ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށާއި ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އާބާދީތައް އިތުރުކުރުމަށް އިސްރާއީލުން އަޅާ ފިޔަވަޅުތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
މިކަމާގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުމުގެ މަޤްޞަދުގައި އޭޖެންސީއެއް ޤާއިމުކުރުމަށް އިސްރާއީލު ސަރުކާރުން ކޮށްފައިވާ އިޢުލާން ކުށްވެރިކުރައްވާފައެވެ. އަދި ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެގޮތުން ރާވާފައިވާ ރޭވުންތައްވެސް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ވަނީ ކުށްވެރިކުރައްވާފައެވެ.
ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ބިމުން ނެރުމަށް ހިންގާ މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަށް، ޚާއްޞަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2334 އާ މުޅިން ޚިލާފު އަމަލުތަކެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިފަދަ އަމަލުތަކަކީ ޞުލްޙައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތަކެއްގެ ގޮތުގައި ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެގޮތުގައި ޤާއިމުކުރެވުމުންކަމުގައި ރާއްޖޭން ބުނާ ބުނުން ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ތަކުރާރުކުރައްވާފައެވެ.
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ ޤަތުލުޢާންމު އަލުން ފަށައި، އެ ސަހަރުގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ޙަމަލާތައް ދަނީ ދެމުންނެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް އަލުން ފެށުމާއެކު، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އަމަލު ކުރަމުން ދިޔަ އެއްބަސްވުން މިވަނީ ނިމުމަކަށް އައިސްފައެވެ.