ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ނުރައްކާތެރި ޙަމަލާތަކެއްދީ، 31 މީހުން ޝަހީދު ކޮށްލައިފިއެވެ. މިއީ، ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނާ ދެކޮޅަށް، ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ފަށާފައިވާ އަސްކަރީ ކެމްޕޭނެއްގެ ދަށުން ދިން ޙަމަލާތަކެކެވެ.
ޙޫޘީންގެ ކުށަކީ ފަލަސްޠީނުގެ މުސްލިމުންގެ ދިފާޢުގައި ޔަހޫދީންނާ ދެކޮޅަށް ތެދުވުމެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން ޙޫޘީން ވަނީ އޭގެ ރައްދުގައި ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށާފައެވެ. ޖަނަވަރީ 19ވަނަ ދުވަހު ޔަހޫދީންގެ ޢުދުވާން މެދުކަނޑައިލުމާ އެކު ޙޫޘީންގެ ޙަމަލާތައް މެދުކަނޑައިލާފައިވީ ނަމަވެސް، ޣައްޒާގެ ނިކަމެތީންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީއަށް ޔަހޫދީން ހުރަސް އަޅަން ފެށުމާ އެކު ޙޫޘީން ވަނީ އަނެއްކާ ވެސް ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.
ޙޫޘީންގެ އަސްކަރީ އޮޕަރޭޝަން ހިންގަމުން ދަނީ ރަތް ކަނޑުގެ ސަރަޙައްދުގައެވެ. އެ ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ޙޫޘީން ދަނީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޒަޔަނިސްޓު އިސްރާއީލަށް މުދާ އުފުލާ އާގުބޯޓުފަހަރަށެވެ. އަދި، ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރަށެވެ. މީގެ އިތުރުން، އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި އެ ދެ ޤައުމާ ގުޅުން އޮތް އާގުބޯޓުފަހަރަށް ވެސް ޙޫޘީންގެ ޙަމަލާތައް އަމާޒުކޮށްފައިވެއެވެ.
ޙޫޘީންގެ އަސްކަރީ ހަރަކާތްތައް ހުއްޓުވުމުގެ ނަމުގައި ޔަމަނަށް ބޮންއަޅަން ފެށުމަށް އަމުރު ކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ މެދުއިރުމަތީގެ ނުފޫޒު ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ވެސް އިންޒާރު ދެއްވާފައެވެ. ޙޫޘީންނަކީ، އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތެކެވެ. އީރާނުން އެމެރިކާއަށް ބިރު ދައްކާ ނަމަ، "އެމެރިކާއިން ކަލޭމެން [އީރާން] ޖަވާބުދާރީ ކުރުވާނެ، އެ ކަން ކުރާނީ ރީތި ގޮތުގައެއް ނޫން،" ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.
މިއީ، ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޓްރަމްޕް ޙަވާލުވެ ވަޑައިގެންނެވި ފަހުން އެމެރިކާއިން މެދުއިރުމަތީގައި ހިންގާ މި ފަދަ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަނެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، ޙޫޘީންނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަން ކުރިއަށް އޮތް ހަފުތާތަކަށް ދެމިގެންދާނެ ކަމުގައެވެ. ޓްރަމްޕްގެ އަމުރަށް ޙޫޘީންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައި މި ވަނީ، އޭނާގެ އަމުރަށް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ހަރުކަށި ކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
"ހުރިހާ ޙޫޘީންނަށް ދަންނަވައިލަން، ކަލޭމެންނަށް ލިބިފައިވާ ވަގުތު ހަމަވެއްޖެ، އަދި ކަލޭމެންގެ ޙަމަލާތައް މިއަދުން ފެށިގެން ހުއްޓައިލަން ޖެހޭ. އެހެން ނޫން ނަމަ، ކަލޭމެންނަށް ދުވަހަކު ވެސް ފެނިފައި ނުވާ ފަދަ ގޮތަކަށް ވާރޭގެ ގޮތުގައި ދެން ވެހެން ފަށާނީ ނަރަކަ،" ޓްރުތު ސޯޝަލްގައި ޙޫޘީންނަށް އިންޒާރު ދެއްވައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
ޔަމަންގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަނީސް އަލް-އަޞްބަޙީ ވިދާޅުވީ، ޓްރަމްޕްގެ އަމުރަށް އެމެރިކާގެ ސިފައިން ޔަމަނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައެވެ. ޙަމަލާތަކުގައި 101 މީހުން ޒަޚަމު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މިއީ، "ހަނގުރާމައިގެ ކުށެއް"ގެ ގޮތުގައި ސިފަކޮށް، ޙޫޘީން ވަނީ ރައްދުގައި ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ޔަމަންގެ ވެރިރަށް ޞަންޢާގެ ރައްޔިތުން ބުނީ، އެމެރިކާގެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙޫޘީންގެ ބާރު އޮތް ސަރަޙައްދުތަކަށް ކަމުގައެވެ. އަދި، އެ ޙަމަލާތަކުގައި ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްފައިވާ ކަމަށް ބުނެ، ޙަމަލާ ދީފައިވާ ވަގުތު ބިންހެލުމެއް ފަދަ ބޮޑެތި ލޮޅުންތަކެއް އައިސްފައިވާ ކަމުގައި ވެސް ބައެއް ރައްޔިތުން ބުންޏެވެ. "އެ ކަމާ އެކު އަޅުގަނޑުމެންގެ އަންހެނުންނާއި ކުޑަކުދިންގެ ހިތްތަކަށް ބިރުވެރިކަން ގެނުވި،" ޞަންޢާގެ ރައްޔިތަކު ބުންޏެވެ.
ޞަންޢާގެ އިތުރުން ޔަމަންގެ ހުޅަނގުދެކުނުގައި އޮތް ތާޢިޒަށާއި، ޞަޢަދާގެ ރަށެއް ކަމުގައިވާ ޟުޙައްޔާނަށް ވެސް އެމެރިކާގެ ނިރުބަވެރި ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ. ޟުޙައްޔާނަކީ ޙޫޠީންގެ ވެރިޔާ ޢަބްދުލްމާލިކް އަލް-ޙޫޘީ މުހިންމު ބައްދަލުވުންތައް ބާއްވަވާ ރަށެކެވެ. އެ ސަރަޙައްދަށް ދިން ޙަމަލާތަކުގައި އިންޖީނުގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމުގައި މަންޒަރު ފެނުނު މީހުން ބުންޏެވެ.
ޔަހޫދީންނާ ދެކޮޅަށް ޙޫޘީން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުގެ ދަށުން ރަތް ކަނޑުން ދަތުރު ކުރަމުން ގޮސްފައިވާ 100ށްހާ އުޅަނދަށް ޙަމަލާ ދީފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ބުނީ، އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް އަމާޒުކޮށް ޙޫޘީން 174 ފަހަރު ޙަމަލާ ދީފައިވާ ކަމުގައެވެ. އަދި، ވިޔަފާރި އުޅަނދުފަހަރަށް އަމާޒުކޮށް 145 ފަހަރަ ޙަމަލާ ދީފައިވާ ކަމުގައެވެ. ޙޫޘީންގެ ޙަމަލާތަކުގައި އޭގެ ތެރެއިން ދެ އާގުބޯޓު ވަނީ ފައްތައިލާފައެވެ.