ކުޅިވަރު

ލިވަޕޫލާއި ސަލާހު މަޑުމަޑުން ސުލްހަވަނީ


ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުމުޙައްމަދު ސަލާހުގެ އެއްބަސްވުން އައުކުރުމުގައި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ސަލާހު ލިވަޕޫލާ ގުޅުނީ 2017 ވަނަ އަހަރު އެވެ. އޭނާ އަކީ ކުލަބުގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އުމުރަކީ އަދި އެންމެ 32 އަހަރެވެ. ސަލާހްއާ ގާތްކަން އޮންނަ މިސުރުގެ ބައެއް ނޫސްވެރިން ވޯލްޑްކަޕް ކޮލިފައިންގައި މިސުރު އެންމެ ފަހުން ކުޅުނު މެޗުތަކަށް ފަހު ވަނީ ކުޅުންތެރިޔާ ވެސް ލިވަޕޫލްގައި މަޑުކުރަން ބޭނުންވާކަން ފާހަގަކޮށްފަ އެވެ.

ލިވަޕޫލަށް ބަދަލުވި ފަހުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހް އާއި ލިވަޕޫލާ ދެމެދު ހެދިފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް ސަލާހް ބުނެފައިވަނީ މިހާތަނަށް ކޮންޓްރެކްޓް އައު ކުރުމުގައި ކުރިއެރުން ނުލިބޭ ކަމަށާއި މިހެންވެ މިއީ އޭނާ އެކުލަބުގައި ހޭދަކުރާނެ ފަހު ސީޒަން ކަމަށެވެ.

ނަމަވެސް މިސުރުގެ ނޫސްވެރިން މިހާރު ބުނަނީ ކުރިން ހުށަހެޅި އަގަށްވުރެ ބޮޑުއަގުގައި ލިވަޕޫލުން މިހާރު އައު ކޮންޓްރެކްޓެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ކޮންޓްރެންޓްގެ މުއްދަތަކީ ދެ އަހަރު ކަމަށާއި ދެ ފަރާތުން ވެސް މިހާރު މިކަމުގައި އިތުރަށް މަޝްވަރާކުރަން ފަށާފައިވާ ކަމަށެވެ. ސަލާހް ބޭނުންވަނީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ. ނަމަވެސް މިހާތަނަށް މިކަމަށް އެއްބަސް ނުވެވި އޮތީ އުމުރުން 30 އަހަރުން މަތީގެ ކުޅުންތެރިން ލައްވައި ލިވަޕޫލުން ދިގު މުއްދަތުގެ ކޮންޓްރެކްޓް ހަދަން ބޭނުންނުވާތީ އެވެ.

ލިވަޕޫލުން އޭނާ އަށް މިހާރު ހަފުތާއަކު ލިބެނީ 350000 ޕައުންޑެވެ. މި ބޮޑުކޮށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދޭން ބޭނުންނުވަނީ އެފަދައިން އޭނާއަށް ކަންތައްތައް ކޮށްދީފިނަމަ އެކުލަބުގެ އެހެން ކުޅުންތެރިން ރުއްސަން ޖެހިދާނެތީ އެވެ. ކެޕްޓަން ވާޖިލް ވެންޑައިކަކީ ވެސް މިހާރު އުމުރުން 34 އަހަރުގެ ކުޅުންތެރިއަކަށްވާއިރު އޭނާގެ ކޮންޓްރެކްޓް ވެސް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ސަލާހްއާ މެދު ގޮތެއް ނުނިމޭތީވެ ވެންޑައިކާއި ވައިސް ކެޕްޓަން ޓްރެންޓް އެލެގެޒެންޑާ އާނޮލްޑާ މެދު ލިވަޕޫލަށް ވަނީ ގޮތްތަކެއް ނުނިންމިފަ އެވެ.

ފުރަތަމަ 11ގައި ބަރާބަރަށް ކުޅޭ މި ތިން ކުޅުންތެރިން މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލައިފިނަމަ އެއީ ލިވަޕޫލްގައި ހެދޭނެ 240 މިލިއަން ޕައުންޑްގެ ބޮޑު ވާގަނޑެއް ކަމަށް ވެސް އިނގިރޭސި މަޝްހޫރު އެނަލިސްޓުން ދަނީ ބުނަމުންނެވެ.

ސަލާހް ހޯދުމަށް ފްރާންސްގެ ޕީއެސްޖީން ދަނީ މަސައްކަތް ކުރަމުންނެވެ. އާނޮލްޑް ސްޕޭނުގެ ރެއާލް މެޑްރިޑަށް ސޮއިކުރުމާ ގާތަށް ހިނގައްޖެކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި ވެންޑައިކް ވެސް ވަނީ އޭނާގެ ކުރިމަގު ޕީއެސްޖީގެ ވެރިންނާ ހިއްސާކޮށްފަ އެވެ.