އަންނަ މަހުގެ 6 ވަނަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ސްކޫލްތަކަށް ފޯރުކޮށްދީ ނިންމަވާނޭކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ދިރާސީ އަހަރަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ފައްޓަވާފައެވެ.
މީގެކުރިން ބެލެނިވެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރުވެސް ދަރިވަރުންނަަށް ބޭނުންވާ ފޮތްތައް ސަރުކާރުން ފޯރުކޮށް ނުދެވުމުގެ ކަންބޮޑުވުމެވެ. އެގޮތުން ދިރާސީ އަހަރުގެ ކިޔެވުން ފަށާތާ އެތައް ހަފްތާއެއް ފަހުންވެސް ފޮތްތައް ފޯރުކޮށްދީފައިވާކަން އެއީ މީގެކުރިން ފެނިފައިވާ މަންޒަރުތަކެކެވެ.
މީގެކުރީ ސަރުކާރުތަކުން އަމަލުކުރި ގޮތާއި ހިލާފަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ދަރިވަރުންގެ ކަންކަމުގައި ހާއްސަ އަހަމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ޢަންނަމަހުގެ 6 ވަނަ ދުވަހު ފަށާ ދިރާސީ އަހަރަށް ބޭނުންވާ ފޮތްތައް ދަރިވަރުންނަށް ފޯރުކޮށްދެވޭކަން ޔަގީންކުރެއްވުމުގެ ގޮތުން ތަޢުލީމީ ވުޒާރާއިން ވަނީ ފޮތްތައް ބެހުމުގެ މަސައްކަތް މީގެ 4 މަސް ކުރިން، ފައްޓަވާފަޢެވެ. އަދި ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ހަމަކޮށްދެވޭނެކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.
ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތާ ގުޅޭގޮތުން ތަޢުލީމީ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢު ވިދާޅުވީ ދިރާސީ އައު އަހަރަށް ބޭނުންވާ ހުރިހާ ފޮތްތަކެއްވެސް ޕްރިންޓްކޮށް ނިމި، މިހާރު ހުރީ ތަޢުލީމީ ވުޒާރާގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އޭގެ ތެރެއިން %81 އިންސައްތަ ފޮތް ސްކޫލްތަކަަށް ފޮނުވާ ނިމިފައިވާކަމަށާއި ބާކީ ހުރި ފޮތްތައްވެސް އަންނަ ހަފުތާގެ ތެރޭގައި ފޯރުކޮށްދީ ނިންމާލެވޭނެކަމަަށް ވަޒީރު ވިދާޅުވިއެވެ.
"ފޮތްތައް ބަހާއިރު މިފަހަރު އަޅުގަނޑުމެން ސްކޫލްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްސަ ކަމެއް އެބަކުރަން. އެއީ ކީސްޓޭޖް 1 އަދި 2ގެ ގުރޭޑުތަކުން ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާ ފޮތްތައް ވަކި ޕެކްކުރުމަށްފަހު ސްކޫލްތަކަށް މި ފޯރުކޮށްދެނީ." ވަޒީރު ވިދާޅުވިއެވެ.
ކިޔެވުމަށް ބޭނުންވާ ފޮތްތައް ފޯރުކޮށްދިނުމުގެ އިތުރުންވެސް ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ތަޢުލީމީ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން ސްކޫލްތަކަށް ބޭނުންވާ މަރާމާތުތައްކުރުމަށް މި އަހަރު 15 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ. އަދި މުދައްރިސުންގެ ދަތިކަމެއް ނެތި، ކިޔެވޭނެ މަގު ކޮންމެ ދަރިވަރަކަށްވެސް ފަހިވާނެކަމުގެ ޔަޤީންކަން ތަޢުލީމީ ވަޒީރު ދެއްވިއެވެ.
ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި އަހަރުގެ ބޮޑު ޗުއްޓީ ދިމާވީ ރަމަޟާންމަހާއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ މަހުގެ 6 ގައި ފަށާއިރު، ދިރާސީ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ޒަމާނުންސުރެ ރާއްޖޭގައި ދިރާސީ އަހަރުގެ ކިޔެވުން އަހަރު މެދުތެރޭގަޢި ފަށާގޮތަށް ހަމަޖެއްސީ ގިނަ ބެލެނެވެރިންގެ ވިސްނުމާއި ދެކޮޅަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވަނީ ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމާއި އެއްގޮތަށް ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ ކުރީކޮޅަށް އަންނަ އަހަރުން ފެށިގެން ބަދަލުކުރަން ނިންމަވާފައެވެ. އެގޮތުން 2026 ވަަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީމަހުއެވެ.