ޚަބަރު

ފުރަތަމަ 10 ގައި މަސްޖިދުލް ޙަރާމަށް 25 މިލިޔަން މީހުން ޒިޔާރަތް ކޮށްފި، މިއީ ރެކޯޑެއް


މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުން މަސްޖިދުލް ޙަރާމަށް ޒިޔާރަތް ކޮށްފިއެވެ.

ދެ ޙަރަމުގެ ކަންކަން ބަލަހައްޓާ ރިޔާސަތުން ބުނީ ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި މަސްޖިދުލް ޙަރާމަށް 25 މިލިޔަނަށް ވުރެ ގިނަ މީހުން އަޅުކަން ކުރުމަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އެ މުއްދަތުގައި 5.5 މިލިޔަން މީހުން ޢުމްރާވެފައިވާ ކަމަށް ވެސް ރިޔާސަތުން ބުނެއެވެ.

މަސްޖިދުލް ޙަރާމަށް ރެކޯޑު ޢަދަދަކަށް މީހުން ޒިޔާރަތް ކޮޮށްފައި މި ވަނީ ކޮންމެ އަހަރުކު ވެސް ރަމަޟާން މަހާ ދިމާކޮށް ގިނަ ޢަދަދެއްގެ މީހުން އެ މިސްކިތަށް ޒިޔާރަތް ކުރާތީ، މިސްކިތުގެ އިންތިޒާމުތައް ވީ އެންމެ ރަނގަޅަކަށް ހަމަޖެއްސުމަށް ސަޢުދީ ޢަރަބިއްޔާއިން ޚާއްޞަ މަަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައެވެ.

އަހަރަކަށް ވުރެ އަހަރަކު މިސްކިތަށް ޒިޔާރަތްކުރާ މީހުުންގެ ޢަދަދު އިތުރުވަމުންދާތީ ދެ ޙަރަމް ބަލަހައްޓާ ރިޔާސަތުން ވަނީ މަސްޖިދުލް ޙަރާމަށް ޒިޔާރަތްކުރާ މީހުން ކިތަންމެ ގިނަވި ނަމަވެސް މިސްކިތުގައި ހިންގާބިންގާވެ އުޅެން ދަތި ނުވާނެފަދަ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މިސްކިތުގެ އެކި ސަރަޙައްދުތަކުަގައި މީހުން ބޮނޑިވިޔަ ނުދީ ތޮއްޖެހުން ކުޑަކުރުމަށް އެހީތެރިވުމަށް 11،000އަށްވުރެ ގިނަ މުވައްޒަފުން މިސްކިތުގެ އެކި ސަރަޙައްދުތަކުގައި މަސައްކަތް ކުރެއެވެ. އޭގެ އިތުރުން މިސްކިތް ސާފުތާހިރުކޮށް ބޭއްވުމަށް، ސާފުކުރުމުގެ މަސައްކަތުަގައި 4،000އަށްވުރެ ގިނަ މުވައްޒަފުން ޙަރަކާތްތެރިވެއެވެ. އެ މީހުންގެ ކަންކަން ރާވާ އިންތިޒާމުކޮށް ހިންގުމަށް 350 މެނޭޖަރުން ވެސް މަސައްކަތްކުރެއެވެ. އޭގެ އިތުރުން މިސްކިތަށް ވަދެ ނިކުތުމުގެ ކަންކަން ބަލަހައްޓައި ނަމާދުކުރާ ސަރަޙައްދުތަކުގައި މީހުން އަތުރާ، އެސްކެލޭޓަތުތައް ބާރުބޮޑުވިޔަ ނުދީ އަދި ޠަވާފް ކުރާ ސަރަޙައްދުތަކުގެ ކަންކަން ބެލެހެއްޓުމަށް ވެސް ޅާއްޞަ ޓީމުތަކެއް މަސައްކަތް ކުރެއެވެ.

މިސްކިތައް ޒިޔާރަތްކުރާ މީހުން ފަސޭހަކަމާއެކު އަޅުކަން ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް މިސްކިތުގެ އިމާރާަތަށް ވެސް ރިޔާސަތުން އަބަދު ވެސް ބަދަލުގެނެއެވެ. އެއީ ވީހާވެސް ގިނަ ޢަދަދެއްގެ މީހުންނަށް އެއްފަހަރާ މިސްކިތުގައި ޙަރަކާތްތެރިވެވޭނެ ގޮތަށް ޖާގަ އިތުރުކުރުމުގެ ބޭނުމުގައެވެ. މަސްޖިދުލް ޙަރާމުގައި ޒަމްޒަމް ފެން ލިބޭ ގޮތަށް 20،000އަށްވުރެ ގިނަ ޑިސްޕެންސަރު މިހާރު ބަހައްޓާފައި ހުރެއެވެ. އޭގެ އިތުުރުން މިސްކިތުގެ އެތެރޭގެ ފިނިހޫނުމިން އަރާމު ވަރެއްގައި ދެމެހެއްޓުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ފިނިކުރާ ނިޒާމު މިސްކިތުގައި ބޭނުންކުރެއެވެ. 155،000 ޓަނުގެ ކެޕޭސިޓީ ހުންނަ މި ފިނިކުރާ ނިޒާމުން މިސްކިތުގެ ފިނިހޫނުމިން 22އާއި 24 ޑިގްރީ ސެލްސިއަސްއާ ދެމެދު ދަމަހައްޓައިދެއެވެ. އޭގެ އިތުރުން މިސްކިތުގައި ހަރުކޮށްފައި ހުންނަ ވައި ސާފުކުރާ ނިޒާމުން ވައިގެ ތެރޭގައި ހުންނަ 95 އިންސައްތަ ޖަރާސީމު ނައްތާލައެވެ.

