ޚަބަރު

އިޙްސާސް ޕްރޮގުރާމުގައި ބައިވެރިވި އަޙްމަދު އަލީފަށް ގިނަ ފީޗަރތަކެއް ހިމެނޭ ދުއްވާ ގޮނޑިއެއް


  • އަޙްމަދު އަލީފަކީ ހިނގުމުން މަޙުރޫމުވެފައިވާ ޒުވާނެއް

  • ގޮނޑި ހަދިޔާކުރީ އިޙްސާސް ޕްރޮގުރާމްގެ ސްޕޮންސަރެއް

ޕީއެސްއެމުން މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެނެސްދެމުންދާ "އިޙްސާސް" ޕްރޮގުރާމުގައި ބައިވެރިވި އަޙްމަދު އަލީފަށް ދުއްވާ ގޮނޑިއެއް ޕްރޮގުރާމްގެ ސްޕޮންސަރަކު ހަދިޔާކޮށްފިއެވެ.

މި ރަމަޟާންމަހު ޓީވީއެމުން ގެނެސްދޭ އިޙްސާސް ޕްރޮގުރާމުގެ 3 ވަނަ އެޕިސޯޑް ޚާއްސަކުރި އަޙްމަދު އަލީފަކީ ހިނގުމުން މަޙުރޫމްވެފައިވާ ޒުވާނެކެވެ. އަލީފަށް ގިނަ ފީޗަރތަކެއް ހިމެނޭ ދުއްވާ ގޮނޑިއެއް ހަދިޔާކުރީ އިޙްސާސް ޕްރޮގުރާމުގެ އެއް ސްޕޮންސަރުކަމުގައިވާ އެސިސްޓެޑް ލިވިންގެ ފަރާތުންނެވެ.

އަލީފަށް ހަދިޔާކުރި މި ގޮނޑީގައި ވަކި ފަރާތަކަށް އެޅުމުގެ ކުރިން ސިގްނަލްދެވެން ހުރެއެވެ. އަދި ކުރި އަލިކުރަން ލައިޓެއްވެސް ހަރުކޮށްފައިހުރެއެވެ.

އަޙްމަދު އަލީފަކީ ހިނގުމުން މަޙުރޫމުވެފައިވާ މީހެއްގެ އިތުރުން ވާހަކަދެއްކުމުގައިވެސް އުނދަގޫކަމެއް ހުންނަ މީހެކެވެ.

މި އުނދަގޫތަކާއެކުވެސް އަލީފް ފާހަގަކޮށްލެވެނީ ތަޢުލީމު ޙާސިލުކުރުމަށާއި ތަފާތު މަސައްކަތްކުރުމަށް ސަމާލުކަންދޭ ޒުވާނެއްގެ ގޮތުގައެވެ. އެގޮތުން އެމްއައި ކޮލެޖުގައި އޭނާ ތަޢުލީމު ހާސިލުކޮށްފައިވެއެވެ. އަދި މިހާރު އޭނާ ދަނީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގައި މަސައްކަތްކުރަމުންނެވެ.