ޤައުމީ މަސައްކަތެއްގެ ގޮތުގައި ތެލަސީމިއާ ސެންޓަރުގެ މަސައްކަތް މާދަމާ ފަށައި، އެއްމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފެއްޓެވި ޚާއްޞަ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން މިހާރު ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ހިއްސާކުރައްވާފައެވެ. އެގޮތުން ތެލަސީމިއާ ކުދިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ވަގުތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުވާފައިވާކަމަށާއި، މިކަމަށް ދާއިމީ ޙައްލެއް ގެންނެވުމަށް ވަޢުދުވެވަޑައިގެންނެވި ސްޓޭޓް އޮފް ދަ އާޓް ތެލަސީމިއާ ހޮސްޕިޓަލުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެރިކަމާ ޙަވާލުވެވަޑައިގެން ކުރީކޮޅު ބަޔަކާ ޙަވާލުކޮށްގެން ހުޅުމާލޭގައި ވަގުތީގޮތުން ތެލަސީމިއާ ސެންޓަރުގައި ހުރި އެކި މައްސަލަތަކަށް ހައްލެއް ގެންނެވުމަށް ޙަވާލުކުރެއްވި "އޮރެންޖް ހިޔާ"ގެ މަސައްކަތް ކުރިއަށްނުދާކަން ފާހަގަވެފައިވާކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓް ހަމަވާތީ، ކޮންޓްރެކްޓް އައުނުކޮށް މިމަސައްކަތް ޤައުމީ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވާއި، ޤައުމީ ދިފާޢީ ބާރު މެދުވެރިކޮށް މިމަސައްކަތް ކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު މިމަހުގެ 28 ވަނަ ދުވަހު ސިފައިން މިމަސައްކަތް ފަށާނެ ޤައުމީ މަސައްކަތެއްގެ ގޮތުގައި ސީދާ ސިފައިން ޢަމަލީގޮތުން އެތަން ހަދައިދޭށޭ އެއޮންނަ ޑީޒައިނަކަށް އެހުންނަންޖެހޭ ކަންކަމަކާއެކު. އެޕްރީލް މަސްނިމެންވާއިރަށް އިރާދަކުރެއްވިއްޔާ، އެއްމަސް ދުވަސްތެރޭގައި ނިންމަން ސިފައިން އެމަސައްކަތް ފަށަނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތެލަސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ވީހާވެސް ބޮޑަކަށް ޚިދުމަތަށް ބުރުނާރާނެހެން، ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަގޮތަކަށް ކުރިއަށްގެންދިޔުމަށް އަންގަވާފައިވާކަމަށެވެ. އަދި އެތަނަށް ދަތުރުކުރުމަށް ފަސޭހަ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން އެމް.ޓީ.ސީ.ސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާއެކު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން 2017 ވަނަ އަހަރުން ފެށިގެން އެތަނުގައި ހިންގުމުގެ ކަންކަން ބެލެހެއްޓުމަށް ހުންންޖެހޭ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ހުސްކޮށް އޮތުމަކީވެސް ކުދިންގެ ފަރާތުން ލިބިގެންދިޔަ ކަންބޮޑުވުމެއްކަން ފާހަގަކުރައްވާ އެކަމަށް ވަގުތުން ގެނެވެން އޮތް ޙައްލެއްގެ ގޮތުން ޚިދުމަތުގައި ހުންނެވި ޑީޖީއިންގެ ތެރެއިން އެމަޤާމަށް އެންމެ ޤާބިލު ބޭފުޅަކު ބައްލަވާއި، އެކަން ވަގުތުން ސިވިލް ސަރވިސްގެ ތެރެއިން ހަމަޖެއްސެވިކަމަށް ވިދާޅުވިއެވެ. އަދި އެސެންޓަރަށް ބޭނުންވާ ނަރުހުން ހޯދުމަށް ޢިއުލާންކުރައްވާފައިވާކަމަށާއި 5 ނަރުހުން ލިބިގެންދިޔުމާއެކު މިހާރު ޚިދުމަތުގައި ތިއްބެވި ނަރުހުންނަށްވެސް ބޮޑު ލުޔަކަށްވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު ބެލެނިވެރިންގެ ފަރާތުން އައިސްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި، އެތަނުގައި ލިބެން ނެތް ބައެއް ވަޞީލަތްތަކާއި، މިފަހަރު ދިމާވި ފިލްޓަރުގެ މައްސަލަ ހައްލުކުރެއްވުމަށް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން މަސައްކަތްކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ސްޓޭޓް އޮފް ދަ އާޓް ތެލަސީމިއާ ހޮސްޕިޓަލުގެ މަސައްކަތްވެސް ކުރިއަށްދާކަމަށާއި ޢަމަލީ މަސައްކަތް ފެށުމަކާއި ގާތްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިދައުރު ނިމިގެންދާއިރު ތެލަސީމިއާގެ ހާލަތު ރާއްޖޭގައި ބަދަލުވާނެކަމުގެ އުއްމީދީ ވާހަކަފުޅުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިޕޮޑްކާސްޓްގައި ވިދާޅުވެފައެވެ.