ޚަބަރު

ލިޔެކިޔުންތަކުގެ މަޢުލޫމާތު ހިމަނައި، ވީހާވެސް ތަފްޞީލުކޮށް ޝަކުވާ ހުށަހަޅަން އިލްތިމާސްކޮށްފި


  • ލިޔެކިޔުން ހުށަނޭތީ ގިނަ ބަޔަކު ޝަކުވާ ކުރޭ

  • ތަފްސީލްކޮށް ޝަކުވާ ހުށައެޅުމުން ވުޒާރާއިން ލިޔެކިޔުންތައް ޗެކްކުރާނެ

ލިޔެކިޔުންތަކުގެ މަޢުލޫމާތު ހިމަނައި، ވީހާވެސް ތަފްޞީލުކޮށް ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށައަޅަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މިދިޔަ ސަރުކާރުން ނެރުނު ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރުމުން މި ސަރުކާރު ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖަޢާކުރެއްވުމަށްފަހު ޢާންމުކުރެއްވީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ ޝަކުވާގެ މުއްދަތުގައި މިހާތަށް އެންމެ ގިނަ ބަޔަކު ފާހަގަކުރާ އެއް ކަމަކީ އިތުރު ލިޔެކިޔުންތައް ހުށައެޅުމުގެ ފުރުޞަތު ނެތުން ކަމަށެވެ. އެހެންނަމަވެސް ލިޔެކިޔުންތަކުގެ ތަފްސީލުތަކާއި އެ މީހެއްގެ ޙާލަތު ވަރަށް ތަފްސީލުކޮށް ބަޔާންކުރުމުން އެ ކަންކަން ބަލައި ވަރަށް ރަނގަަޅަށް ވުޒާރާއިން ވެރިފައިކުރައްވާނެކަމަށް ނަޒީމް ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް ތަފްޞީލުކޮށް ޝަކުވާ ހުށައެޅުމަށް ނަޒީމް އިލްތިމާސްކުރެއްވިއެވެ.

"ހުށައަޅާ މަޢުލޫމާތަކީ ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ވެރިފައިކުރެވޭނެ އެއްޗަކަށް ވާންޖެހޭ. ލިބުނު ފުރުޞަތުގައި ވީހާވެސް ތަފްސީލުކޮށް މަޢުލޫމާތު ހުށަހެޅުން މުހިންމު. ޝަކުވާ ހުށައަޅަން އޮތީ 1500 ލަފްޒު ފުރަތަމަ ނަމަވެސް 3000އަށް އިތުރުކޮށް މިހާރު 5000 ލަފްޒު ޝަކުވާގެ ގޮތުގައި ހުށައެޅޭނެ" ނަޒީމް ވިދާޅުވިއެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ޝަކުވާ ހުށައެޅުމަށް ހުޅުވާލި މުއްދަތުވެސް އިތުރުކުރައްވާފައެވެ. އެ ގޮތުން މި މަހުގެ ނިޔަލަށް ޝަކުވާ ހުށައެޅޭ ގޮތަށް ކުރިން ހުޅުވާލި ނަމަވެސް، އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް މިހާރު ހުށައެޅޭނެއެވެ. އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ރަމަޟާން މަހުގެ ފަހު 10 އާއި ޢީދު ބަންދުގަިއ ސަރުކާރު ބަންދުވުމުން ރައްޔިތުންނަށް ލިބިދާނެ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ، ފްލެޓު ލިބެނީ 1820 މީހުންނަށެވެ. އެއީ 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނާއި 2 ކޮޓަރީގެ ލިސްޓުގައިވާ 1218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓުލިބުނު 397 މީހުންނެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރު އިޢުލާންކޮށްފައިވާ ލިސްޓްގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފްލެޓްތައް ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.