މާލެ ސަރަހައްދުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި ފަހެއް ނުވަތަ ހަތް ސްކޫލް ޢިމާރާތްކުރުމަށް ނިންމާފައިވާކަމަށާއި، އޭގެތެރެއިން ދެ ސްކޫލެއްގެ ޢަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ސްކޫލްތަކަށް ދަރިވަރުންވަނުމުގައި އެންމެ ޑިމާންޑު ބޮޑީ ހުޅުމާލޭގެ ސްކޫލްތަކަށްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދިރާސީ އައު އަހަރަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ތަޢުލީމީ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް މުޙައްމަދު ވިދާޅުވީ، ދިރާސީ އައު އަހަރަށް ފެށޭއިރު، ދަރިވަރުން މިހާރު ކިޔަވަމުންދާ ސްކޫލް ނޫން އެހެން ސްކޫލްތަކަށް 1300އަށްވުރެ ގިނަ ދަރިވަރުން ބަދަލުވުމަށް އެދިފައިވާކަމަށެވެ. އޭގެތެރެއިން 700އަށްވުރެ ގިނަ ދަރިވަރުންނަކީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބަދަލުވާ ދަރިވަރުންކަން ފާހަގަކުރައްވާ ޝިފާޒް ވިދާޅުވީ ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގައި އެންމެ ޑިމާންޑު ބޮޑީ ހުޅުމާލޭ ސްކޫލްތަކަށް ކަމަށެވެ.
އައު ދިރާސީ އަހަރަށް ގްރޭޑް އެކަކަށް ފަސްހާސް ހަތްސަތޭކައަށްވުރެ ގިނަ ދަރިވަރުން ވަންނައިރު މާލެ ސަރަހައްދުގެ ސްކޫލްތަކަށް އެކަނިވެސް ދެހާސް ދުއިސައްތައަށްވުރެ ގިނަ ދަރިވަރުން ވައްދާފައިވަކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ، ހުޅުމާލޭގެ ސްކޫލްތަކަށް ޑިމާންޑު ބޮޑީ، އެ ސަރަހައްދަށް ގިނަ އާއިލާތެއްގެ ދިރިއުޅުން ބަދަލުވާތީކަމަށެވެ. ތަޢުލީމީ ވުޒާރާއިން އަބަދުވެސް އެންމެ އިސްކަންދެއްވަނީ އެ ދަރިވަރަކު ދިރިއުޅޭ ސަރަހައްދެއްގެ ސްކޫލަކުން ޖާގަ ދިނުމަށްކަމަށްކަން ފާހަގަކުރައްވަމުން ޝިފާޒް ވިދާޅުވީ، އިތުވަމުންދާ ޑިމާންޑާއި ގުޅިގެން އެވުޒާރާއިން ޕްލޭންތަކެއް އެބަހުރިކަމަށެވެ. އެގޮތުން ހުޅުމާލޭގައި މިއަހަރު އަލަށް ދެ ސްކޫލް ޢިމާރަތްކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި މިހާރު ހުޅުމާލޭ ފޭސް 2ގައި އިމާރަތްކުރަމުންދާ ސްކޫލްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އެ ސްކޫލްގައި ފަށާނެކަމަށްވެސް ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލޭގައި މިހާރު ކިޔަވައިދޭ ސްކޫލަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް މިއަހަރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ހުލުމާލޭ ޣާޒީ ސްކޫލަށް އިތުރު 18 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
"ރައީސްގެ ވަޢުދާ އެއްގޮތަށް ސްކޫލްތައެ އެޅުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރު 2 ސްކޫލް ހުޅުމާލޭގައި އަޅާނެ. އެއީ ފޭސް 1ގައި އެއް ސްކޫލް އަދި އަދި ފޭސް 2 ގައި އަޅާ ސްކޫލެއް. މިއަހަރު އަމަލީ މަސައްކަތް ފެށޭނެ. އިތުރު ސްކޫލްތައްވެސް އެޅުން ވީހާވެސް އަވަހަށް ފެށުމަށް ކުރިއަށްދާނެ. ޖުމްލަގޮތެއްގައި އަޅުގަނޑުމެންގެ ޕްލޭން އޮތްގޮތުން 5 ނުވަތަ 7ވަރަކަށް ސްކޫލް ހުޅުމާލެ އޭރިއާގައި އެޅުމަށް." ތަޢުލީމީ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް މުޙައްމަދު ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ އަލަށް ޢިމާރާތްކުރާ ސްކޫލްތަކާއެކު 2027 ވަނައަހަރަށް ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލްތަކުގެ ޖާގަ އިތުރުވެ ވަރަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ.
"މިހާރު ކޮންމެ ބެލެނިވެރިއަކު ބޭނުންވާ ސްކޫލަކުން އެ ޖާގަ ނުލިބިދާނެ. ނަމަވެސް މިނިސްޓްރީ އޮފް އެޑިއކޭޝަނުން ތަޢުލީމީ ޤާނޫނުން މި ދޭންޖެހޭ ޚިދުމަތް، މާނައަކީ އެ ދަރިވަރަކު ދިރިއުޅޭ ސަރަހައްދަކުން ކިޔެވުމުގެ ފުރުޞަތު މިދަނީ ހުޅުވަމުން. މި ދިމާވެފައިވާ ގޮންޖެހުންތަކަށް ރިޔާތަކުރުމަށް އެންމެ ބާރުބޮޑު ސަރަހައްދުކަމަށްވާ ހުޅުމާލޭގަ އިތުރު ސްކޫލްތައް އަޅައިގެން ހަމަޖެހޭނެނީ. އެހެންކަމުން 2027 ވަނަ އަހަރަށް ލުއިތަކެއް ލިބޭނެ." ތަޢުލީމީ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް މުޙައްމަދު ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ބިނާކުރައްވާ ފުރަތަމަ ސްކޫލްގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. 54 ކްލާސްރޫމާއި، ހޯލާއި، ސްކޫލްތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން ކުޅިވަރު ކުޅެވޭނެ ޓާފްދަނޑެއް ހިމެނޭހެން ޢިމާރާތްކުރެވޭ 1700 ދަރިވަރުންގެ އެ ސްކޫލްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމޭނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.