ކުޅިވަރު

ސްޕެއިން ބަހަށް ފަރިތަނުވުމުގެ ފައިދާނަގައިގެން ނުވާނެ: ލުނިން


ސްޕެނިޝް ލީގުގައި މި ހަފުތާގައި ލެގަނޭސް އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ގޯލްކީޕަރު ބަދަލުވެފައި ހުރުމުންނެވެ. ރެއާލްގެ އެއްވަނަ ގޯލްކީޕަރަކީ ބެލްޖިއަމްގެ ތިބައޫ ކޯޓުއާ އެވެ. އޭނާ ދަނީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ޓީމުގެ ރިޒާވް ކީޕަރަކީ ޔުކްރެއިނުގެ އަންދްރޭ ލުނިންނެވެ. އެއްވަނަ ކީޕަރުކަމާމެދު މެދުގައި މި ދެ ކުޅުންތެރިންގެ މެދުގައި ކޯޅުން އެބައޮތެވެ.

މިކަން ފެށުނީ ހުސްވި ސީޒަނާ ހިސާބުންނެވެ. ކޯޓުއާ އަށް ޕްރީ ސީޒަނުގައި އަނިޔާވުމުން މުޅި ސީޒަން ކަހަލަ ގޮތަކަށް ރެއާލްގެ ގޯލް ބެލެހެއްޓީ ލުނިންނެވެ. މޮޅަށް ކުޅެ ގިނަ ސޭވްތަކެއް ކުރި އެވެ. އެކަމަކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ރެއާލްއިން ގޯލްކީޕަރަކަށް ނެރުނީ ކޯޓުއާ އެވެ. ލުނިން އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ މިކަމާ އެވެ. އޭނާ މޮޅަށް ކުޅެކުޅެ ހުއްޓައި ކޯޓުއާ އައުމާއެކު އޭނާ އަށް ގޯލް ބެލެހެއްޓުން ހަވާލު ކުރުމުންނެވެ.

ކުލަބު ބަދަލުކޮށްފާނެތީވެ ރެއާލްއިން އަވަހަށް ލުނިންގެ ކޮންޓްރެކްޓް ވެސް ކުރިއަށްވުރެ ބޮޑު މުސާރައިގައި އައުކުރި އެވެ. އެކަމަކު މަދުމަދުން ލިބޭ މެޗުތަކުގައި ލުނިންގެ ފަރާތުން މިހާރު ފެންނަނީ ދަށް ކުޅުމެކެވެ. މީގެ އެއް ސަބަބަކީ ސްޕޭނުގެ ނުސްވެރިން ދެކޭ ގޮތުގައި ސްޕޭން ބަހުން އޭނާ މުއާމަލާތް ކުރާ ގޮތް ކޮށިވުމެވެ ދަނޑުމަތީގައި އޭނާ ދޭ ކޮމާންޑްތައް ކުޅުންތެރިންނަށް ރަނގަޅަށް ދޭހަނުވުމެވެ.

"އޭގެ އެޑްވާންޓޭޖް ބައެއް މީހުން ނަގާ. އަދި މަސައްކަތް ވެސް ކުރޭ. އަހަރެން ދައްކާ ވާހަކަ ގޯސްކޮށް ތަރުޖަމާ ކުރުމަކީ އަހަރެންނަށް އެހާ ކަމުދާ ކަމެއްނޫން. އަހަރެން ވެސް މިކަން (ބަސް އެނގޭ މިންވަރު) ރަނގަޅު ކުރަން ބޭނުން. އަހަރެން ބޭނުން އަހަރެންނަށް ސްޕޭން ބަސް އެނގޭ މިންވަރު އިތުރުކުރަން. އިއްޔެގެ މެޗަކީ އަހަރުމެން މޮޅުވުން ހައްގު މެޗެއް،" ލުނިން ބުންޏެވެ.

ލެގަނޭސް އަތުން 3-2 އިން ރެއާލް މޮޅުވި މެޗުގައި ފުރަތަމަ ގޯލު ޖެހީ ރެއާލް އެވެ. އެކަމަކު ފަހަތުން އަރައި ލެގަނޭސް ވަނީ 2-1 ގެ ނަތީޖާއަކުން ލީޑު ހޯދާފައެވެ. މި ލީޑު ލިބުމުގައި ލުނިންއަށް ހެދުނު ގޯސްތަކެއްވާކަން ސްޕޭނުން މީޑިއާތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

މިވާހަކަ އެންމެ ބޮޑަށް ގަދަވެގަތީ މި މެޗަށް ފަހު ސްޕޭން ބަހުން ލުނިން ރެފްރީންނާ މެދު ދެއްކި ވާހަކައިންނެވެ. އޭނާ ބުނީ "އަހަރެން ރެފްރީންގެ ނިންމުންތަކުގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން. އެއްވެސް އެހީއަކާ ނުލައި އަހަރުމެން މި މެޗުތައް ކާމިޔާބު ކުރަން ބޭނުން،" ކަމަށެވެ.

ސްޕޭނުގެ މީޑިއާތަކުން ބުނަނީ ލުނިން ބުނަން ބޭނުންވީ މި މެޗުތަކުގައި ރަނގަޅަށް ކުޅެ ނަތީޖާ ނެރެން ޖެހޭ ކަމަށާއި ރޭވުންތެރިކަމާއެކު ކުޅެ ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފެހެއްޓިދާނެ ވާހަކަ ކަމަށެވެ.

ލުނިން އަކީ 2018 ވަނަ އަހަރުން ފެށިގެން ސްޕޭނުގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ރެއާލް އަށް ބަދަލުވުމުގެ ކުރިން ރެއާލް އޮވިއެޑޯ އާއި ރެއާލް ވަޔަޑޮލިޑަށް ވެސް ކުޅެފަ އެވެ.