ޚަބަރު

މަތީ ތަޢުލީމަށް ދޫކުރާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯނުތަކަކަށް ހެއްދެވުމަށް ރައީސް ނިންމަވައިފި


  • މިލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ އުނިކުރެއްވުމަށް ރައީސްވަނީ ނިންމަވާފައި

  • ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށްވަނީ ނިންމަވާފައި

މަތީ ތަޢުލީމަށް ދޫކުރާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯންތަކަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އަދި މިކަން ތަންފީޒުކުރެއްވުމަށް ކަމާ ބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާވަނީ އަންގަވާފައެވެ.

ރާއްޖެއާ ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރެއްވުމަށްވެސް ރައީސްވަނީ ނިންމަވާފައެވެ. އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށްވެސްވަނީ ނިންމަވާފައެވެ.

އަދި، ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖެސްޓްކުރެއްވުމަށްވެސް ރައީސްވަނީ އަންގާވަފައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިންވަނީ މިދިޔަ އަހަރުވެސް 1000އަށްވުރެ ގިނަ ދަރިވަރުންނަށް ލޯން ދޫކުރައްވާފައެވެ.

ސަރުކާރުން ދެއްވާ ސްކޮލަރޝިޕާއި، ލޯނުގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ދަފްތަރެއް މިދިޔައަހަރުގެ އޭޕްރީލްމަހުވަނީ އެކުލަވާލާފައެވެ. މިދަފްތަރުގައި މިދިޔަ ޑިސެމްބަރުމަހުގެ ނިއަލަށް 2،000 ވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. އެއީ 915 ފިރިހެން ދަރިވަރުންނާއި 1،201 އަންހެން ދަރިވަރުންނެވެ.

ރާއްޖެއިން ބޭރުން ތަޢުލީމް ހާސިލްކުރާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނު ސްކީމުގައި އެދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވެއެވެ. އަދި އެ ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް މިލޯން ޚާއްސަކޮށްފައިވާކަން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިންވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.