ޚަބަރު

34 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ނޮޓިންހަމް ފޮރެސްޓް ސެމީއަށް


އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލްގައި ރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް، 34 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގެ ޖާގައެއް ނޮޓިންހަމް ފޮރެސްޓުން ހޯދައިފިއެވެ.

ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާތީ އިތުރު ވަގުތުގެ 39 މިނިޓް ކުޅުނު ނަމަވެސް މެޗުގެ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައިނުވާތީ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

މި މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހާފައިވާއިރު ނޮޓިންހަމްގެ ފޮރެސްޓްގެ ގޯލުކީޕަރ މެޓްޒް ސެލްސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. އޭނާ ވަނީ ބްރައިޓަންގެ ޖެކް ހިންޝެލްވުޑް އާއި ޑިއެގޯ ގޯމޭޒް ޖެހި ޕެނަލްޓީ މަތަކޮށްފަ އެވެ.

މި މެޗުން ޕެނަލްޓީ ޖަހައިގެން ނޮޓިންހަމް ފޮރެސްޓް މޮޅުވެފައިވާއިރު މިއީ މި ސީޒަނުގެ އެފްއޭ ކަޕްގައި ޕެނަލްޓީ ޖަހައިގެން އެ ޓީމު މޮޅުވި ތިންވަނަ މެޗެވެ.

ނޮޓިންހަމް ފޮރެސްޓްގެ ކީޕަރު ވަނީ މެޗުގެ ކުޅުމުގެ ތެރޭގައިވެސް ބްރައިޓަން އިން ފޮނުވާލި ގިނަ ހަމަލަތަކެއް ދިފާއުކޮށްފަ އެވެ.

ނޫނޯ އެސްޕިރީޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ނޮޓިންހަމް ފޮރެސްޓަށް މެޗުގެ 64 ވަނަ މިނިޓުގައި ޕެނަލްޓީ ދިން ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. އަދި މި ނިންމުމާއިއެކު ނޮޓިންހަމް ފޮރެސްޓުގެ އޮފިޝަލުން ވަނީ އެ ކަމާއިމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

1959 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކުރުމަށް ނޮޓިންހަމް އިން ކުރަމުންދާ ދަތުރުގައި ބެލްޖިއަމްގެ ކީޕަރު މެޓްޒް ސެލްސް ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމުން ވަނީ 1991 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ. ނަމަވެސް އެ މުބާރާތް ކާމިޔާބު ކުރެވޭ ގޮތް އެ ޓީމަށް ވަނީ ނުވެފަ އެވެ.