ޚަބަރު

އެމެރިކާގެ އެކި ސަރަޙައްދުތަކަށް ތޫފާނު އަރައި 33 މީހުން މަރުވެއްޖެ


އެމެރިކާގެ އެކި ސްޓޭޓުތަކަށް އެރި ވަރުގަދަ ތޫފާންތަކެއްގައި 33 މީހުން މަރުވެއްޖެއެވެ.

ތޫފާންތަކުގެ ސަބަބުން އެމެރިކާގެ ސްޓޭޓެއް ކަަމަށްވާ މިސޫރީގެ ފަސް ކައުންޓީއަކުން 12 މީހުން މަރުވެފައިވެއެވެ. މިސޫރީގެ ބަޓްލަރ ކައުންޓީގެ ޑިރެކްޓަރ އޮފް އެމަރޖެންސީ މެނޭޖްމަންޓުގެ ޑިރެކްޓަރ ރޮބީ މަޔަރސް ވިދާޅުވީ 500އަށްވުރެގިނަ ގެދޮރާއި ޗާޗަކާއި ފިހާރައަކަށް ތޫފާނުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން އެއްތަނުން އަނެއްތަނަށް ގެންދެވޭ ގޮތަށް ހުންނަ ގެދޮރު ޕާކުކުރާ ތަނެއް ވެސް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސިސިޕީ ސްޓޭޓުގެ ގަވަރުނަރު ޓޭޓް ރީވްސް ވިދާޅުވީ އެ ސްޓޭޓުގައި ތޫފާނުގެ ސަބަބުން ހަ މީހުން މަރުވެފައިވާ ކަމަށެވެ. އެ ސްޓޭޓުގެ އެކި ސަރަޙައްދުތަކުގައި 29 މީހުންނަށް އަނިޔާވެފަިވާ ކަމަށާއި ތޫފާނުގައި 21 ކަައުންޓީއަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ އާކަންސަސް ސްޓޭޓުގައި ވެސް ތިން މީހުުން މަރުވެފައިވެއެވެ. އެ ސްޓޭޓުގެ ޑިޕާޓްމަންޓް އޮފް އެމަޖެންސީ މެނޭޖްމަންޓުން ބުނީ އިތުރު 32 މީހަކަށް ތޫފާނުގައި އަނިޔާވެފައިވާ ކަމަށެވެ.

އެމެރިކާގެ ޤައުމީ މޫސުމާބެހޭ އިދާރާގެ މީޓިއޮރޮލޮޖިސްޓެއް ކަމަށްވާ ޑޭވިޑް ރޮތު ވިދާޅުވީ އެމެރިކާގެ އެކި ސަރަޙައްދުތަކުން 26 ތޫފާން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ސްޓޭޓުތަކަށް އަރާފައި ވަނީ ކިތައް ތޫފާންކަން ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތޫފާންތަކުގެ އަސްލަކީ އެ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ސިސްޓަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.