެވެ.
"ހަޤީޤަތަކީ މި ބިލު އަޅުގަނޑުމެން މި ލަނީ އިންސާނުންގެވެސް ރައްކާތެރިކަމަށް. މި ބިލުން ޔަޤީންކޮށްދޭނެ އިމްޕޯޓުގެ ޤާނޫނުތައްވެސް އެކިއެކި ބަލިތައް ޖެހިފައި ހުރެދާނެ އިމްޕޯޓުކުރާ ޖަނަވާރުންނަށްވެސް. އެކަން އިތުރަށް އެޝުއަރކޮށްދޭނެ. މި ބިލުން އަޅުގަނޑުމެންގެ އިކޯސިސްޓަމަށްވެސް އިތުރު ޔަޤީންކަމެއް އެބަދޭ، އަޅުގަނޑުމެންވެސް އުޅެން މިޖެހެނީ ޖަނަވާރުންނާއެކީގައި." ސްޓޭޓް މިނިސްޓަރ ޞަފްވާން ވިދާޅުވިއެވެ.
ރާއްޖޭގައިވެސް މަދުންނަމަވެސް ޖަނަވާރުންނަށް އަނިޔާކުރުމާއި ގޯނާކުރުމުގެ މައްސަލަތައް ފެންމަތިވަމުންދާކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ޞަފްވާން ވިދާޅުވީ، މިއީ ތަހުޒީބީ މުޖުތަމަޢުއަކުން ފެނިގެންވާނެ މަންޒަރެއްނޫންކަމަށެވެ. އަދި އަލަށް އެކުލަވާލާ ޤާނޫނުން މިފަދަ ކަންކަން ހުއްޓުވުމަށްވެސް އިތުރު ބާރެއް ލިބިގެންދާނެކަމަށެވެ.
ޞަފްވާން ވިދާޅުވީ، ޖަނަވާރުން އިމްޕޯޓްކުރުމާއި، ރީ-އެކްސްޕޯޓުކުރުމުގައި މިހާރު އަމަލުކުރަމުންދާ އުޞޫލުތަކާމެދު ބައެއް ކަންބޮޑުވުންތައް ހުރުމާއެކު އެކަމަށް މަޝްވަރާތަކެއްކޮށް، ހައްލު ހޯދުމަށްވެސް ޤާނޫނުގައި ހިމަނާފައިވާނެކަމަށެވެ. ޚާއްސަގޮތެއްގައި ވަކި ލިމިޓެއްނެތި ޖަނަވާރުން އިމްޕޯޓްކުރުމާއި ބްރީޑްކުރުމުގެ ކަންކަން އޮތްއޮތުން، ހައްލުކުރުމަށް މުހިންމު ކަންތައްތަކެއް ޤާނޫނުގައި ހިމަނާފައިވާނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އެންމެ ބޮޑަށް މީގައި ރައްކާތެރިކަން ލިބޭނީ ޖަނަވާރުން އިމްޕޯޓުކުރާ ހިސާބުން. މިހާރުވެސް ވާނެ އިމްޕޯޓު އުޞޫލުތަކާބެހޭގޮތުން މަޝްވަރާތަކެއްކޮށްފައި. ކުރިން އިމްޕޯޓް އުޞޫލު އޮތްގޮތަށް ބަލާއިރު އެބޭފުޅުން ބޭނުން އަދަދަކަށް ބުޅާ އެއްޗެހި އިމްޕޯޓުކުރެވޭ. އޭގެ އެއްވެސް ކޮންޓްރޯލެއްނެތް. އަދި ބްރީޑިންގވެސް ބޭނުންގޮތަކަށް. ރާއްޖޭގައި މިހާރު ތިބި ސްޕީޝިޒްތަކަށް ބަލާއިރުވެސް ވަރަށް ބޮޑަށް މިކްސްވެފައި މިހުރީ ބުޅާތައްވެސް. މި ބިލުން މިކަހަލަ ކަންކަން އެބަ ކަށަވަރުކޮށްދޭ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ޖަނަވާރު ގެންގުޅުމާއި ބެލެހެއްޓުމާއި ވިއްސައި އާލާކުރުމުގައި ޖަނަވާރުގެ ޞިއްޙަތާގުޅޭ ކަންކަމުގައި ޢަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި، ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާގުޅޭ އުޞޫލުތައް ވަނީ ހިމަނާފައެވެ. އަދި ރާއްޖެއަށް ޖަނަވާރުން އެތެރެކުރުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި، ރާއްޖޭން ބޭރަށް ގެންދިޔުމާގުޅޭ އުޞޫލުތަކާއި އެނޫންވެސް ކަމާގުޅޭ އުޞޫލުތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ.
މި ބިލު މަޖިލީހަށް ވަނީ ބަލައިގެން، ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.