ޚަބަރު

ރައީސްގެ ދަރިކަލުންގެ ހައްޤުތަކަށް އަރައިގަތް މައްސަލަ ކޯޓަށް ހުށަހަޅައިފި


  • ދައުވާ އުފުލާފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުއާ ދެކޮޅަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދޮށީ ފިރިހެން ދަރިކަލުންގެ ދަރިކަލުންގެ ހައްޤުތަކަށް އަރައިގަތް މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙަންމަދު މުޢިއްޒުގެ ކަރާމާތަށް އަރައިގަނެ، ދޮގު ވާހަކަތަކެއް ފަތުރާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް މުހައްމަދު ނަސީމްގެ މަންމާފުޅު، އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއްކަމަށްވާ މަރިޔަމް ޒުބައިރު، މަންދީއެވެ.

މި މައްސަލާގައި މަންދީގެ މައްޗަށް މަދަނީ ދައުވާކޮށްދެއްވުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޢުމައިރު މުހައްމަދު މުޢިއްޒުގެ މަންމާފުޅު، ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމް.ޑީ.ޕީން މާލޭގައި ބާއްވަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، އެޕާޓީގެ އެކްޓިވިސްޓެއްކަމުގައިވާ މަރިޔަމް ޒުބައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙަންމަދު މުޢިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، ޢުމައިރުގެ ކިޔެވުމާއި މުސްތަޤްބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވާކަމަށެވެ. އަދި މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާތިއްޔާއި، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ނިގުޅައިގެންފައިވާކަމަށެވެ. އެހެންކަމުން ޢުމައިރުގެ މަންމާފުޅު އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން މަރިޔަމް ޒުބައިރުގެ މައްޗަށް ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅާފައިވާކަމަށް ޤާނޫނީ ވަކީލުންގެ ފަރާތުން ނެރުއްވި ބަޔާނުގައިވެއެވެ.

ރައީސްގެ ދަރިކަލުންގެ ހައްގުތަކަށް އަަރައިގަނެ، އެ ކުއްޖާގެ ނުރައްކަލަށް ހުށަހެޅޭފަދަ އަމަލެއް ހިންގި މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، އެމްޑީޕީން ގެންދަނީ މަރިޔަމް ޒުބައިރުގެ އަމަލުތައް ދިފާޢުކޮށް ވާހަކަދައްކަމުންނެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި ކުރީގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސްކަން ކޮށްފައިވާ އަބްދުﷲ ޝާހިދު ވަނީ ކުޑަކުއްޖަކަށް ފުރައްސާރަކޮށް، ނަފްރަތު އުފައްދަން ހިންގި އަމަލު ދިފާއުކޮށް ވާހަކަދައްކަވާފައެވެ. ކުރީގެ ރައީސް ސާލިހުއާއި ޝާހިދު ވިދާޅުވާ ގޮތުން އެމްޑީޕީގެ އަމަލުތަކަކީ ޑިމޮކްރަސީގެ ދިފާޢުގައި ކުރަމުންދާ މަސައްކަތްތަކެކެވެ.

ކުޑަކުއްޖެއްގެ ހައްޤަށް އަރައިގަނެ، ކަރާމާތް ނަގާލުމަކީ އެމްޑީޕީއަށް މައްސަލައަކަށް ނުވިނަމަވެސް، އެހެން ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ލީޑަރުން ދަނީ އެކަން ކުއްވެރިކުރަމުންނެވެ. ބައެއް ބޭފުޅުން ވަނީ މިއަދު އެމްޑީޕީގެ އަމަލުތައް ހުރިގޮތުން ރާއްޖޭގައި ކުޑަކުދިންނަށް ނުރައްކާތެރި މާހައުލެއް އުފެދެމުން އަންނަކަމުގެ ބިރުއެބައޮތްކަމަށްވެސް ވިދާޅުވެފައެވެ. އެހެންކަމުން އެފަދަ ކަންކަން ކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި އަދަބު ދިނުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާގޮތުގައި އެމްޑީޕީން ކުޑަކުދިންނަށް ފުރައްސާރަކޮށް، ގަނާކުރަމުންދަނީ ސިޔާސީގޮތުން ތާޢީދު ގެއްލި، ގޮތް ހުސްވުމުންނެވެ.