މަސްޖިދުލް ޙަރާމުގައި ބޭނުންކުރާ ސައުންޑް ސިސްޓަމަކީ ވެސް ޚާއްޞަ ނިޒާމެކެވެ. މިސްކިތުގެ އެކި ސަރަޙައްދުތަކުގައި 8.000އަށްވުރެ ގިނަ ސްޕީކަރު ހަރުކޮށްފައިވާއިރު އެ ނިޒާމުން ސާފުކަމާއެކު ބަންގީގެ އަޑާއި ޚުތުބާތަކުގެ އަޑު މިސްކިތުގެ ހުރިހާ ސަރަޙައްދެއްގައި ތިބޭ މީހުންނަށް ވެސް ފޯރު ކޮށްދެއެވެ. އޭގެ އިތުރުން މިސްކިތުގައި ހަރުކޮށްފައިވާ 12،000އަށްވުރެ ގިނަ ލައިޓިންގ ޔުނިޓުން މަސްޖިދުލް ޙަރާމަކީ އަބަދު ވެސް އަލިގަދަކޮށް ދިއްލާފައިވާ މިސްކިތެެއްކަން ކަށަވަރު ކޮށްދެއެވެ.

ޙަރަމައިން ރެއިލްވޭއިން ވެސް 3.400 ދަތުރު!

ސަޢުދީ ޢަރަބިއްޔާ ރެއިލްވޭ (އެސްއޭއާރު)އާއި ރޭލު ދަތުރުތައް ހިންގާ ކުންފުންޏާ ގުޅިގެން ހިންގާ ޙަރަމައިން ހަައި-ސްޕީޑް ރެއިލްވޭ ރޭލު ނިޒާމަކީ ދުނިޔޭގެ އެންމެ ބާރަށް ދަތުރުކުރާ ކަރަންޓު ރޭލު ނިޒާމެވެ. މި ނިޒާމުގައި ބޭނުންކުރާ ރޭލުތަކަށް ގަޑިއަކު 300 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރު ކުރެވެއެވެ. 2018ވަނަ އަހަރު އިފްތިތާޙް ކުރި މި ނިޒާމަކީ ޙައްޖާއި ޢުމްރާވެރިން ދަތުރުކުރުމަށް ރައްކާތެރި ނިޒާމެއް ޤާއިމް ކުރުމަށް ތަޢާރަފް ކޮށްފައިވާ ނިޒާމެކެވެ. މި ހައި-ސްޕީޑު ރޭލުތަކުގައި މައްކާއިން މަދީނާއަށް ދަތުރު ކުރުމަށް ހޭދަ ވަނީ އެންމެ ދެ ގަޑިއިރެވެ.

މި ރޭލު ނިޒާމުގައި 35 ކަރަންޓު ރޭލު ބޭނުން ކުރެއެވެ. ކޮންމެ ރޭލެއްގައި 13 ކާރު ހިމެނޭއިރު ޖުމްލަ 417 ފަސިންޖަރުންނަށް މިއިން ރޭލެއްގައި އެއްފަހަރާ ދަތުރުކުރެވެއެވެ. ރޭލުތަކުގައި ފަސިންޖަރުންނަށް ކާބޯތަކެތި ވެސް ލިބެން ހުރެއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ރޭލު ބޭނުން ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

ރަމަޟާން މަހު ދެ ޙަރަމަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެން ޙަރަމައިން ހަައި-ސްޕީޑް ރެއިލްވޭއިން ކުރާ ދަތުރުތަކުގެ ޢަދަދު ވެސް ވަނީ އިތުރު ކޮށްފައެވެ. އެ ގޮތުން ރަމަޟާން މަހުގެ 30 ދުވަހުގެ ތެރޭގައި 3،400އަށްވުރެ ގިނަ ރޭލު ދަތުރު ޙަރަމައިން ހަައި-ސްޕީޑް ރެއިލްވޭއިން ކުރުމަށް ހަމަޖެހިފައިވެއެވެ. ދަތުރުތައް ގިނަ ކުރުމާ ގުޅިގެން މައްކާއިން މަދީނާއަށް ދަތުރުކުރުމަށްޓަކައި ޖުމްލަ 1.6 މިލިޔަނަށްވުރެ ގިނަ ސީޓު ހަމަޖެހިގެން ދާނެއެވެ. އެއާއެކު ހަލުވިކަމާއެކު އަދި ތޮއްޖެހުން ނެތި ދެ ސިޓީ ދޭތެރޭގައި ދަތުރުކުރެވޭނެއެވެ.

މައްކާއާއި މަދީނާއާއި ޖިއްދާއާއި ކިންގް އަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓާ ގުޅިވައިދޭ މި ރޭލު ނިޒާމަކީ ސަޢުދީ ޢަރަބިއްޔާގެ ދަތުރުފަތުރާގުޅޭ ބިނާވެށި ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޙައްޖާއި ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު އިންތިޒާމު ކުރުމަށް ކޮށްފައިވާ އެންމެ މުހިންމު މަސައްކަތެވެ. ރޭލުދަތުރުތަކުގެ ސަބަބުން ޓްރެފިކް ބާރުބޮޑުވެ މަގުތައް ތޮއްޖެހުން ކުޑަވެފައިވާކަމަށް އިދާރާތަކުން ބުނެއެވެ. އޭގެ ބަދަލުގައި މުޅި އަހަރު ވެސް އަންނަ އެންމެ ބާރުބޮޑު އަދި ޑީމާންޑު ބޮޑު ދުވަސްވަރުގައި ދަތުރުކުރާ މީހުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް އެ ނިޒާމުގެ ދަށުން ހަމަޖެހެއެވެ.