ބަރަކާތްތެރި ފިޠުރު ޢީދު ކުލަގަދަކޮށް މުޅިރާއްޖޭގައި ފާހަގަކުރުމަށް ސަރުކާރުންގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ކުލަ ބޮކިތަކުން ދިއްލާލި ރަށްތަކުގެ އިތުރަށް 36 ރަށެއް މިޢީދާއި ދިމާކޮށް ދިއްލާލުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ޢީދަށް ދިއްލާލުމަށްޓަކައި ރަށްރަށަށް ފޮނުވަންޖެހޭ ބޮކިތައް މިހާރު ހުރިހާ ރަށަކަށްވެސް ފޮނުވާ ނިމިފައިވާކަމަށެވެ. އަދި ގިޑިގެ ފޮނުވަންޖެހޭ 86 ރަށަކަށް ގިޑިގެ ފޮނުވުމުގެ މަސައްކަތް ހުކުރު ދުވަހު ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މާލެ އެކި ސަރަޙައްދުތައް ދިއްލާލުމަށްޓަކައި ޓެސްޓުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ހޮނިހިރު ދުވަހުގެ ނިޔަލަށް ހުރިހާ ސަރަޙައްދެއްވެސް ނިންމާލެވޭނެކަމަށް މިބަލަނީ." ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މިމަސައްކަތް ކުރުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައިވެސް ޢީދަށް ތައްޔާރުވުމުގެ ގޮތުން ބޮކި ހަރުކޮށް ފޯރިއާއެކު ތައްޔާރުވަމުންދާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޢީދަށް މާލެ ދިއްލާލުމުގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ޢީދު ދުވަހުގެ ހަވީރު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގެ އިހުގެ ކުޅިވަރުތަކާއި ޘަޤާފަތް ދައްކާލުމަށް ހަމަޖެހިފައިވާއިރު ފިއުޝަން ޝޯވއެއްވެސް ކުރިއަށްދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެއިތުރުން އެމްއެންޑީއެފްގެ އެކި ވިންގތަކުގެ ހަރަކާތްތަކާއި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ އެކި ހަރަކާތްތައްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޢީދު ކުޅިވަރުތައް ސަލްޓަން ޕާކު ސަރަޙައްދާއި، ޝަހީދުންގެ ބިނާ ކުރިމަތީގައާއި ޖުމްހޫރީ މައިދާނުގައި ބޭއްވުމަށްވަނީ ހަމަޖައްސާފައެވެ.