ޚަބަރު

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މެސީ އިންޓަރ މަޔާމީ މޮޅުކޮށްދީފި


އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގެ އީސްޓަން ކޮންފަރެންސްގައި ރޭ ފިލަޑެލްފިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، ލިއޮނެލް މެސީ އިންޓަރ މަޔާމީ 2-1 ގެ ނަތީޖާއަކުން މޮޅުކޮށްދީފިއެވެ.

އިންޓަރ މަޔާމީގެ ދަނޑުގައި ކުޅުނު މި މެޗުގެ 23 ވަނަ މިނިޓުގައި ރޮބަޓް ޓޭލާ ވަނީ އިންޓަރ މަޔާމީ އަށް ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މޭޖަރ ލީގުގެ އެންމެ ވަރުގަދަ ދެ ޓީމުގެ މި ކުރިމަތިލުމުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ ވަނީ ލީޑު ނަގާފަ އެވެ.

އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ލިއޮނެލް މެސީ އަށް މި މެޗުގައި ކުޅެން ކޯޗު ހާވިއާ މަޝެރާނޯ ފުރުސަތު ދީފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގަ އެވެ.

ރޮބަޓް ޓޭލާގެ ބަދަލުގައި މެސީ ކުޅެން އެރިތާ ދެވަނަ މިނިޓުގައި އޭނާ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ފިލަޑެލްފިއާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑެނިއަލް ގެޒްޑެގް އެވެ.

މި މެޗުން މޮޅުވުމާއިއެކު އިންޓަރ މަޔާމީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 5 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ފިލަޑެލްފިއާ ޔޫނިއަން އަށް އެއް މެޗު އިތުރަށް ކުޅެގެން 6 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.