އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލްގައި ރޭ ބޯންމަތާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.
ބޯންމަތުގެ ދަނޑުގައި ކުޅުނު މި މެޗުގެ ގިނަ ވަގުތު މެންޗެސްޓަރ ސިޓީން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފައިވާއިރު، އެ ޓީމުން ވަނީ މި މެޗުގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ޖުމްލަ 17 ހަމަލާ ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން ހަތް ހަމަލާ ވަނީ ބޯންމަތުގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.
މި މެޗުގެ 21 ވަނަ މިނިޓުގައި ބޯންމަތުގެ އެވަނިލްސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ އޭނާގެ ކޯޗިން ހަޔާތުގައި 17-2016 ވަނަ އަހަރުގެ ސީޒަނަށްފަހު ތަށްޓެއް ކާމިޔާބު ނުކުރެވި ސީޒަނެއް ނިންމާލަން ޖެހިދާނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް ސިޓީން ވަނީ އެ ޓީމުގެ ކުޅުން ދެވަނަ ހާފުގައި ވަރަށް ބޮޑަށް ރަގަޅުކޮށްފަ އެވެ.
މެންޗެސްޓަރ ސިޓީ އަށް މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖަހާ ލީޑު ނެގުމަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް އާލިން ހާލާންޑް ކުރިއަށް ފޮނުވާލި ނަމަވެސް ބޯންމަތުގެ ކީޕަރު ކެޕާ ވަނީ ޕެނަލްޓީ މަތަކޮށްފަ އެވެ. މީގެ އިތުރުންވެސް ހާލަންޑަށް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ރަގަޅު ދެ ފުރުސަތު ލިބި ބޭކާރުވެފަ އެވެ.
ދެވަނަ ހާފަށް ނިކުތްއިރު ކޯޗު ގަޑިއޯލާ ވަނީ އެ ޓީމަށް ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ޑިފެންޑަރ އަބްދުކާދިރުގެ ބަދަލުގައި ނިކޯ އޮރެއިލީ ވަނީ ކުޅެން އަރުވާފަ އެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އުމަރު މަރްމޫޝް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި އާލިން ހާލަންޑުގެ ބަދަލުގައި ކުޅެން އެރިތާ ދެވަނަ މިނިޓުގަ އެވެ. މި މެޗުގައި ހާލަންޑަށް އަނިޔާ ވުމުގެ ސަބަބުން އޭނާ ބަދަލުކޮށްފައިރު އެއީ ކިހާ ސީރިއަސް އަނިޔާއެއް ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ނިކުންނާނީ ނޮޓިންހަމް ފޮރެސްޓް އެވެ.