އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު އީގަލްސް ވެޓެރަންސް ބަލިކޮށް، ގްރޫޕް ބީގެ އެއްވަނަ ހޯދައި ސެމީ ފައިނަލުގެ ޖާގައަކާ ފިޔަވަޅަކަށް ގާތަށް މުއިވެޔޮ ފްރެންޑްސް ޖެހިލައިފިއެވެ.
މާފަންނު ޓާފް ދަނޑުގައި ކުޅުނު މި މެޗު މުއިވެޔޮއިން ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ދެ ލަނޑު ފުރަތަމަ ހާފުގެ ކުރީކޮޅު މުއިވެޔޮއަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ސުޖާއުއެވެ. އެއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-0 އިން މުއިވެޔޮ ކުރީގައި އޮވެގެންނެވެ.
މި މެޗުގައި މުއިވެޔޮއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އަޙްމަދު ނިޔާޒް ކާމިޔާބުކޮށްދިންއިރު، ހަތަރުވަނަ ލަނޑު ޖަހައިދިނީ އިބްރާހީމް ފުރުގާންއެވެ. އަދި މި މެޗުގައި މުއިވެޔޮއިން ކާމިޔާބުކުރި ފަސްވަނަ ލަނޑު ޖަހައިދިނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ) އެވެ.
މި ނަތީޖާއާއެކު މުއިވެޔޮ ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށް ގްރޫޕް ބީގެ އެއްވަނައަށް ޖެހިލާފައެވެ. އަދި ދެވަނައިގައި އޮތް ސްޓެލްކޯއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިން މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް ދަ ގްރާންޑޭ ތިންވަނައިގައި އޮތްއިރު، ދެ މެޗު ކުޅެގެން ތިން ޕޮއިންޓާއެކު ޕޮލިސް ކުލަބު އޮތީ ހަތަރުވަނައިގައެވެ. އަދި ފުލުގައި އޮތް އީގަލްސްއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި ފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.