ޚަބަރު

އެތައް ސަތޭކަ ކުދިންނަކާއެކު "ޢީދު ހަވީރު" ހަރަކާތަށް ބޮޑު ތަރުޙީބެއް!


  • ޢާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެހެން ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައި

  • މިއީ ފަހުގެ ތާރީޚެއްގައި ޢީދު މިހާ ކުލަގަދަކޮށް މާލޭގައި ފާހަގަކުރި ފުރަތަމަ ފަހަރު

ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިއަދު ހަވީރު މާލޭގައި ބޭއްވި "ޢީދު ހަވީރަށް" މިވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މި ހަވީރުގައި އެތައް ސަތޭކަ ކުދިންނެއް ބައިވެރިވެފައިވާއިރު މި ހަރަކާތް ވެގެންގޮސްފައިވަނީ އެކުދިންގެ މޫނު މައްޗަށް ހިނިތުންވުން ގެނުވި އަދި ހިތްތަކަށް އުފާވެރިކަން ގެނުވި ބޮޑު ޢާއިލީ ހަރަކާތަކަށެވެ.

"ޢީދު ހަވީރު" މި ހަރަކާތަކީ ޤައުމީ ދިފާޢީ ބާރުގެ އިސްނެގުމަށް ސަރުކާރުގެ ބައެއް މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު މާލޭގައި ފިޠުރު ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް އިންތިޒާމްކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމެނޭހެންނެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ އިހުގެ ސަޤާފަތް ދައްކާލުމާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށްވެސް ދައްކާލާފައިވެއެވެ.

ހަމައެހެންމެ ކުންފުނިތަކުގެ ސްޓޯލްތަކުން ތަފާތު އެކި ކުޅިވަރު ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. ކުންފުނިތަކުގެ ސްޓޯލްތައްވެސް ތައްޔާރުކޮށްފައިވަނީ އެކި ތީމްތަކަށް ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން ހަމައެހެންމެ ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެންކަން ފާހަގަކޮށްލެވެއެވެ.

ޢީދު ހަވީރުގެ ތެރެއިން ވަނީ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންވެސް ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

މީގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެތަކެއްޗާއެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. ހަމައެހެންވެ ބައެއް ޑްރިލްތައް ވަގުތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ.

ހަމައެއާއެކު ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލެއްވެސް ޖުމްހޫރީ މައިދާން ސަރަޙައްދުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

މި ހަރަކާތްތައް ވެގެންދިޔައީ ތުއްތުކުދިންގެ އިތުރުން އެ ސަރަޙައްދަށް ޖަމާވި އެކި އުމުރުފުރާގެ މީހުންގެވެސް ޝަޢުގުވެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ހަރަކާތްތަކެކެވެ. ޚާއްސަކޮށް ޢީދުގެ އުފާ އާއިލާއާއެކު އުފާވެރި މާޙައުލެއްގައި ފާހަގަކުރުމުގެ ފުރުޞަތު ލިބިގެންދިޔަ ވަރަށް އުފާވެރި ހަރަކާތެއްގެ ގޮތުގައި ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް ކުދިންނާއި، މީހުންވެސް ވަނީ ފާހަގަކޮށްފައެވެ.

"ޢީދު ހަވީރު" މި ހަރަކާތް ޚާއްސަ ވެގެންދިޔަ އަނެއް ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ހަވީރުގައި ބައިވެރިވެވަޑައިގެން ތުއްތުކުދިންނާއެކު ގިނަ ވަގުތުތަކެއް ސަލާމްކުރެއްވުމާއި ފޮޓޯ ނެންގެވުމުގައި ހޭދަކުރެއްވި ކުރެއްވުމެވެ. މީގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ ހަވީރާގުޅޭ ޚާއްސަ ކޭކެއް ފެޅުމުގެ ހަރަކާތުގައިވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު ބައިވެރިވެވަޑައިގެންފައެވެ.

މި ހަވީރުގައި ބައިވެރިވުމަށް އެތައް ސަތޭކަ ބަޔަކު ޚާއްސަކޮށް ގިނަ އަދަދެއްގެ ތުއްތުކުދިން ޖުމްހޫރީ މައިދާން ސަރަޙައްދަށް އެއްވި އެއްވުމުން، އާންމުން މިފަދަ ކަމަކަށް ބޭނުންވެފައި ތިބި މިންވަރު ވަރަށް ބޮޑަށް އެނގިގެންދިޔައެވެ. އަދި މި ހަރަކާތް ދިވެހިން ވަކިން ޚާއްސަކޮށް ތުއްތު ކުދިންގެ ފަރާތުން ލިބުނު ތަރުޚީބު މިވަނީ ފެނިގެންގޮސްފައެވެ.

ސަރުކާރުގެ އިސްނެގުމާއެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެކެވެ. އަދި ޢީދު ފަދަ އިސްލާމީ މުނާސަބަތުތައް އިޙުތިފާލުކުރުމުގެ ސަބަބުން ޚާއްޞަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.