ޚަބަރު

ފުލަމް ބަލިކޮށް ކްރިސްޓަލް ޕެލަސް ސެމީއަށް


އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކްރިސްޓަލް ޕެލަސްއިން ހޯދައިފިއެވެ.

ފުލަމްގެ ކްރެވަން ކޮޓޭޖްގައި ސައްބީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ކްރިސްޓަލް ޕެލަސް މޮޅުވެފައިވާއިރު އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުވެފަ އެވެ.

މި މެޗު ފަށައިގެން ފުރަތަމަ 30 މިނިޓުގެ ތެރޭގައި ފުލަމް އިން ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފައެވެ. ފުލަމް އަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފައިވާއިރު އޭގެ ތެރެއިންވެސް ރޮޑްރިގޯ މުނީޒް އަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެ އެވެ.

ކްރިސްޓަލް ޕެލަސް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 34 ވަނަ މިނިޓުގައި އެބެރެޗީ އެޒޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ލެޓްވިއާ އާއި ދެކޮޅަށް އިންގްލެންޑް އިން އެންމެ ފަހުން ކުޅުނު މެޗުގައިވެސް ލަނޑު ޖަހާފައިވާ އެޒޭ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި އޭނާ ވަނީ ކްރިސްޓަލް ޕެލަސް އިން ޖެހި ދެވަނަ ލަނޑުގައިވެސް މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މި މެޗުގައި ކްރިސްޓަލް ޕެލަސް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 38 ވަނަ މިނިޓުގައި އެޒޭ ނަގައިދިން ހުރަހަކުން ބޮލުން ޖަހާ ގޯލުގެ ތެރެއިން ފޮނުވާލާފައިވަނީ އިސްމައިލާ ސާރ އެވެ.

ކްރިސްޓަލް ޕެލަސް އިން ދެ ލަނޑު ޖަހާ ލީޑު ނަގާފައިވަނިކޮށް ފުލަމްގެ ވިލިއަމް އަށް ވަނީ ލަނޑެއް ޖަހަން ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ކްރިސްޓަލް ޕެލަސްގެ ކީޕަރު ހެންޑަރސަން ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގައި ކްރިސްޓަލް ޕެލަސް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނުޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޑީ އެންކޭޓިއާ އެވެ.

ކްރިސްޓަލް ޕެލަސް މި މެޗުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު މިއީ 2022 ވަނަ އަހަރަށް ފަހު އެ ޓީމަށް އެފްއޭ ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.